ފިޔާޒުގެ މައްޗަށް ކުށް ސާބިތެއް ނުވި

ފުލުހެއްގެ މޭމަތީގައި ޖެހި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒްގެ މައްޗަށް ކުރި އަތްލުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ފިޔާޒްގެ މައްޗަށް މި ދައުވާކުރީ ނޮވެމްބަރު، 2015 ގައި މުލިއާގެ ކައިރިން ބޮމެއް ފެނިގެން މާފަންނު ސްޓޭޑިއަމް ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް އެތަނުގެ ތެރޭގައި ފުލުހެއްގެ މޭމަތީގައި ޖެހި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަވަމުން، އެ މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކާއި ފިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަހަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ފިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވާ މިންވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ. އެހެންވެ، ފިޔާޒްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާރިފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ފިޔާޒް ފުލުހެއްގެ މޭމަތީގައި ޖެހި ކަމަށް ތިން ފުލުހަކު ހެކިބަސް ދީފައި ވިޔަސް އެފަދަ ކަމެއް ފިޔާޒް ނުކުރާ ކަމަށް ފިޔާޒްގެ ދިފާއީ ތިން ހެކިވެރިން ބުނެފައިވާ ކަމަށެވެ. ފުލުހެއްގެ ގައިގައި ޖަހައި ނުވަތަ އަމުރަކަށް ނުކިޔަމަންތެރިވުން ފަދަ އެއްވެސް ކަމެއް އެރޭ ފިޔާޒް ނުކުރާ ކަމަށާއި ބަންދުކޮށްފައި އޮތް ސަރަހައްދުން ދާން އެންގުމަށް ފަހު ކުއްލި ގޮތަކަށް ފުލުހުން ފިޔާޒް ހައްޔަރުކުރީ ކަމަށް ދިފާއީ ހެކިން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ ކުރިން ހުސެއިން ފިޔާޒު މޫސާ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފިޔާޒްގެ ދިފާއުގައި ހެކިބަސް ދިން ތިން މީހުންނަކީ ފިޔާޒާ އެކު ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ތިން ނޫސްވެރިން ކަމަށްވާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ދައުލަތުން ބުނެފައި ވިޔަސް އެ މީހުންނަކީ އެރޭ އެ މަންޒަރު ގާތުން ފެނުނު މީހުން ކަން ގާޒީ ފާހަގަކުރެއްވި އެވެ.

ފިޔާޒް ހައްޔަރުކުރި ވަގުތު ރާއްޖެ ޓީވީން ވަގުތުން ގެނެސްދެމުންދިޔަ ޕްރޮގްރާމްގައި ވެސް، ފުލުހުން ނޫސްވެރިއަކަށް އަނިޔާކޮށް ހައްޔަރުކުރި ކަމަށް ބުނެފައި އޮތުމުން، ދިފާއީ ހެކިން ޝަރީއަތުގައި ބުނާ ބުނުމަކީ އުފައްދައިގެން ދައްކާ ވާހަކައެއް ކަމަށް ނުބެލެވޭ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. ދިފާއީ ހެކިވެރިންނަކީ އެ މައްސަލާގައި ފިޔާޒާ އެކު ތުހުމަތު ކުރެވުނު ބައެއް ނޫންކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވި ގޮތުގައި އެ މީހުން ހެކިބަސް ގަބޫލު ނުކުރެވޭ ފަދަ ކަމެއް އޮތް ކަން ދައުލަތަށް ނުދެއްކެ އެވެ.

ފިޔާޒްގެ ދިފާއީ ހެކިވެރިން އެތަނަށް ދިޔައީ ނޫސްވެރިންގެ ހައިސިއްޔަތުން ކަމަށްވާއިރު ނޫސްވެރިކަމުގެ ހައްގަކީ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ކުރިއެރުވުމަކީ ދައުލަތުގެ ޒިންމާއެއް ކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

އެ ދައުވާ ފިޔާޒްގެ މައްޗަށް ސާބިތުވި ނަމަ އެއް މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ.