ޖަލުގެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު އެދިވަޑައިގެންފި އެވެ.
ފަރުވާއަށް ބޭރަށް ފޮނުވައިދޭން އާދޭސްކުރަމުން ދަނިކޮށް، ރިޝްވަތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ތިން އަހަރަށް ގާސިމް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް އަޒްލީން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއެކު އޭނާ ރާއްޖޭން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސަން ކަމާގުޅޭ މުއައްސަސާތަކަށް އަމުރުުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ރާއްޖޭން ބޭރުން ގާސިމަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާ ވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ،
ގާސިމަށް ޖަލުގެ ހުކުމް އިއްވެވީ ވެސް އެޑްމިޓްކޮށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ބޭސްފަރުވާގެ ކަންތައްތައް ލަސްވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ބަލަމުންނެވެ.
މިނިސްޓަރުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ގާސިމްގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން، ބޭރަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަސްމީކޮށް އެދިފައެއް ނުވެ އެވެ. ނަމަވެސް ބޭރަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތަކަށް ގިނަ ދުވަސް ވާނަމަ، އެކަންތައްތައް ހަމަޖެހެންދެން، ރާއްޖޭން ބޭރުން ޑޮކްޓަރުން ގެންނަން ބޭނުންވާނަމަ އެ ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގެންފަ އެވެ.
"...ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަންކަން ހަމަޖެއްސުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ، އެކަންކަން ހަމަޖެހެންދެން، އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދެވުމަށާއިި، އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުން ގެންނަވަން ގާސިމް އިބްރާހިމް ބޭނުންފުޅުވެލައްވާނަމަ، މީގެ ކުރިން ވެސް އެތަނަވަސްކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ތަަނަވަސްކޮށްދެއްވާފައިވާ ފަދައިން އެފަދަ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ އިހުތިޔާރު އެމަނިކުފާނަށް ދެއްވުމަށާއި، އަދި އެ ބޭފުޅުންނަށް އައިޖީއެމްއެޗުގެ ވަސީލަތްތައް ބޭނުންކުރުމާއި އިތުރު ވަސީލަތްތައް ގާއިމްކޮށްގެން ވެސް ފަރުވާ ދެވޭނެ ފުރުސަތު އޮތްކަން އަންގަވައިދެއްވުމަށް ދެންނެވީމެވެ،" އަޒްލީން ފޮނުއްވި ސިޓީގައި ވެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ ކޯޓު އަމުރާ އެއްގޮތަށް ގާސިމްގެ ބޭސްފަރުވާގެ ކަންތައްތައް ހަމަޖަައްސަމުންދާ ކަމަށާއި އެކަމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުރަހެއް ނާޅާނެ ކަމަށެވެ.
އަޒްލީން ވިދާޅުވިގޮތުގައި އޭޑީކޭ ހޮސްޕިޓަލުން ގާސިމް ދޫކޮށްލުމުން، ހުކުމް ކުރުމާ ހަމައަށް ވެސް އޭނާ ބޭރަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގައި އެދިވަޑައިގެންފައެއް ނުވެ އެވެ. އެހެންވެ ބޭސްފަރުވާ އަށް ނުފޮނުވި ލަސްވަނީ ސަރުކާރުގެ އިދާރާތަކުގެ އިހުމާލުން ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ ހަފުތާގައި އެމަނިކުފާނު [ގާސިމް] ހުންނެވީ ހެޔޮހާލުގައި. ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި، ޖަލްސާތަކަށް ވަޑައިގެންނެވި، އެވަރުން ނުވެގެން މިތާ ކައިރި ބައެއް ރިސޯޓުތަކަށް ވެސް ވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބޭ. އެމަނިކުފާނުގެ ހާލުކޮޅާ މެދު ވިސްނިވަޑައިގަންނަވާ ނަމައީ، ހަމަ ރަނގަޅެއް ނޫންތޯ މި މުއްދަތުގެ ތެރޭގައި ހުށަހަޅުއްވަން ތިމަންނަ ބޭރަށް ވަޑައިގަންނަވަން ޖެހެއޭ، އެކަމަކު އެކަަހަލަ އެއްވެސް ރިކުއެސްޓެއް ނެތް،" އަޒްލީން ވިދާޅުވި އެވެ.
ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިިދިޔަ މަހުގެ ތެރޭގަ އެެވެ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އެނގިވަޑައިގަތީ އާލާސްކަންފުޅާ އުޅުއްވާތީ މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ސްރީ ލަންކާ އަށް ވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތް ފަހުންނެވެ.