ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި އަޒްލީން ވިދާޅުވީ އަދީބާ މެދު ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ، ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމަށެވެ. އަދި އަދީބާ މެދު ހާއްސަ ނަޒަރެއް ސަރުކާރުން ގެންގުޅެމުން ނުދާ ކަމަަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"އަދީބަށް ހައްގު ކަންތައްތަކެއް ކޮށްދެމުން ސަރުކާރުން އެދަނީ. އަދީބުގެ ބޭސްފަރުވާ އަށް ސަރުކާރުން އިހުމާލެއް ނުވާނެ. ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކޮށްދޭނެ،" އަޒްލީން ވިދާޅުވި އެވެ.

އަދީބަކީ ދައުލަތުގެ ގިނަ ފައިސާތަކަކަށް ހިޔާނަތްތެރިވެފައިވާ ބޭފުޅަކަށްވާތީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ، އެ ހުރިހާ ފައިސާ ދުވަހަކު ވެސް ނުލިބިދާނެ ކަން ރައްޔިތުން އިހްސާސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބަކީ ދައުލަތުގެ ފައިސާ ނަންގަވައި، އެ ބޭނުން ކުރައްވާފައި ހުރި ކަމަށް ތުހުމަތު ކުރެއްވޭ ބޭފުޅެއް ކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށް، ޝަރީއަތް ކުރަމުން އަންނަ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ސަރުކާރުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

އަދީބުގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އޭނާ އަށް ވަނީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އޭނާގެ ލޮލަށް ގްލުކޮމާ ޖެހި، އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ އަށް އެދުނުތާ އެތައް ދުވަހެއް ވީއިރު، ވެސް ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ތިބޭ ގައިދީން ބަލިވީމަ، އެހެން ގައުމުތަކަށް ބޭސްފަރުވާ އަށް ފޮނުވުމަކީ ސަރުކާރުތަކުން ކުރާ ކަމެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، ވަރަށް ގިނަ ހިދުމަތްތަކެއް ރާއްޖެ އިން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިތައް ފަހަރުތޯ އަދީބު އައިޖީއެމްއެޗަށް ގެންދަވައިގެން، އޭޑީކޭ އަށް ގެންދަވައިގެން ހިދުމަތް ދެއްވާފައި ވަނީ؟" އަދީބު ޑޮކްޓަރަށް ދެއްކުމަށް އެކި ފަހަރުމަތިން މާލެ ގެނައިކަން ފާހަގަކުރައްވައި އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވަނީ އަދީބާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އަދި އަދީބަށް ލިބިވަޑައިގަންނަވަން ޖެހޭ ހުރިހާ އިނާޔަތްތަކެއް ސަރުކާރުން ފޯރުކޮށްދޭ ކަމަށާއި ޖަލުތަކުގައި ތިބި ހުރިހާ ގައިދީންނާ މެދު އަމަލު ކުރަނީ އިންސާނިއްޔަތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މައުލޫމާތު ސާފު ކުރިއިރު އަދީބު ދުވާލަކު އެއްފަހަރު އެއް ގަޑިއިރަށް ނިކުމެވަޑައިގެން ފުޓްބޯޅަ ވެސް ކުޅުއްވާ ހައްދަވާ ކަމަށް މައުލޫމާތު ލިބެނީ،" އަޒްލީން ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.