ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާ އިން ބޭސްފަރުވާ ކުރެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.


އެކި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ރާއްޖެ ވަޑައިގަތީ އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކު މިއަދު ހަވީރެވެ. ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އޭނާ ވަޑައިގަތީ ދިރިއުޅުއްވާ ގެއަށެވެ.

އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ބޭރުގައި ފިއްލެވުމުގެ ފުރުސަތު ނުދިނުމަށް އޭނާ ބޭރަށް ފުރުވާލީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ޓީމަކާ އެކުގަ އެވެ.

ބޭސްފަރުވާ ކުރަން އަދީބަށް ދިން މުއްދަތު މިދިޔަ މަހުގެ 26 ގައި ހަމަވާން އޮތަސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދީފަ އެވެ.

އިންޑިއާގައި ތިން ހަފްތާއެއްހާ ދުވަހު އުޅުއްވުމަށް ފަހު އަދީބު ރާއްޖެ ވަޑައިގެންނެވި ނަމަވެސް ހަ މަސް ފަހުން އަލުން ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ވަނީ ލަފާ ދެއްވައިފަ އެވެ.

އަދީބަށް ގުލަކޯމާ ޖެހިފައިވާކަން އެނގުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި އެކަމާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނުގެ ރަސްމީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ އެކި މައްސަލަތަކުގައި އޭނާ އަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު، އަދީބަށް ކުރި ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.

އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިންމާ އިން ރެކިވަޑައިގަތުމާއި ފިއްލެވުމަކީ އުސޫލެއް ނޫން ކަމަށާއި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގަށް ކުރިމަތިލައްވާނެ ކަމަަށެވެ. އަދީބު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނެވިއިރު، އެތަނުގެ ތޭރިތަކުގެ ތެރެއިން ސުލްހަ އާއި އުންމީދުގެ އަލިކަމެއް ފެނިވަޑައިގެންނެވި އިރު، އެންމެ ހިތްދަތި ވަގުތު މަސައްކަތް ކުރެއްވީ އިންސާފު ހޯއްދެވުމަށެވެ.