އަދީބު ގެނެސް ހުކުމް ތަންފީޒުކުރާނެ ކަމުގެ ވައުދު ފުއްދިއްޖެ: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލުމުގެ ފުރުސަތު ނުދީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުކުރަން ވީ ވައުދު ފުއްދިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.


އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ އެކި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް އޮއްވައި އެ ހުކުމްތައް ކޯޓުން ބާތިލްކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭރު ވެސް ހުންނެވީ ކޯޓުގެ ހުރުމަތްކެނޑި ކަމުގެ ކުށުގައި އޮތް 15 ދުވަހުގެ ބަންދެއްގަ އެވެ. ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މިދިޔަ މަހުގެ 14 ގައި އިންޑިއާ އަށް ވަޑައިގެން ފަރުވާ ހޯއްދެވުމަށް ފަހު އަދީބު ވަނީ މިއަދު މާލެ ވަޑައިގެންފަ އެވެ.

އަދީބު ވަޑައިގަތުމުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުތަކުގެ މަފްހޫމާއި އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސް، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ބަކީ ބައި ތަންފީޒު ކުރާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދެއްވި ކަމަށެވެ.

"އަޅުގަނޑުމެން ވި ވައުދު ފުއްދައިފިން،" އިމްރާންގެ ޓުވީޓުގައިވެ އެވެ.

އަދީބު އިންޑިއާ އަށް ފޮނުވައި އަނބުރާ ގެނައުމުގެ ކާމިޔާބު އޮޕަރޭޝަނެއް ހިންގުނީ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޮޑު ދައުރެއް އޮވެގެން ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންވެ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އަދި ހޯމްމިނިސްޓްރީގެ ޓީމަށް އިމްރާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ބޭސްފަރުވާ ކުރަން އަދީބަށް ދިން މުއްދަތު މިދިޔަ މަހުގެ 26 ގައި ހަމަވާން އޮތަސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދީފަ އެވެ. ބޭރުގައި ފިއްލެވުމުގެ ފުރުސަތު ނުދިނުމަށް އޭނާ ބޭރަށް ފުރުވާލީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ޓީމަކާ އެކުގަ އެވެ.

އިންޑިއާގައި ތިން ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވުމަށް ފަހު އަދީބު ރާއްޖެ ވަޑައިގެންނެވި ނަމަވެސް ހަ މަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން، އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނުގެ ރަސްމީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ އެކި މައްސަލަތަކުގައި އޭނާ އަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު، އަދީބަށް ކުރި ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.

އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މިދިޔަ މަހުގެ 18 ގަ އެވެ. އެކަމަކު ބޭސްފަރުވާ އަށް ފުރާވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ހުކުމް ތަންފީޒުކުރުން މެދުކެނޑޭނެ އެވެ.

އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިންމާ އިން ރެކިވަޑައިގަތުމާއި ފިއްލެވުމަކީ އުސޫލެއް ނޫން ކަމަށާއި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގަށް ކުރިމަތިލައްވާނެ ކަމަަށެވެ. އަދީބު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނެވިއިރު، އެތަނުގެ ތޭރިތަކުގެ ތެރެއިން ސުލްހަ އާއި އުންމީދުގެ އަލިކަމެއް ފެނިވަޑައިގެންނެވި އިރު، އެންމެ ހިތްދަތި ވަގުތު މަސައްކަތް ކުރެއްވީ އިންސާފު ހޯއްދެވުމަށެވެ.