ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް އުޅުއްވި ކަމުގެ އިތުރުން ވެސް ގިނަ ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ. އެކަމަކު ފަރުވާ އަށް ބެންގަލޫރުގައި މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާ ނަމަ މި މަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ޓިކެޓު ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
އަދީބާ އެކު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބުގެ ދަތުރުގައި ސަލާމަތީ ކަންކަން ވާނީ ވަރުގަދަކޮށްފަ އެވެ. އޭނާ އެކު އިންޑިއާގައި ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދީބު ބޭރަށް ފުރުމުގެ ހުއްދަ ދިނުމާ އެކު ގިނަ ބަޔަކު ކަންބޮޑުވީ އޭނާ ފިލާފާނެތީ އެވެ. އެކަމަކު އެ ފުރުސަތެއް އޭނާ އަށް ނުލިބޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ދައުލަތުގެ މަސްލަހަތާއި އަދީބުގެ ރައްކާތެރި ކަމަށްޓަކައި ވެސް ފުލުުހުންގެ އިންތިޒާމްތައް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދައުލަތުގެ މަސްލަހަތާ ގުޅޭ ގިނަ ކުށްތަކެއްގައި ހިމެނޭ އަދީބު ބޭރަށް ފޮނުވަނީ އިތުރު ގޮތެއް ނެތިގެންނެވެ.
ރާއްޖެ އިން ލިބެން ނެތް ފަރުވާއެއް އަދީބަށް ދިނުމަށް ޑޮކްޓަރުން ވަނީ ތަކުރާރުކޮށް ލަފާ ދީފަ އެވެ. ރާއްޖެ އިން ބޭރުން މާހިރަކު ގެނެސްގެން ވެސް ފަރުވާދެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަމަކު ބޭރަށް ފޮނުވުން ނޫން އިތުރު ގޮތެއް ނުފެނުނު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 18 ގަ އެވެ. އެކަމަކު ބޭސްފަރުވާ އަށް ފުރާވަޑައިގަތުމާ އެކު މިއަދުން ފެށިގެން އެ ހުކުމް ތަންފީޒުކުރުން މެދުކެނޑޭނެ އެވެ.