ދިވެހި ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް ރައީސް ޔާމީން އެދިވަޑައިގެންފި

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ ދިވެހިންނަށް، ރައީސް އަބްދުﷲ ޔާމީން ހެޔޮ އެދުމާއި ތަހުނިޔާ މިއަދު ފޮނުއްވައި މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފި އެވެ.


މިހާރު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނަށް އެ މަނިކުފާނުގެ ތަހުނިޔާ ރައްދު ކޮށްދެއްވީ، މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް އައިސް ތިބި ހައްޖުވެރިންނާ މިއަދު ހަވީރު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ވަކިން ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ ރައީސުލް ޖުމްހޫރިއްޔާ ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގަންނަވާ. އަދި ތި ބޭފުޅުންނަށް ވަރަށް ފާގަތި ބާއްޖަވެރި ދަތުރުފުޅަކަށް ވެސް އެދިވަޑައިގަންނަވާ. އެހެންވީމާ ރައީސުލް ޖުމްހޫރިއްޔާގެ ސަލާމް ހުރިހާ ބޭފުޅުންނަށް މިވަގުތު ވެސް ދަންނަވަން އެމަނިކުފާނުގެ ފަރާތްޕުޅުން. އަދި ދިވެހި ހުރިހާ ހައްޖުވެރިންގެ ކަންތައް ވަރަށް ގާތުން ބަލަހައްޓަމުން ގެންދާނެ ކަން ވެސް ފާހަގަ ކުރަން."

ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބި ރިފާއުއް ސައްދު ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ ހައްޖުގައި ބައިވެރިވާ ހުރިހާ ދިވެހިންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބައެއް މީހުންނާ މިނިސްޓަރު ސައީދު މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

މިނިސްޓަރު ވިދާޅުވީ ހައްޖުވެރިންގެ ކަންތައް ވީހާ ގާތުން ބެލެހެއްޓުމަކީ ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. ހައްޖު ކޯޕަރޭޝަނާއި ސައޫދީގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ހައްޖުވެރިންގެ ކަންތައް ލުއި ފަސޭހަ ގޮތަކަށް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރެއްވި ކަމަށާއި، އެ ގޮތުން ހައްޖުވެރިން ސައޫދީ އަށް އެތެރެވުމުގަ އާއި ހައްޖުވެރިންނަށް ވިސާ ހޯދުމުގައި އެހެން އަހަރުތަކަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަހަރުގެ ހައްޖުގައި ރާއްޖޭގެ 1،300 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މިއަހަރުގެ ހައްޖަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެ އަށް ދިނީ 1،000 މީހުންގެ ޖާގަ އެވެ. ނަމަވެސް އެ ޖާގަ އަށް ހުރިހާ ދިވެހިން މައްކާ އަށް އައި ފަހުން، ސައޫދީ ސަރުކާރުން އިތުރު 1،000 ޖާގަ ރާއްޖެ އަށް ދިނެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވުމުގެ ސަބަބުން، އެ ޖާގަ އަށް ރާއްޖޭން އާދެވުނީ 300 މީހުންނަށެވެ.

މިއަހަރުގެ ހައްޖަށް ރާއްޖޭން މީހުން ގެނައީ ހަތަރު ކުންފުންޏަކުންނެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 1،000 މީހުންނާއި ޒައީ ގުރޫޕްގެ ހަވާލުގައި އައި 100 މީހުންނާއި ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނާއި ހަރަމައިން ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނެވެ.