އާންމުންނާ އެކު ދިވެހި ސަފީރަށް ހައްޖު ދަތުރުގެ އެހެން މަންޒަރެއް!

މީގެ ކުރިން ވެސް ރާއްޖޭގެ މަތީ ފެންވަރުގެ އެކި ބޭފުޅުން ހައްޖަށް ވަޑައިގެންފައިވެ އެވެ. ދައުލަތުގެ އެންމެ އިސް ވެރިންނާއި ސަފީރުންނާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލީހުގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ ހައްޖަކީ "ވީއައިޕީ" ހައްޖެކެވެ. އާންމު ހައްޖުވެރިން އުފުލަންޖެހޭ އެއްވެސް ދަތި އުނދަގުލެއް އެ ބޭފުޅުންނާ ކުރިމައްޗެއް ނުވެ އެވެ.


ނަމަވެސް، ސައޫދީގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު މި އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވީ ދިވެހި އާންމު ހައްޖުވެރިންނާ އެކުގައި، އެންމެ އާދައިގެ ފޭލިގެތަކުގަ އެވެ. ބޭނުން ކުރެއްވީ އާންމު ހައްޖުވެރިން ބޭނުންކުރެއްވި ފާޚާނަތަކެވެ. ދަތުރުފަތުރުތައް ވެސް އެންމެ އާދައިގެ ހައްޖުވެރިންނާ އެކުގަ އެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟ ވީއައިޕީ ފުރުސަތު ލިބިވަޑައިނުގަތީއެއް ނޫނެވެ! އެ މަނިކުފާނުގެ ތަޖުރިބާ "މިހާރު" އާ ހިއްސާ ކުރައްވަމުން އެ ސުވާލުތަކުގެ ޖަވާބު ވެސް ދެއްވި އެވެ.

މިހާރު: ބޭނުންފުޅުވި ނަމަ ވީއައިޕީ ފެންވަރުގައި ވެސް ހައްޖު ވެވުނީސް ނޫންތޯ؟ ކީއްވެތޯ އެ ގޮތް ޚިޔާރު ނުކުރެއްވީ؟

ސަފީރު: އެހެން. އެ ފުރުސަތު ލިބުނު އަޅުގަނޑަށް ވެސް. މިތާނގެ ފޮރިން މިނިސްޓްރީން، މިތާނގައި ތިބޭ ޑިޕްލޮމޭޓުންނަށް ޚާއްސަ ހުއްދައެއް ދޭ. އެ ހުއްދައިގެ ދަށުން އަޅުގަނޑަށް ވެސް މައްކާ އަށް އާދެވުނީ. ވީއައިޕީގެ ގޮތުގައި ހުރުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނު. އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖޭން ފޮނުއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުންނެވި ތަނުގައި ހުރުމުގެ ފުރުސަތު ވެސް އަޅުގަނޑަށް ލިބުނު. އަދި ޑިޕްލޮމޭޓުންނަށް އޮންނަ ޚާއްސަ ޕެކޭޖް ބޭނުން ކުރުމުގެ ފުރުސަތު ވެސް އޮތް. އެހެން ނަމަވެސް އެކަން ޚިޔާރު ނުކޮށް މިފަހަރު ހަމަ ބޭނުންވީ އަޅުގަނޑުމެންގެ އާންމު ހައްޖުވެރިންގެ ތެރޭގައި މަޑުކޮށްލަން."

އާންމު ހައްޖުވެރިންގެ ތެރޭގައި ހުންނެވުމުގެ މަގްސަދަކީ ކޮބައިތޯ؟

ސަފީރު: އަޅުގަނޑު ހަމަ ބޭނުންވީ އަޅުގަނޑުމެންގެ ހައްޖުވެރިން ވަޑައިގެން އުޅުއްވާ ގޮތް، އެއީ ދަތިކަމެއް ވިޔަސް އަދި އުނދަގޫ ކަމެއް ވިޔަސް ނުވަތަ ހިތްހަމަޖެހިގެން އުޅުއްވި ނަމަވެސް ހަމަ ދެކިލަން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު ސައޫދީ އަރަބިއްޔާގައި ސަފީރެއްގެ ގޮތުގައި ހުންނަ އިރު ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާ ކަމެއް، ރާއްޖޭން ބޭރުގައި، ކޮންމެ ތަނެއްގައި ވިޔަސް ދިވެހިންގެ ކަންތަކަށް ލުއިފަސޭހަ ހޯދައިދީ ކަންތައް ފުރިހަމަ ކޮށްދިނުން. ދިވެހިންގެ އެންމެ ގިނަ ބަޔަކު އެއްފަހަރާ ސައޫދީ އަށް ވަޑައިގަންނަވަނީ ހައްޖަށް. ހައްޖުގެ ކަންތައް ފުރިހަމަ ގޮތެއްގައި ދިވެހިންނަށް ފަސޭހަވާނެ ގޮތަކަށް އިންތިޒާމުކޮށް އެކަންތައް ކުރުމަށް އެހީތެރިވުމަކީ އަޅުގަނޑުގެ ވެސް ވާޖިބެއް. އެހެންވީމާ އަޅުގަނޑު ލޮލުން ދެކި އަތުން ހިފުމަށްޓަކައި މިތާ (އާންމު ހައްޖުވެރިންނާ އެކުގައި) ހުރުމަށް ނިންމީ. މި ގޮތަށް ހައްޖުގައި ބައިވެރިވުމުން ވަރަށް ގިނަ ކަންތަކެއް އަޅުގަނޑަށް ފެނި ކަމާ ބެހޭ ފަރާތްތަކުގައި މި ވާހަކަތައް ދަންނަވާނެ ފުރުސަތު ވެސް މިއޮތީ އަޅުގަނޑަށް ލިބިފައި."

ހައްޖަށް ވަޑައިގަތުމުގެ ކުރިން ކަންކަމާ މެދު ޚިޔާލުފުޅު ކުރެއްވި ގޮތަށްތޯ ކަންތައް ވެގެން ދިޔައީ؟

ސަފީރު: އަޅުގަނޑު ހައްޖަށް އައި ތިން ވަނަ ފަހަރު މިއީ. މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން ފުރަތަމަ އައީ އަމިއްލަ ގުރޫޕަކާ ގުޅިގެން. އެފަހަރު ވެސް ބައެއް ކަންތައްތަކުގައި ތަންކޮޅެއް ޚާއްސަކޮށް އަޅުގަނޑަށް ފުރުސަތު ލިބިފައި އޮތް. މިސާލަކަށް އަރަފާތުގައި ހުރުމުގައި ވެސް ހާއްސަ ޓެންޓެއްގައި މަޑުކޮށްލެވުނު. ނަމަވެސް ތި ވިދާޅުވިހެން އެންމެ އާދައިގެ ގޮތަށް ދަންނަވަންޏާ އެންމެ އާދައިގެ ހައްޖުވެރިންނަށް ދިމާވާ ކަންތައްތަކާ އެ މަންޒަރުތައް މި ފަހަރު އަސްލު ހަގީގަތުގައި އަޅުގަނޑަށް ރަނގަޅަށް މި ފެނުނީ. ދެން އޭގެ ފަހުން ވެސް އަޅުގަނޑަށް އާދެވުނީ އަމިއްލަ ގޮތުން ނޫން ކަމަށް ވެފައި، ސަރުކާރުގެ ހައިސިއްޔަތުން ބޭފުޅެއްގެ އަރިހުގައި އައިމާ، މިފަހަރު މި ފެނުނު ފެންވަރުގައި އެއްވެސް ކަމެއް ފެނިފައެއް ނެތް. އެހެން ވެގެން އަޅުގަނޑު ބޭނުންވީ އަޅުގަނޑުމެންގެ މީހުންގެ ތެރޭގައި މަޑުކޮށްލަން.

ކޮބައިތޯ އަރަފާތުގައި ކުރެއްވުނު ތަޖުރިބާ އަކީ؟

ސަފީރު: އަރަފާތުގައި މިހާރު މި ތިބެނީ ޓެންޓުތަކެއްގައި. މިއީ ސައޫދީގެ ހޫނު މޫސުމަށް ވުމުން، ބައެއް ދުވަހު 40-42 ޑިގްރީގައި ހޫނުމިން މި ހުންނަނީ. އެހެންވީމާ އަރަފާތުގެ ޓެންޓުތަކުގައި ވެސް އާދަޔާ ޚިލާފަށް ހޫނު ގަދަ. އެކަމަކު ޓެންޓުތަކުގައި ބަހައްޓާފައި ހުންނަ އެއާ ކޫލަރުތައް ވެސް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރޭ. އެއީ ފެނުގެ ޒަރީއާ އިން ވައި ފިނިކޮށްދޭ ސިސްޓަމްތަކެއް. އެހެންވީމާ އެ ސިސްޓަމްތަކަށް ލިބެންވާ ފެން ގިނަ ފަހަރަށް ލިބިފައެއް ނުހުރޭ. ވަރަށް ގިނަ ފަހަރަށް އަޅުގަނޑު ވެސް ގޮސް މުއްޠައްވިފް (ހައްޖުގެ ސައޫދީ އޭޖެންޓް)އާ ވާހަކަ ދައްކައިގެން ބައެއް ސިސްޓަމްތަކަށް ފެން އެޅުވިން. ބައެއް ފަހަރު އަޅުގަނޑުމެން އަމިއްލަ އަށް ވެސް އެކަން ކުރިން.

ފާޚާނާ ކުރުމުގެ އިންތިޒާމުތައް އަރަފާތުގައި ހުރީ ހަމަ ވަރަށް ރަނގަޅު މި ޒަމާނުގެ ފާޚާނާތަކެއް. ނަމަވެސް، ދެކުނު އޭޝިޔާގެ ގައުމުތަކުގެ ގިނަ ބަޔަކު އެތަން ބޭނުންކުރާ އިރު، ދިވެހިންނަށް އެކަމުގެ އުނދަގޫތައް ވަރަށް ބޮޑަށް ފޯރި. ފާޚާނާތައް ހުރީ ޚިޔާލަށް ވެސް ނުގެނެވޭހާ ބޮޑަށް ހަޑިވެ ނަޖިސްވެފައި. އަނެއްކާ އަރަފާތު ދުވަހު މެންދުރު ފަހު ތިނެއްގެ ފަހުން ބޯފެން ފޮދެއް ވެސް ނުލިބޭ. އެހެންވީމާ މި ތަކުލީފު އޮތީ އަޅުގަނޑުމެން (101 ނަންބަރު މުއްޠައްވިފްގެ ބެލުމުގެ ދަށުގައި ތިބި) ހުރިހާ ދިވެހިންނަށް ކުރިމަތިވެފައި.

ދިވެހި އާންމު ހައްޖުވެރިންނާ އެކު، ދިވެހި ސަފީރު އަބްދުﷲ ހަމީދު ޖަމްރާތަކަށް ހިލަ އުކަން ވަޑައިގަންނަވަނީ.
މިނާގައި ވެސް ތި ހުންނެވީ 101 ނަންބަރު މުއްޠައްވިފްގެ ޓެންޓުގައި، ކޮބައިތޯ މިނާގައި ކުރެއްވުނު ތަޖުރިބާތަކަކީ؟

ސަފީރު: ވަރަށް ގޯސް އިނގޭތޯ. މިހެން ދަންނަވަން ވެސް ދެރަވޭ. އެހެން ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް. އެ ޓެންޓުތަކަށް އެންމެ ކުރިން އައި މީހަކަށް ވާނެ އަޅުގަނޑު. އޭރުން ފެށިގެން ވެސް އެ ޓެންޓުތަކަށް ފެން ނުލިބުމުގެ މައްސަލަ ކުރިމަތިވި. ބައެއް ފަހަރު ފާޚާނާތަކުގައި ވެސް ފެން ނެތި ދިޔަ. އަނެއްކާ އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ މައްސަލަ ކުރިމަތިވި އެއާ ކޫލަރުތައް މަސައްކަތް ނުކުރާތީ. ހަމަ ވަގުތުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވެސް މުއްޠައްވިފާ ގުޅުއްވައި އެ ވާހަކަ ދެއްކި. ދެއްކީމާ މުއްޠައްވިފްގެ ފަރާތުން ވަރަށް ނޭދެވޭ ޖަވާބުތަކެއް ލިބުނީ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މި ޓެންޓުތަކުގައި ގޯސްކޮށް ހުރި ބައެއް ކަންތައް ރަނގަޅު ކުރުމަށްޓަކައި ހައްޖު މޫސުމުގެ މާ ކުރިން، ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެތަނަށް ވަޑައިގެން ބައްލަވާފައި، އެކަންތައް ރަނގަޅު ކުރުމަށް ޚަރަދު ވެސް ދެއްވާފައި އޮތީ. ނަމަވެސް ހިތާމަޔާ އެކު ދަންނަވަން ޖެހެނީ އެއިން އެއްވެސް ކަމެއް ރަނގަޅު ކޮށްފައެއް ނެތޭ.

އެ ކަންކަމަށް ކޮން ގޮތަކަށްތޯ ފިޔަވަޅު އެޅުއްވީ؟

ސަފީރު: ޚުދު އަޅުގަނޑު މުއްޠައްވިފު އޮފީހަށް ގޮސް މި ވާހަކަ ދެއްކިން. އަޅުގަނޑު ބުނިން އަޅުގަނޑަކީ ކާކު ކަމާއި އަޅުގަނޑު މިއައި ބޭނުމާއި މި ކަންތައްތައް މިހެން ހުރީމާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުން ފާޅުކޮށް، ރާއްޖޭން އައި 2،000 ހައްޖުވެރިންގެ ހައްގުގައި އަޅުގަނޑަށް އެބަ ޖެހެޔޭ ބަސް ބުނަން. އެއީކީ މިނާގެ ބިމުގައި ހުރެގެން އެ ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތެއް ނޫން. އެހެން ނަމަވެސް އިންތިހާ އަށް ހޫނު ބޮޑުވެގެން ގޮސް ބައެއް މީހުން އަނބުރައިގަންނަ ހިސާބަށް ދިޔަ ކަންތައްތައް. އަޅުގަނޑުމެން ތިބި ޓެންޓާ ވަރަށް ކައިރީގައި، އެހެން ބަޔަކު ތިބި ޓެންޓެއްގެ އެއާ ކޫލަރުގައި އަލިފާން ރޯވީ ވެސް، އެއަށް ފެން ނުލިބި ހޫނު ބޮޑުވެގެން ދިޔައިމަ. އެއަށް ވުރެ ރަނގަޅަށް އެކަން ކުރެވުނީސް.

މިނާގައި އެންމެ ގިނަ ބަޔަކަށް ދިމާވަނީ ފާޚާނާ ކުރުމާއި ބޯފެނުގެ މައްސަލަ. ކިހިނެއްތޯ ފެނިވަޑައިގަތީ؟

ސަފީރު: މިނާގެ ފާޚާނާތަކުގެ ކަންތައް ވަރަށް ގޯސް. އެ ސަރަހައްދުގެ އެއްކޮޅުގައި ތިބީ އިންޑިއާ މީހުން، އަނެއް ކޮޅުގައި ތިބީ ބަނގްލަދޭޝް މީހުން، ދެން ޕާކިސްތާން މީހުން. ދެން އަޅުގަނޑުމެން ދިވެހިން މިތިބީ އެ އެންމެންގެ މެދުގައި ކަހަލަ ގޮތަކަށް. އެހެންވީމާ ފާޚާނާގެ ކަންތައް ވަރަށް ގޯސް. އެ މީހުން ހުންނަނީ އެ ތަންތަން ވަރަށް ހަޑިކޮށްފައި. ދެން އަޅުގަނޑުމެން މި ޖެހެނީ އެ ތަންތައް ބޭނުންކުރަން.

އަރަފާތުގައި ދިވެހިން ތިބި ޓެންޓުތަކަށް ފިނި ވައި ފޮނުވަން ބަހައްޓާފައި ހުންނަ އެއާ ކޫލަރެއްގެ ކައިރީގައި ދިވެހި ހައްޖުވެރިއަކު ހުއްޓިލައިގެން. ފޮޓޯ ހައްޖު ކޯޕަރޭޝަން

އަޅުގަނޑުމެން މި ތިބަ ސަރަހައްދުގައި ހާޖީން ފެން ބޯން ބަހައްޓާފައި މި ހުންނަނީ ކޫލަރުތަކެއް. އެއަށް ފެން އަޅާފައި އޭގެ ތެރެއަށް ހުންނަނީ ގަނޑުފެން އަޅާފައި ފިނިކުރަން. އަޅުގަނޑުމެން ބުއިމަށްޓަކައި އެ ކޫލަރުތަކަށް މި އަޅަނީ އަލިފާން ނިއްވާ ސިސްޓަމްގައި ހުންނަ ފެން. އެ ފެން މި ބޯންދެނީ ހާޖީންނަށް. އަޅުގަނޑު ވެސް ދުށިން އަލިފާން ނިއްވުމަށްޓަކައި ތަންތަނަށް ޖަހަން ހުންނަ ފެން، އަޅުގަނޑުމެން ބޯން ހުންނަ ކޫލަރުތަކަށް އަޅަނިކޮށް. ދެން އަޅުގަނޑު އެ ސުވާލު ކުރިން ހަމަ އެ ވަގުތުގަ އެ މީހުންނާ. އެމީހުން ދިން ޖަވާބަކީ އެ ފެން ބޯން ކަމުދާނެ ކަމަށް. އަޅުގަނޑު އެ މައްސަލަ، ދެކުނު އޭޝިޔާގެ ހައްޖުގެ ކަންތައް ބަލަހައްޓާ މުއްޠައްވިފުންގެ އިސް ކުންފުނީގެ މީހުންނަށް ރިޕޯޓް ކުރިން. އެމީހުން އައިސް އަޅުގަނޑާ ވާހަކަ ވެސް ދެއްކި. އެމީހުން އަޅުގަނޑު ކައިރީ ބުނި އެ މައްސަލަ މިހާރު އޮންނާނީ ހައްޖު މިނިސްޓްރީ އަށް ވެސް އަންގައިފައޭ. އެހެންވީމާ އަޅުގަނޑު މި އުންމީދު ކުރަނީ އިރާދަ ކުރެއްވިއްޔާ އަންނަ ފަހަރެއްގައި އެ ކަހަލަ ކަމެއް އެ ގޮތަށް ދިމާނުވާނެ ކަމަށް.

މި މައްސަލަތައް ދިމާވި ސަބަބަކީ ކޮބައި ކަމަށްތޯ ގަބޫލު ކުރެއްވެނީ؟

ސަފީރު: އެންމެ ފުރަތަމަ މި އޮންނަނީ ސައޫދީ ސަރުކާރާއި ދިވެހި ސަރުކާރާ ހައްޖު ގުރޫޕްތަކާ ދެމެދު އެގްރީމެންޓެއް ކުރުން. މި ސޮއިކުރާ އިރު އެކި ކަންތަކަށް ފީތައް ވެސް ދައްކަން ޖެހޭ. އެގްރީމެންޓްތައް ހަދައި ނިމުނީމާ ހައްޖު މިނިސްޓްރީގެ ޕޯޓަލް އަށް ވަނުމުގެ ޕާސްވޯޑް މި ލިބެނީ. ޕާސްވޯޑް ލިބުނު ވަގުތު އަޅުގަނޑުމެންނަށް މި އެނގުނީ ކޯޓާ އަދި މި އޮތީކީ ދެ ހާހެއް ނޫން ކަން. އިދާރީ އޮޅުންގަނޑެއްގެ ތެރޭގައި އެކަން ނުވެފައި އެ އޮތީ. ދެން ފަހުން އަޅުގަނޑުމެންގެ ކޯޓާއަކީ ދެ ހާސްކަން ޔަގީންވެ ހައްޖު މިނިސްޓްރީގެ ޕޯޓަލް އަށް އެކްސެސް ނުދޭހާ ހިނދެއްގައި އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަސްލު ލަސްވި ތަންކޮޅަކީ.

އެހެންވީމާ، ބައެއް ގުރޫޕްތަކަށް ރަނގަޅު މުއްޠައްވިފަކު ހޯދުމުގައި ދަތިތަކެއް ކުރިމަތިވީ. ދެން އަޅުގަނޑަށް ހީވާ ގޮތުގައި ހައްޖު ކޯޕަރޭޝަނަށް ވެސް މި ދިމާވީ އެހެން. އެ (101 ނަންބަރު) މުއްޠައްވިފަށް އެނގޭ އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތް ކަން. ނެތުނީމާ އަޅުގަނޑަށް ހީވަނީ، އެމީހުން ކީ ވެސް އެކަށީގެން ނުވާ ބޮޑު އަގެއް ހެން. އަޅުގަނޑު ހައްޖު ކޯޕަރޭޝަންގެ އިސް ބޭފުޅުންނަށް ދެންނެވިން އެހެން ގޮތެއް ނެތަސް ދެން ފަހަރަކުން އެ މުއްޠައްވިފު ކައިރި އަށް ވަޑައިނުގަންނަވައްޗޭ. މިހެން މި ދިމާވީ ކޯޓާ ހަމަޖެހުން ލަސްވީމާ. ހައްޖު ކޯޕަރޭޝަން އިން އެންމެ ފުރަތަމަ ނެގީ 62 ނަންބަރު މުއްޠައްވިފު. ދެން ދެ ހާސް މީހުންގެ ކޯޓާ ހަމަޖެހިގެން އޭނާ ކައިރި އަށް ދިޔަ އިރު، އޭނާ އަތުގައި 2000 މީހުންނަށް ވާވަރަށް ޖާގައެއް ނެތް. ދެން ކޯޕަރޭޝަންގެ އެދުމުގެ މަތިން އަޅުގަނޑު ވެސް މައްކާ އަށް އައިސް މި ކަމުގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކޮށް، (އެހެން މުއްޠައްވިފަކު ހޯދަން ޖެހިއްޖެއްޔާ) އަޅުގަނޑުމެންނަށް ދިމާވާނެ ދަތިތަކާ އެއްޗެހި ކިޔައިދިނިން. ކިޔައިދިނީމާ ވެސް ވިދާޅުވީ ނެތޭ އިތުރު ޖާގައެއް، ދެން ޖެހޭނީ އެހެން މުއްޠައްވިފަކު ހޯދާށޭ. އެއީ އަސްލުގައި މިފަހަރު ދިމާވި ގޮތަކީ.

މިނާގެ ޓެންޓުތަކުގައި ދިމާވި މައްސަލަތައް، ދެކުނު އޭޝިޔާގެ އޭޖެންޓުންގެ އިދާރާގެ ބޭފުޅުންނަށް، ދިވެހި ސަފީރު އަބްދުﷲ ހަމީދު ހުށަހަޅުއްވަނީ.
ހައްޖުގެ ކަންކަމުގައި ދިވެހި އެމްބަސީގެ ދައުރަކީ ކޮބައިތޯ؟

އަޅުގަނޑު މިހާރު ކަމާ ބެހޭ ފަރާތްތަކުގައި ވެސް ދަންނަވާފައި އޮންނާނެ އަޅުގަނޑުމެންގެ ހައްޖުގެ ކަންތައް ހަމަޖެއްސުމުގައި ތަންކޮޅެއް ދުރާލައި ހިންގަވާށޭ އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރަމާ. އަޅުގަނޑު މި ހުރީ އެމްބަސީގެ ފަރާތުން ހަމަ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށޭ. މިފަހަރު ވެސް ރައީސުލްޖުމްހޫރިއްޔާ އެބަ އޮތް ވަރަށް ސާފު އިރުޝާދު ދެއްވާފައި މިވެނި މިވެނިހެން ކަންތައް ކުރާށޭ، ޝައްވާލް މަހުން ފެށިގެން ގޮސް މުހައްރަމް މަސް ނިމެންދެން އެމްބަސީގެ ޓީމެއް ޖެހޭނޭ ހައްޖުވެރިންނަށް އެހީވުމުގައި ހަރަކާތްތެރިވާން. އެހެންވީމާ އެމްބަސީގައި ތިބި ދިވެހި ތިން މުވައްޒަފުން ވެސް މިތިބީ މި ކަމަށް އައިސް މި ތަނުގައި. އަޅުގަނޑުގެ އަޒުމްގައި އެބަހުރި މިކަން މިއަށް ވުރެ ރަނގަޅަށް ކަންތައް ފަހިކޮށްދެވޭނެ ހުރިހާ މަގެއް ހޯދަން މަސައްކަތް ކުރުމުގެ.

އަރަފާތާއި މިނާގެ މި ދަތިތައް ދިމާވަނީ ރާއްޖެ ހިމަނާފައި އޮންނަ ސަރަހައްދުގެ ގޮތުން ކަމަށް ވެދާނެތޯ؟

ސަފީރު: އެހެންވެގެން ދިމާވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނޭ. އެހެން ނަމަވެސް މީގައި ނުކުންނަ މައްސަލަތަކެއް ހުރޭ. އެއީ ތިވިދާޅުވާ ރީޖަން ބަދަލު ކުރަން ވެސް އަޅުގަނޑުމެން މަސައްކަތް ކޮށްފިން. ޚުދު ރައީސުލްޖުމްހޫރިއްޔާ ރަސްގެފާނަށް ސިޓީފުޅެއް ވެސް ފޮނުއްވި. އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޒިޔާދު ވެސް ފޮނުއްވި ސިޓީފުޅެއް. އޭގެ ޖަވާބު ވެސް އެމީހުން ދިން ތި ކަމެއް ނުވާނެޔޭ. އެހެން ނަމަވެސް ކުރިން ދެންނެވިހެން އަޅުގަނޑަށް އެނގޭ ރަސްގެފާނު ވެސް އަދި ވަލީ އަހުދު ވެސް ވަލީ އަހުދުގެ ނާއިބު ވެސް ހައްޖު މިނިސްޓްރީ އަށް އަންގަވާފައި އެބަ އޮތް، އަޅުގަނޑަށް އެނގޭ އެކަން، އެމީހުން އަމިއްލަ އަށް އިއުތިރާފްވެފައި އެބަ އޮތް ދިވެހިންނަށް މި ދަތިތައް ދިމާވާތީ ދިވެހިންނަކީ މި ރީޖަންގެ މީހުންގެ ސަގާފަތާ ތަންކޮޅެއް ތަފާތު ބަޔަކަށް ވާތީ މި ކަންތައްތައް ރަނގަޅު ކުރާށޭ. އެހެން ނަމަވެސް އެ މީހުންނަކަށް ނެތް އަޅުގަނޑުމެންނަށް އެދެވޭ ގޮތަށް އެ ކަންތައް ފަހިކޮށްދެވިފައެއް. އެހެންވީމާ މި މައްސަލައަކީ އަޅުގަނޑު ނަގާނެ މައްސަލައެއް.

މި ކަމަށް އެއްވެސް ހައްލެއް ނޯންނާނެތޯ؟

ސަފީރު: އަޅުގަނޑު ގަބޫލުކުރަނީ މި ރީޖަންގައި އޮތަސް ވެސް، މަސައްކަތް ކުރީމާ ކަންތައް ރަނގަޅު ކުރެވޭނެ ކަމަށް. ދެން އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ވެސް އެބަ އޮތް، އަޅުގަނޑު އެ ވާހަކަ ހިއްސާ ކުރިން ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާ ވެސް. އަދި ސައޫދީގެ އިސް ބޭފުޅުންނާ ވެސް އަޅުގަނޑު ހިއްސާ ކުރާނަން. އަޅުގަނޑުގެ ޚިޔާލަކީ ރީޖަންތަކެއް އެ ގޮތަށް އޮތް ކަމުގައި ވިޔަސް، ސައޫދީ ސަރުކާރަށް އެނގޭނެ ކޮންމެ ގައުމަކަށް ވެސް ކޯޓާ ދޭނެ ވަރު. އެހެންވީމާ މިނާގައި މި ތިބޭ އިރު، ކިހިނެއްބާއޭ ވާނީ އެ ގައުމަކަށް ކަނޑައަޅާ ޓެންޓުތައް އެ ގައުމެއްގެ މުއްޠައްވިފުގެ ބެލުމުގެ ދަށުން ނަމަވެސް، އަޅުގަނޑުމެންނަށް ބަސް ކިޔޭނެ ގޮތަކަށް ދޫކޮށްލެއްވުން. މިސާލަކަށް ފާޚާނާތައް، ދާއިމީ ގޮތެއްގައި އަޅުގަނޑުމެންނަށް ވަކި ތަނެއް ލިބޭ ކަމަށް ވަންޏާ، އެ ތަނުގައި ތިބޭނީ ހުސް ދިވެހިން ކަމަށް ވަންޏާ، އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ހަމަ އަމިއްލަ އަށް ޚަރަދު ކުރައްވައިގެން ފާޚާނާތަކުގެ ފެންވަރު ވެސް ރަނގަޅު ކުރާނެ. އަދި މިހާރު އެ ހުރި ފެންވަރުގައި ވެސް ހަމަ ގައިމު ވެސް ތަންކޮޅެއް ތާހިރުކޮށް އެތަން ބެލެހެއްޓޭނެ. އޭގެ މާނައަކީ ދިވެހިން ވަންނަ ފާޚާނާތަކަށް އެހެން ގައުމުތަކުގެ މީހުންނަށް ވަދެވިގެން ނުވާނެޔޭ. އެ ގޮތަށް ހެދޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން ހަދައިފިއްޔާ އަޅުގަނޑަށް ހީވަނީ މިވާ އުނދަގޫތައް ތަންކޮޅެއް ކުޑަ ވެސް ވާނެ. މީ ހަމަ މިފަހަރު ވެސް ހިނގާފައި ހުރި ކަންތައް. ފާޚާނާގައި މީހަކު ތަންކޮޅެއް ލަސް ވިޔަސް ވެސް ދޮރުގައި ޖެހި ޖެހީނުން ދޮރު ހަލާކު ވެސް ކޮށްލާފައި އެބަހުރި. އަޅުގަނޑުމެން ތިބި ޓެންޓު ކައިރީގައި ހުރި އެހެން ބަޔަކު ތިބޭ ޓެންޓެއްގެ ތެރެ އަށް ފާޚާނާގެ ނަޖިސް ފެން ލީކްވެގެން އައިސްފައި އެބަހުރި. އެއީކީ ވެގެންވާނެ ކަމެއް ނޫން. އެ ކަންތައް އަޅުގަނޑު ޕޮއިންޓްއައުޓް ކުރީމާ ފަހުން އައިސް އެކަން ރަނގަޅު ކުރި. ފާޚާނާ ފެން ބޮޑުވެގެން މަތިން އަރައިގެން ދިޔަ ފެންގަނޑު، ޓެންޓުގައި އަޅާފައި މި އޮންނަ ދޫލައިގެ ދަށަށް ފެންގަނޑު ދިޔަ. އަޅުގަނޑު އެތަން ވީޑިއޯ ކޮށްފައި ދެއްކީމާ އަނެއް ދުވަހު އެތަން ރަނގަޅު ކުރި.

މި ކަންތައް ހައްލު ކުރުމަށް ދެން ކުރައްވަން ގަސްދު ކުރައްވަނީ ކޮން ކަމެއްތޯ؟

ސަފީރު: މި ކަންތައް އަޅުގަނޑު ފާހަގަކޮށް ނޯޓުކޮށް އަދި ބައެއް ހާލަތްތަކުގައި ފޮޓޯ ވެސް ނަގާފައި ހުންނާނެ. އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ ހައްޖު ނިމިގެން އިރާދަކުރެއްވިޔާ އެނބުރި ރިޔާޟަށް ގޮސް ރަނގަޅު ފުރިހަމަ ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު، ސައޫދީގެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވަން. އެއީ އަޅުގަނޑަށް އެނގޭ ސައޫދީ އަރަބިއްޔާގެ ޒައާމަތު، ޚާއްސަކޮށް ރަސްގެފާނު ސަލްމާން ބޭނުންފުޅުވޭ ހައްޖުގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރަން. އެ ގޮތަށް ހައްޖު މިނިސްޓްރީ އަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އިރުޝާދު ވެސް ފޮނުއްވާފައި ހުރީ ކަންތައް ރަނގަޅު ކުރަން. އަދި ޚާއްސަ ގޮތެއްގައި ދިވެހިންނަށް ދިމާވާ ދަތިތައް، އަޅުގަނޑުމެންގެ ސަރުކާރުން ޚާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ދަންނަވާފައި އޮތުމާ އެކީގައި، ދިވެހިންނަށް ޚާއްސަ ގޮތެއް ބަހައްޓައި ދިވެހިންގެ ކަންތައްތައް ރަނގަޅު ކޮށްދޭން އެންގި ކަން ވެސް އަޅުގަނޑު ދެނަހުރިން. އެހެން ނަމަވެސް މިފަހަރު މި ކަންތައްތަކަށް އަމަލު ކުރުމުގައި ކޮންމެވެސް ސަބަބަކާ ހެދި މިތާނގެ އިދާރީ ކަންތައްތަކާ ގުޅިގެން ކަމަށް އަޅުގަނޑު ބޮޑަށް ލަފާ ކުރާނީ ވަރަށް ބޮޑަށް އޮތީ ފަސްވެފައި. އެހެންވީމާ އަންނަ އަހަރު އަޅުގަނޑު އުންމީދު ކުރަނީ މިއަށް ވުރެ ބޮޑަށް ރަނގަޅު ވާނެ ކަމަށް. އެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.