އަސްކަރީ ހޮސްޕިޓަލް ސެނަހިޔާ އިން ފަރުވާ ހޯދާ ފަރާތްތަކުން އާސަންދައިގެ އިތުރުން ފީއެއް ނެގުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
ސިފައިންނާއި ފުލުހުންގެ އިތުރުން އިމިގްރޭޝަން އަދި ކަސްޓަމްސްގެ މުވައްޒިފުންނާއި އާއިލާތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެނަހިޔާ އިން މިހާތަނަށް ފަރުވާދެމުން އައީ ހަމައެކަނި އާސަންދަ ކަވަރުކުރާ ގޮތަށް އިތުރު ފީއަކާ ނުލަ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް "މިހާރު" އަށް ވިދާޅުވީ މިއަދުން ފެށިގެން ސެނަހިޔާ އިން ހޯދާ ފަރާތްތަކުން އާސަންދައިގެ އިތުރުން ފީއެއް ނެގުމަށް ނިންމާފައިވަނީ ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ޑޮކްޓަރުން ގެނައުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އާސަންދައިގެ އިތުރުން ނަގާނީ 50 ރުފިޔާގެ ފީއެކެވެ.
މީގެ ފަސް އަހަރު ކުރިން ހުޅުވި ސެނަހިޔާ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތަފާތު ޓެސްޓްތައް ވެސް ހެދެ އެވެ.