ގާސިމް: އޭނާ މިހާރު ހުންނެވީ ބޭސް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި --ފޮޓޯ/މިހާރު
10 ސެޕްޓެމްބަރ 2017 - 18:06
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ގާސިމްގެ ފަރާތުން އިސްތިއުނާފަށް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުވެ ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ މަހު ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅިކަން ގާސިމްގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށްދެ އެވެ.
ގާސިމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅިއިރު ގާސިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް ސިންގަޕޫރުގަ އެވެ. ގާސިމްގެ ފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ސަރުކާރުން ދީފައިވަނީ 10 ދުވަސް ކަމަށްވިޔަސް އެ މުއްދަތު ތިން މަހަށް އިތުރުކޮށްދޭން ގާސިމްގެ ފަރާތުން މިހާރު ވަނީ އެދިފަ އެވެ.
ގާސިމް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅިއިރު އެ ހުކުމުގައި، ގާސިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭޭރަށް ފޮނުވަން އަންގާފައި އޮތް ބައި އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެ އެވެ.
ގާސިމަށް ކުރި ހުކުމާ އެކު، ގާސިމް އަދާ ކުރައްވަމުން ގެެންދެވި މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ. އެކަމަކު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ އިސްތިއުނާފް މަރުހަލާގައި ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަލަފު
11 September 2017
ދިވެހި ދައުލަތުގެ ހަރަދުގަ ގާސިމު އިބުރާހިމް ބެންކޮކުގައި 1 މަސްވަންދެން ބަހައްޓަން ކޯޓު އަމުރަކައް އެދެންވީ ނޫންތޯ
ހުކުމޭ
11 September 2017
ޤަސިމަށް އިއްވީ ހުކުމެއް ކަމެއް ނުދެނަ ހުރީމެވެ.