ޓީޗަރުންގެ ބައިނަލްއަގުވާމީ ކޮންފަރެންސް އަންނަ ނޮވެމްބަރު މަހު

ޓީޗަރުންގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ބައިނަލްއަގުވާމީ ކޮންފަރެންސް އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސައިފި އެވެ.


ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސީނިއީ ޕޮލިސީ އެގްޒެކެޓިވް ޑރ. އަހުމަދު ރިޔާޒު ވިދާޅުވީ ނޮވެމްބަރު 12-13 ގައި ބާއްވާ ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވެނީ ވަކި ފީއެއް ދައްކައިގެންނެވެ. އެގޮތުން އަންނަ މަހުގެ 15-30 އާ ދެމެދު ހުޅުވާ މުއްދަތުގައި ރަޖިސްޓްރީކުރާ ނަމަ ދިވެހިންގެ އަތުން 500ރ. ނަގަ އެވެ. އެ މުއްދަތުގައި ބޭރު މީހުންގެ ފީއަކީ 150 ޑޮލަރެވެ. ނޮވެމްބަރު 1 އިން 8 އާ ދެމެދު ރަޖިސްޓްރީވާ ދިވެހިން 600 ރުފިޔާ އަދި ބޭރު މީހުން 200 ޑޮލަރު ދައްކަން ޖެހެ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސް އަމާޒުކޮށްފައިވަނީ މަންހަޖު ކިޔަވައިދިނުމާއި ފެންވަރު ވަޒަންކުރުމުގެ މައްޗަށެވެ. އެގޮތުން އެ ދާއިރާއިން ހުށަހަޅައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ބާއްވާ މީގެ ހަތަރު ވަނަ ކޮންފަރެންސެވެ. މީގެ ކުރިން ބޭއްވި ތިން ކޮންފަރެންސްގައި ވެސް އެކި ގައުމުތަކުގެ ތައުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކޮށްފައިވާކަން ރިޔާޒު ފާހަގަކުރެއްވި އެވެ.

"މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްއެއް ވީމަ، އެކި ގައުމުތަކުގެ ތައުލީމީ އިންސްޓިޓިއުޓުތަކަށް ވެސް އެ ހަރަކާތާ ގުޅޭ މައުލޫމާތު ފޮނުވާފައިވާނީ. މިހާރު ވެސް އެބަހުރި ބައެއް ގައުމުތަކުން ޕޭޕަރުގެ ސަމަރީ ފޮނުވާފައި،" ރިޔާޒު ވިދާޅުވި އެވެ.

ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްއާ ގުޅިގެން ބާއްވާ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު 200 މީހަކަށް ދެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްކޫލް އޮފް ރިސާޗު އެންޑް ޑިވެލޮޕްމަންޓުގެ ހެޑް، އާނިޔަތު އަލީ ވިދާޅުވީ މައިގަނޑު އަށް ތީމުގެ މައްޗަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.