ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަތުން، އެ ޕާޓީ ހިންގުމުގެ ހުރިހާ ބާރުތައް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އަތުލައްވައިފި އެވެ.

ޕީޕީއެމްގެ އިދާރާ ހިންގުމާ ގުޅޭ ކަންކަން މިހާތަނަށް ހަވާލު ކުރައްވާފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްއާ އެވެ.

އަބްދުއްރަހީމަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް މައުމޫން އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ޕީޕީއެމްގެ އިދާރީ ކަންކަން އިސްވެ ހިންގުން އަބްދުއްރަހީމްއާ މިހާތަނަށް ހަވާލު ކުރައްވާފައިވާއިރު، މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި ކަންކަން ކައުންސިލަށް އެޖެންޑާ ކުރުމުގެ ބާރު ވެސް އޭނާ އަށް ދީފައި އޮތެވެ. އެކަމަކު ކައުންސިލް ބޭއްވުމާއި ކަންކަން އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމްގެ އަތުން މައުމޫން މިރޭ ވަނީ ނަންގަވައިފަ އެވެ.

ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެހައި ބާރުތައް އަބްދުއްރަހީމްގެ އަތުން ނެންގެވުމާ ގުޅިގެން، އެ ޕާޓީގެ އެކިއެކި ލިޔުންތަކުގައި ސޮއިކުރެއްވުމާއި ކޮމިޓީތަކަށް ކަންކަން އެންގެވުމުގެ ބާރު ވެސް މިހާރު އަބްދުއްރަހީމަކަށް ނޯންނާނެ އެވެ.

ޕީޕީއެމްގެ އިދާރީ ހިންގުން އަބްދުއްރަހީމްގެ އަތުން އަތުލެއްވިއިރު، އެ ޕާޓީގެ އެއްވެސް ކޮމިޓީއެއް ވެސް މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމަށް އެމަނިކުފާނު މިރޭ ވަނީ އަންގަވައިފަ އެވެ. މި ހުރިހާ ނިންމެވުންތަކެއް އައީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިއަދު ގެނައި އިސްލާހަށް ފަހުގަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ދެބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި.---ފޮޓޯ: ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ދެބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި.---ފޮޓޯ: ރައީސް އޮފީސް

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ އިސްލާހު، އެ ޕާޓީގެ މެމްބަރުން އިސްވެ ފާސްކުރެއްވީ އެކަން ނުކުރެއްވުމަށް މައުމޫން ތަކުރާރުކޮށް އަންގަވާފައި ވަނިކޮށެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން، އެ އިސްލާހު މަޖިލިހުން ފާސްކުރުމާ އެކު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ހަމައެކަނި މަޖިލިސް މެމްބަރަކީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. މީގެ އިތުރުން ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވޯޓުގައި ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ކޮމިޓީތައް ސަސްޕެންޑްކޮށް، އަބްދުއްރަހީމްގެ ބާރު މައުމޫން ނެންގެވީ، ފާރިސް އާއި ވަހީދަށް ފިޔަވަޅު އަޅަން ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުމުންނެވެ. އެ ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ޓްވީޓް ކުރެއްވި، ޖެންޑަ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ވެސް ވަނީ ސަރުކާރުން ވަކިކުރައްވައިފަ އެވެ.

ނާދިރާ މިއަދު ވިދާޅުވީ މައުމޫނަށް ތާއީދު ކުރައްވައި އަދި "ސަރުކާރުގެ ސިޔާސަތުތަކަށް ފުށުއަރާ ގޮތަށް" ޓްވީޓް ކުރުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު މިއީ ގައުމުގެ ހައްގުގައި އޭނާ ވިދާޅުވި ވާހަކައެއް ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.