ޕީޕީއެމްގެ ދަރަންޏަކީ އަށް މިލިއަން ރުފިޔާ ކަމަށާއި ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރުމާ އެކު އެ ދަރަނި އަދާކުރާނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި އަދުރޭ ޕީޕީއެމްގެ ދަރަނީގެ ވާހަކަ ތަފްސީލްކޮށް ދެއްކެވީ އެ ޕާޓީގައި އޭނާ ހުންނެވިއިރު ލިބިވަޑައިގަތް މައުލޫމާތުތަކުގެ މައްޗަށް ކަމަށް ބެލެވެ އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ ދޫކުރުމުން، ޕީޕީއެމްގެ ދަރަންޏެއް ނޯންނާނެ އެވެ. ޕީޕީއެމަށް ލިބެން ޖެހޭ 18 މިލިއަން ރުފިޔާ ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ ދޫކުރުމުން ޕީޕީއެމް އޮންނާނީ އަރަނީގައި. ދިހަ މިލިއަން ރުފިޔާގެ ފައިދާ އޮތް ޕާޓީ އަކަށް ޕީޕީއެމް ވެގެން ދާނީ،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް ދަރަނިވެރިވީ، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮވަން ޕީޕީއެމުން ކުރި ކެމްޕޭނާ ގުޅިގެންނެވެ. ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް އެކަނި ވެސް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ޕީއެންސީގެ ނަމުގައި ޔާމީން، އާ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވުމުންނެވެ. ޕާޓީ ހިންގުން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. ޕީޕީއެމްގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދެވެން ނެތީ އެ ޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ހުށަހެޅި މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމި ޕީޕީއެމް ހަވާލުކޮށްފާނެތީ އެވެ.