ކޮންގްރެސް ބާއްވައި ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް މަގާމްތަކަށް މީހުން އައްޔަން ކުރަން މި މަހުގެ ތެރޭގައި ކޮންގްރެސް ބާއްވަން ނިންމައިފި އެވެ.


ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި އުފެއްދި ޕީއެންސީ، އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށްދިނީ މިދިޔަ ޖެނުއަރީ، 31، ގަ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ޕާޓީ ޕާޓީ ރަޖިސްޓްރީކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ.

އެހެންކަމުން މި މަސް ނިމުމުގެ ކުރިން ޕީއެންސީގެ ކޮންގްރެސް ބާއްވަން ޖެހެ އެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައަޅަން މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އަދުރޭގެ އިތުރުން ޕާޓީގެ ވަގުތީ ދެ ނައިބުންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާ އަށް ހޮވިވަޑައިގެންނެވި މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޝަރީފެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވި ގޮތުގައި ޕީއެންސީ މި މަހުގެ 31 ގެ ކުރިން އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަން ޖެހެ އެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ، ގާނޫނާ ޚިލާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސުން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ބާރުއަޅަނީ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރަން. ކޮންގްރެސް ވެސް ބާއްވަން އޮންނަ ތާރީޚުތަކުގައި އެކަން ވެސް ކުރިއަށް ގެންދިއުމަށް،" އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފަށް އަމަލުކުރާ ނަމަ، ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް އޮތީ ދީފަ އެވެ.

ޕީއެންސީ އުފެއްދީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ޔާމީނަށް ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. އޭރު ޕީޕީއެމް ހޯދަން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުނީ ޔާމީނާ އެއްކޮޅަށެވެ.