ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ވަގުތީ ނައިބު ރައީސަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ އައްޔަން ކޮށްފި އެވެ.
ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ކޮންގްރެސް ބޭއްވެންދެން ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
މި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީ ހިންގާ ވަގުތީ ކޮމިޓީ އަށް އަބްދުއްރަހީމާއި ސައީދާއި އާދަމް ޝަރީފްގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަމާއި ކުންފުނިތަކުގެ އިސްވެރިންނަށް ތިއްބެވި، ބައެއް ބޭފުޅުންނާއި އެ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު 40 ބޭފުޅަކު ވަނީ އައްޔަންކޮށްފަ އެވެ.
ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ތެރޭގައި ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އެމްޕީއެލްގެ ކުރީގެ ސީއީއޯ އަބްދުލްރައްޒާގް ހަލީމާއި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އަދި އެ ސަރުކާރުގެ ދުވަސްވަރު ލަންކާގައި ހުންނެވި ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީގައި ހުންނަވަނީ ޝުޖާއު އެކަންޏެވެ.
މީގެ އިތުރުން، ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް އެކްޓިވިސްޓުންތަކެއް ވެސް ވަނީ ވަގުތީ ހިންގާ ކޮމިޓީ އަށް އައްޔަންކޮށްފަ އެވެ.
ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ނިޝާން، ދިދަ، ކުލަ (ވިލު ނޫ)، އަސާސީ ގަވައިދު (މެނިފެސްޓޯ ހިމެނޭ ގޮތަށް) ފާސްކޮށްފަ އެވެ. ޕީއެންސީގެ ކުލަ ފިޔަވައި، ނިޝާނާއި ދިދަ އާއި އަސާސީ ގަވައިދު ފާސް ކުރީ ޖަލްސާގައި ބައިވެރިވި 357 މެމްބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ ވިލު ނޫ ކުލަ ފާސް ކުރަން ނުފެންނަ ކަމަށް އެ ޕާޓީގެ ދެ މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.
ހާއްސަ މެހްމާނެއްގެ ގޮތުގައި ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީ އައްޔަން ކުރަން ފާސްވީ ވެސް 357 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީ އަކީ ޕީޕީއެމްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ޕީއެންސީން ބުނީ ދާއިމީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެންދެން ވަގުތީ ކޮމިޓީގައި ހުރިހާ މެމްބަރުން ވެސް ދެމިތިއްބަވާނެ ކަމަށެވެ.