ކުނީގެ ބިލް ފޮނުވާނީ އެސްއެމްއެސް އާއި މެއިލުން

ވޭސްޓް ކަލެކްޝަން ސާވިސް ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ނަގާ ފީގެ ބިލް ފޮނުވާނީ އެސްއެމްއެސް އަކުން ނުވަތަ އީމެއިލްއިން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.


ވެމްކޯއިން ކުނި އުކާލަދޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދި މިހާތަނަށް ގޭގެ އަށް ބިލެއް ނުފޮނުވަ އެވެ.

ވެމްކޯގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޕްރިންޓް ބިލް ގޭގެ އަށް ފޮނުވުމުގެ ބަދަލުގައި އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބިލް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދި ބިލް ތައްޔާރު ކުރެވިފައެއް ނެތް، އަޅުގަނޑުމެން މި ތައްޔާރުވަނީ އެސްއެމްއެސް ފަދަ ގޮތަކަށް ބިލް ފޮނުވަން،" އޭނާ ވިދާޅުވި އެވެ.

ބިލް ދައްކަން ބޭނުންވާ މީހުންނަށް ވެމްކޯ އޮފީހަށް ގޮސް މިހާރު ވެސް ބިލް ދެއްކޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުނި އުކާލުމަށް އަގު ނަގަނީ އިމާރާތަކުން 100ރ. އަދި ކޮންމެ ގޭބިސީއަކުން 150ރ. ގެ ރޭޓުންނެވެ.