ކުނި އުކާލަން ވެމްކޯއިން ބޮޑު މަސައްކަތްތަކެއް!

މާލޭ ސަރަހައްދުން ކުނި އުކާލާ ނައްތާލަން ރަނގަޅު ނިޒާމެއް ރޭވިފައެއް ނުވެ އެވެ. ކޮންމެ ގެއަކުން ކުނި އުކާލަން ޖެހެނީ އެ ގެއެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށެވެ. އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަަށް ވަނީ ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. މި މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ނަމުގައި ކުންފުންޏެއް އުފައްދައިފަ އެވެ.


ވެމްކޯ އުފެއްދުމަށްފަހު އެ ކުންފުނީގެ ހަރަކާތެއްނެތި އެތައް އަހަރެއް ވަންދެން އޮތެވެ. ނަމަވެސް މިހާރު އެ ކުންފުނިން ވަނީ ރާއްޖޭގައި ކުނި ނައްތާލުމަށް ބޮޑެތި ތައްޔާރީތަކެއް ވާން ފަށައިފަ އެވެ. އެގޮތުން ސަރުކާރުން އެކުލަވާލި ކުނިނައްތާލުމުގެ ގަވައިދުގައިވާ ގޮތަށް ކުނި މެނޭޖްކުރުމަށް އެ ކުންފުނިން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ގޭގެއިން ކުނިއުކާލަން

މާލޭ އާއި މި ސަރަހައްދުގެ ގިނަ ގެތަކުން ކޮންމެ ދުވަހަކު ކުނި އުކާލަނީ ބިދޭސީންނާ ހަވާލުކޮށްގެންނެވެ. އެހެން އެކަން ކުރަން ޖެހެނީ އިތުރު ގޮތެއް ނެތީމަ އެވެ. ނަމަވެސް ވެމްކޯ އިން މިހާރު އަންނަނީ މާލޭގެ ގޭގައި ކުޑަ އަގެއްގައި ކުނި އުކާލަދިނުމުގެ ހިދުމަތް ދިނުމަށް ފެށުމަށް ތައްޔާރުވަމުންނެވެ.

ގޭގެއިން ކުނި އުކާލުމުގައި ދެ ގޮތަކަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެއީ ރަޖިސްޓްރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ. ނަމަވެސް މީގެ މާނައަކީ އެ ކުންފުނިން ގޭގޭގައި ޑަސްބިން ބަހައްޓައިދޭ ވާހަކައެއް ނޫނެވެ.

ވޭސްޓް ކަލެކްޝަން ސާވިސް ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ދޭން ނިންމާފައި ވަނީ މާލެ 10 ޒޯނަކަށް ބަހާލައިގެން، ބޭނުންވާ ބަޔަކު ރަޖިސްޓްރީކޮށްގެންނެވެ. އެޕާޓްމެންޓަށް އަރައި ކުނި ނަގާ ނަމަ، ވެމްކޯ އަށް 150ރ. ދައްކަން ޖެހެ އެވެ. އިމާރާތުގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނަގާ ނަމަ ވެމްކޯ އަށް ދައްކަން ޖެހެނީ 100ރ. އެވެ. އަދި ކޮންމެ ގެއަކުން ދުވާލަކު އެއްފަހަރު ކުނި ނަގަންދާ ގޮތަށް ވެމްކޯ އިން ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގެ ގޭގެއިން ކުނި އުކާލަން ވެމްކޯއިން ބޭނުންކުރާ ވެހިކަލެއް ދައްކާލަނީ. ފޮޓޯ: މިހާރު

ގިނަ އެޕާޓްމަންޓްތަކެއް ހިމެނޭ ގޭގެއިން ކުނި އުކާލާ ނަމަ ކޮންމެ ގެއެއްގެ ކޮންމެ އެޕާޓްމަންޓުން ވެސް ކުނި އުކާލުމުގެ ހިދުމަތްދެ އެވެ. އެކަން ކުރަނީ މިހާރު ވެސް ގޭގެއިން ބިދޭސީންނާ ހަވާލުކޮށްގެން އެކަން ކުރިޔަށް ގެންދާ ގޮތަށެވެ.

އެ ކުންފުނިން ގޭގެ އިތުރުން ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި އޮފީސް ބިލްޑިން ފަދަ ތަންތަނުގެ ކުނި ވެސް ކޮންމެ ދުވަހަކު އުކާލަދިނުމުގެ ހިދުމަތްދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

ކުނި އުކާލުން މުޅި މާލެ އަށް ފުޅާކުރަން ނިންމާފައިވާއިރު އެ ކުންފުނިން ވަނީ މިދިޔަ ޑިސެމްބަރު ފުރަތަމަ ބުރު ފަށައިފަ އެވެ. އެއީ، ޒޯން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ސަރަހައްދުގައި ހިމެނޭ ގެތަކެވެ. އޭގެ ފަހުން މުޅި މާލެ ސަރަހައްދަށް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ގެތަކުން ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވެސް އެބައޮތެވެ. އަދި ސަރުކާރުން ހަމަޖައްސާފައި ވަނީ އެ ކުންފުންޏާ ހަވާލުނުކޮށް ގޭގެއިން އަމިއްލައަށް ކުނި އުކާލާނަމަ ރަޖިސްޓްރީކުރާ ގޮތަށެވެ.

ކުނި އުކާލަން ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް އީ މެއިލް އަދި ހެޑް އޮފީހުން ވެސް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ރަޖިސްޓްރީކުރަން ހުށަހަޅާތާ ފަސް ދުވަސްތެރޭގައި އެ ހިދުމަތް ކުރިޔަށް ގެންދާނެ ގޮތް އޮޅުން ފިލުވައި މައުލޫމާތު ދިނުމަށް އެ ކުންފުނިން ގުޅާނެ އެވެ. އަދި އެތަންތަނުން ކުނި ނަގަން ފަށާނީ އޭގެ ފަހުންނެވެ.

ކުނި އުކާލަން ވެމްކޯ އިން ޒަމާނީ ސާމާނުތަކެއް

ވެމްކޯ އިން މާލެ ސަރަހައްދުން ކުނި އުކާލަން ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކެވެ. އެގޮތުން މަތި ބަންދުކުރެވި، ރައްކާތެރިކަމާއެކު ކުނި އުފުލަން ބޭނުންކުރާ އުޅަނދުތަކެއް ގެނެސް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ކުނި އުފުލުމަށް އިތުރު 30 އުޅަނދު މިދިޔަ ފެބްރުއަރީ މަހު ގެނެސްފައިވެ އެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް އަލަށް ގެނެސްފައިވަނީ 20 ޓްރައިސައިކަލާއި 10 ކޮމްޕެކްޓާ ޓްރަކްސް އެވެ.

މާލޭގައި ކުނި އުފުލަން ވެމްކޯއިން ގެނެސްފައިވާ ވެހިކަލްތަކެއް: ކުނި އުފުލަން ވެމްކޯއިން ވަނީ ގިނަ އަދަދެއްގެ ވެހިކަލް ރާއްޖެ ގެނެސްފައި.

ކުނި އުކާލުމުގެ މައްސަލަ ބޮޑު މާލޭގައި ފަސޭހަ ކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެމްކޯއިން ވަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުނޅަދުތައް ހޯދާފަ އެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އަދި އީޕީއޭގެ މިންގަނޑުތަކަށް ފެތޭ އުނޅަދުތަކެއް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯއިން ކުނި އުކާލަން ބޭނުންކުރާ ވެހިކަލްތަކަކީ މާލެ ކަހަލަ ހަނި މަގުތައް ގިނަ ރަށެއްގައި ދުއްވަން އެންމެ އެކަށީގެންވާ ވެހިކަލްތަކެކެވެ.