ނޭޕީޑޯ (ސެޕްޓެމްބަރު 18) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިން އަނިޔާކުރާ އިރު އެ ގައުމުގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ބަހެއް ވިދާޅުނުވެ ހުންނަވާތީ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް އެންމެ ފަހުން އެ މައްސަލައިގައި ވާހަކަ ދައްކަން އެކަމަނާ އެއްބަސްވެއްޖެ އެވެ.
ގައުމާ މުޚާތަބް ކުރައްވާ ސޫކީ މާދަމާ ދެއްވާ ތަގްރީރު ވެގެން ދާނީ މިއަންމާގެ ސްޓޭޓް ކައުންސެލާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ދެއްވާ އެންމެ މުހިންމު ތަގްރީރަށެވެ. ސޫކީގެ ތަގްރީރު އެ ގައުމުގެ ޓީވީން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައި ވަނީ ސޫކީގެ ތަގްރީރަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ. އަދި ރަކީންގައި ސިފައިން ހިންގާ ހަމަނުޖެހުންތައް ހުއްޓާލާކަން ސޫކީ އިއުލާން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގުޓަރޭޒް ވިދާޅުވި އެވެ.
"މިއަންމާގެ ހާލަތު ސޫކީ ބަދަލު ނުކޮށްފި ނަމަ ދެން އެ ހާލަތު ނުރައްކާވެ، ކުރިމަގުގައި ހައްލު ނުކުރެވޭ ހިސާބަށް ދާނެ،" ގުޓަރޭޒް ވިދާޅުވި އެވެ.
ރޮހިންޖާއާ ބެހޭ ގޮތުން ސޫކީ ތަގްރީރު ދެއްވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުން ފެށި ދުވަހާ ދިމާކޮށެވެ. މި އަހަރުގެ އދ.ގެ ސަމިޓް ސޫކީ ވަނީ ފަހު ވަގުތު ކެންސަލް ކުރައްވައިފަ އެވެ.
ރަކީންގެ މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާކުރާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކުރެއްވި ފޯން ކޯލެއްގައި ސޫކީ ވަނީ ރަކީންގައި މުސްލިމުންނަށް ހިމާޔަތް ދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މީޑިއާ އިން ދޮގު މައުލޫމާތު ފަތުރާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.