ރޮހިންޖާ މައްސަލާގައި އަވަސް ފިޔަވަޅު އަޅަން ރާއްޖެއިން ގޮވާލައިފި

ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް، ބަރުމާގެ ސިފައިން ކުރަމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ގޮވާލައްވައިފި އެވެ.


އޯއައިސީގެ ކުއްލި ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު އާސިމް ވިދާޅުވީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ރާއްޖެއިން އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

މިޔަންމާގެ ސަރުކާރުން އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އދ. ގެ ނިންމުންތަކަށާއި އިންސާނީ ހައްގުތަކުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށް ވެސް އާސިމް ގޮވާލެއްވި އެވެ.

ފޮރިން މިނިސްޓަރު ތަގުރީރު ކުރެއްވި އެ ބައްދަލުވުމަކީ ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ވާހަކަ ދެއްކުމަށް ބޭއްވި ކުއްލި ބައްދަލުވުމެކެވެ.

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަނީ އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފަ އެވެ.

ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި މިިދިޔަ ހުކުރު ދުވަހު ނެގި ވޯޓުގައި ރާއްޖެ ބައިވެރިިވެފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެ ހުށަހެޅުން ފާސްވި އިރު، މި ދުވަސްވަރު ބައިނަލް އަގުވާމީ މުޖްތަމައުގެ ސަމާލުކަން ހުއްޓިފައިވަނީ، މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތައިލުމަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ގަތުލުއާންމުތަކަށެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އެ ހުށަހެޅުމަކީ މިޔަންމާގެ މުސްލިމުންނާ ގުޅޭ ހުށަހެޅުމެއް ނޫން ކަމަށެވެ.