ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަސީހު
24 ސެޕްޓެމްބަރ 2017 - 08:58
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު، 10 ފޫޓު އުހުގައި ބަހައްޓަން ސްޓޭޖެއް ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ސްޓޭޖް ހަދަނީ މަޖިލިހުގައި ޖަވާބުދާރީވާން ވަޒީރުން ވަޑައިގެން ތިއްބަވާ ހާއްސަ ގޮނޑިތަކާ ހިސާބުން ފެށިގެން ކަމަށެވެ. އެ މަސައްކަތުގައި ސިފައިން އަވަދިނެތި މަޖިލީހުގެ ތެރޭގައި އުޅެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިރު މަސީހު އަރިހުގައި
ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ބަހެއް ލިބޭ ގޮތް ނުވި އެވެ.
މަހްލޫފް ވަނީ ސިފައިން ސްޓޭޖް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ފޮޓޯއެއް ވެސް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. އެ ޓުވީޓުގައި އޭނާ ވިދާޅުވީ ބިއްލޫރި ކޮށީގެ ބަދަލުގައި 10 ފޫޓު އުހުގައި މަސީހު އިންނަވާ ގޮތަށް ބޮޑު ސްޓޭޖެއް ޗެމްބަރު ތެރޭގައި ހަދަން ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތެއް ބައްލަވަން ރޭގެ ވަގުތެއްގައި މަހުލޫފް މަޖިލީހަށް ވސް ވަޑައިގެންނެވި އެވެ. ނަމަވެސް ސިފައިން ހުރަސް އެޅުމުން އެތަނަށް ނުވެންނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
Billoori kosheege badhaluga 10ft uhuga Maseeh innagothah bodu stage eh chamber therey hedhumuge masakkaiy MNDF inn kuriah ebagendhey pic.twitter.com/s1gXqCksi3
— Ahmed Mahloof (@AhmedMahloof) September 23, 2017
މަހްލޫފް ކުރެއްވި ޓުވީޓު.
މަހްލޫފް ވިދާޅުވި ގޮތުގައި އެ ސްޓޭޖް ހަދައި، އެތަނުގައ ގޮނޑިކޮޅު ބެހެއްޓުމުން މަޖިލީހުގެ މެމްބަރުންނަށް މަސީހު އިންނަވާ މޭޒާ ކައިރިއެއް ނުވެވޭނެ އެވެ. އަދި މަސީހު ޗެމްބަރަށް ވަދެނުކުންނަވާ ދޮރު ކައިރީ ސިޑިއެއް ވެސް ހަދާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި މަސީހު މަޖިލީހަށް ވަންނަވައި، އަދި ނިކުންނަވައި ހައްދަވަނީ މޭޒު ކައިރީގައި ހުންނަ ދޮރުންނެވެ. އެކަމަކު އެއީ މެމްބަރުން ބޭނުން ކުރައްވާ ދޮރެއް ނޫނެވެ.
"ބެލެވޭ ގޮތުގައި މެމްބަރުންނަށް ދެން މަސީހު އިންނަވާ މޭޒާ ކައިރިއެއް ނުވެވޭނެ. ވަޒީރުން ތިއްބަވާ ގޮނޑިކޮޅުތައް ހުރި ހިސާބު ހަ ފޫޓަށް އުސްކޮށްފައި، މަޖިލީހުގެ ރިޔާސަތު ހިމެނޭ ސަރަހައްދު 10 ފޫޓަށް އުސްކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބެނީ،" މަހްލޫފް ވިދާޅުވި އެވެ.
މެމްބަރު މަހްލޫފާއި އާޒިމް - ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ މަސީހަކީ މަޖިލީހުގެ މިހާރުގެ ރައީސް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކުރެއްވުމާ އެކު، މަގާމުން ވަކިވެފައިވާ ކަމަށެވެ. އެހެންވެ، ޗެމްބަރަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ ގަދަބާރުން އެ ގޮނޑީގައި އެމަނިކުފާނު އިންނަވަން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކަން ކުރާ ގޮތެއް ނޫނެވެ. އެހެންކަމުން ރާއްޖެ އިން މި ފެންނަނީ ވަރަށް ހަޑި ހުތުރު މަންޒަރެއް ކަމަށް ވިދާޅުވި އެވެ.
ޖުލައި 31 އިން ފެށިގެން ބޭއްވި ހުރިހާ ޖަލްސާތަކެއް މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ މަސީހު ރިޔާސަތުގައި އިންނެވިހާ ހިނދަކު، ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތްއިރު، ދެން ޖަލްސާތައް ފަށާނީ އަންނަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިހާކުރ
25 September 2017
ހިމާލިޔާ ފަރުބަދަ އަށް އަރާ is
މުރީދު
24 September 2017
މާ ސަޅިވާނެ ފަންގިފިލާގައި، އަތްނުފޯރާފަށުގައި ތިޔަ ގޮނޑި އެލުވާފަ ބައިންދަނިކޮށް.
އަލީ!
24 September 2017
ކިތައްންމެ އުސް ތާކަށް އަރާއިނަސް ވަގުތު ޖެހުމުން ނިމޭނެއެވެ.
ޒަމާން
24 September 2017
ރައްކާތެރިކަން ހޯދާނަމޭ ހިތައި ކިތަންމެ އުހުގައި އިންނަން ހިތައި އުޅުނަސް ވަގުތު ޖެހުމުން ފޭބުން ނޫންގޮތެއް ހަމަ ނޯންނާނެ.....
މަންޖެ
24 September 2017
ސައިޒުން ކުޑަޔަކަސް ވަރުގަދަ ބޭކަލެއްދޯ.
އައްޑޫ ރަދުން
24 September 2017
އަސްލު ތިތާ ހަދަންވީ ބަންކަރެއް...ދެން މަސީހު ހެލްމެޓް އަޅުވާ ބަޒޫކާ ދީފަ ރިޔާސަތުގަ ބަހައްޓާނީ...
އަރާރުން
24 September 2017
އަރާ އުޑުގައި ޖެހުނަށް ވަގުތު ޖެހުމަށް ހަމަ ބިމަށް ތިރިކުރާނެ. އަދި ފަސްގަނޑު ދަށަށް ވެސް ލެވޭނެ
ގާބޭ
24 September 2017
މެމްބަރުންގެ ކުށަކާ ނުލާ މެމްބަރުން ހޮވި ރައްޔިތުންގެ ބަހަކާ ނުލާ މެމްބަރުކަމުން ވަކިކުރެވޭ ގޮތަށް ހެދުމުން ވެސް މެމްބަރުކަމުގައި ތި 85 ބޭފުޅުން ތިބޭކަން މާބޮޑަށް ހައިރާންކުރުވާ. އެންމެން އިސްތިއުފާދީފަ ރޔ ބޭނުން ބަޔަކު ވައްދައިގެން އުޅެން ދޫކޮށްލުންވެސް މާރީތި.
އުދުހޭ
24 September 2017
މަސީހު އިންނަވަންވީނުންތޯ ހެލިކޮޕްޓަރެއްގަ؟
ފަޅުވެރިން
24 September 2017
45 މެންބަރުން ސޮއިކޮށްލާއިރަށް މަޖްލިސް ރައީސް މަޤާމުން ވަކިވާނެކަމަށް ލިޔެފައިއޮތީ ކޮން ތަނެއްގައިބާ؟ އަދި އެހެން ނޫނަސް ތިޔަބުނާ 45 އެއީ ޞައްޙަ ޢަދަދެއް ކަމަށްވިއަސް، ޔަޤީނުންވެސް އޭގެ ތެރެއިން އެކަކު ވަނީ އޭނަ އޭގައި ސޮއި ނުކުރާކަމަށް ބުނެފައި. އެހެންކަމުން 45 ގެ ޢަދަދަކީވެސް ކުށް ޢަދަދެއް! ކޮންމެއަކަސް، މަޖްލިސް ޤަވާޢިދުގައި ލިޔެފައިއޮތީ ވޯޓު ނަގައިގެންނޭ ކަންކަން ނިންމާނީ. ވޯޓު ނެގުމަށް ފުރުޞަތު ދޭން ނުކެރިގެން މަހެލޫފްމެން ތިޔައުޅެނީ ކާމިޔާބު ނުވާނެކަން ޔަޤީންވާތީ! ވޯޓު ނެގިފަހަރު ވޯޓުގައި ބައިވެރި ނުވެ ދުވެފިލީ އެހެންވެގެން! މަހެލޫފް ކިތަންމެ ދެރަވިއަސް، މަޖްލިސް ތަޅުމުގައި ކަޅު ފައިސާ ހަލުވައިގެން މަޖްލިސް ތެރޭގައި ކަންކަން ނިންމިދުވަސް ވަނީ މާޒީވެފައި! އެދުވަސް ދެން އިޢާދަ ނުކުރެވޭނެ! ރިލޯޑް ކުރާ މެންބަރުންނަށް މިއީ ވަރަށް ހިތާމަވެރި ޚަބަރަކަށްވެސް ވާނެ! އެހެން ނަމަވެސް އެކަމުގައި ދެން ސިއްކަ ޖެހުނީ! އަދުގެ ސަރުކާރަކީ ކަންކަން ނިންމަންކެރޭ ގަޓުހުރި ސަރުކާރެކޭ!!