ހުޅުމާލޭގައި މިރޭ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނި ގޮތުގައި އެންމެ ފުރަތަމަ މަރުވީ މިރޭ 8:30 ހާއިރު ހޮސްޕިޓަލަށް ގެނައި ޒުވާން ފިރިހެން ދެ ކުއްޖެއްގެ ތެރެއިން އެއް ކުއްޖެކެވެ. އެ ދެ މީހުން ގެނައި އިރު އެ މީހުންގެ ގައިގައި ވެލި ހުރި ކަމަށާއި އެ މީހުން ހޮސްޕިޓަލަށް ގެނައި މީހުންގެ ގައިގައި ވެސް ވެލި ހުރި ކަމަށް އާސަންދަ އިން ބުންޏެވެ.
ތ. ތިމަރަފުށި މި ދެ ޒުވާނުންގެ ތެރެއިން މަރުވީ އުމުރުން 22 އަހަރުގެ އަހްމަދު ހާމީން އެވެ. ހާމީން އާ އެކު ހޮސްޕިޓަލަށް ދެން ގެނައީ 21 އަހަރުގެ ޒުވާނެކެވެ. އާސަންދައިން ބުނި ގޮތުގައި ސަލާމަތްވި ޒުވާނާ އަށް އޮތީ ޝޮކެއް ޖެހިފަ އެވެ. ހޮސްޕިޓަލަށް ގެނައި އިރު އޭނާއަށް ވާހަކަ ވެސް ނުދެއްކެ އެވެ.
އާސަންދައިން ބުނި ގޮތުގައި އަންހެން ކުއްޖަކު ވެސް މަރުވެގެން މިރޭ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފަ އެވެ. މަރުވި އަންހެން ކުއްޖާ އަކީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ އުމުރުން 18 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ހޮސްޕިޓަލަށް ގެނައީ ފުލުހުން ކަމަށް އާސަންދައިން ބުންޏެވެ. އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މި ދެ މަރުގެ ސަބަބެއް އަދި ނޭނގެ އެވެ. އަދި މިއީ އެއް ހާދިސާއަކާ ގުޅިފައިވާ ދެ މަރުކަން ނުވަތަ ނޫންކަން ވެސް އަދި ނޭނގެ އެވެ. އާސަންދަ އިން ބުނީ މި މަރުތަކުގެ ސަބަބު ދެނެގަތުމަށް ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ވެސް ވަނީ ތަހުގީގު ފަށައިފަ އެވެ.