އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގަައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކެތުލެބުން އެންޖިއޯ ޕްލާސްޓީ އާއި އެންޖިއޯ ގްރަފީ ހަދަން މިއަދު ފަށައިފި އެވެ.
އެންޖިއޯ ޕްލާސްޓީއަކީ ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން ހުޅުވުމަށް ކުރާ ސާޖިކަލް ރިޕެއާ އެކެވެ. އަދި އެންޖިއޯގްރަޕީ އަކީ ހިތަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކާ ގުޅިފައިވާ ނާރުތަކުގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ މެޑިކަލް އިމޭޖިންއަށް ކިޔާ ނަމެކެވެ. މިއީ ރާއްޖޭގައި އަލަށް ފެށި ފަރުވާ އެކެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ އެންޖިއޯ ޕްލާސްޓީ ހެދުމަށް ހަ މީހަކު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހުކުރު ދުވަސްކަމުން ހުރިހާ މީހުންނަށް އެންޖިއޯ ޕްލާސްޓީ ނުހެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަނުގައި އެއްފަހަރާ ނުވަ މީހުން އެޑްމިޓްކުރެވޭނެ. އަދި މިވަގުތު އެޑްމިޓްކޮށްފައިވާ ހަ މީހުންނަށް ވެސް މިތަނުގައި ފަރުވާދެވޭނެ،" ރިޝްވާން ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ އެތަނުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފެށުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި އެ ކަމަށް ހުރިހާ ހަރަދެއް އާސަންދައިން ކަވަރުކުރާނެ ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.
"ރާއްޖެއިން ބޭރުގައި ކުރާ ނަމަ މިއީ ދިހަ ހާހެއްހާ ޑޮލަރުގެ ފަރުވާއެއް. ފަރުވާގެ އިތުރުން ޓިކެޓާއި ހުރުމާއި ކެއުމަށް ވެސް އެތައް ހާސްރުފިޔާއެއް ހަރަދުކުރަން ޖެހޭ. ނަމަވެސް ރާއްޖޭގައި ކުރާ ނަމަ ހަރަދުގެ އެތައް ގުނައެއް ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އެ ފަރުވާދޭން ފަށާއިރު އެ ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓް ޑރ. އަލީ ޝަފީގު އާއި ބޭރުގެ ސުޕަ ސްޕެޝަލިސްޓެއްގެ އިތުރުން އެކަމަށް ތަމްރީނުދީފައިވާ ދިވެހި ނަރުހުންނާއި ބޭރުގެ ނަރުހުން ބައިވެރިވެ އެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުގެ ކެތު ލެބުން އޮޕަރޭޝަނުގެ ބަދަލުގައި ބޭނުންކުރާނީ ހަށިގަނޑުގެ ލޭނާރުގެ ތެރެއަށް ލައްވާ ކެތޭޓާ އެވެ. މައިގަނޑުގޮތެއްގައި މިސެންޓަރުން ދޭނެ ހިދުމަތްތަކަކީ އެންޖިއޯގްރަފީއާއި އެންޖިއޯ ޕްލާސްޓީ ހެދުމެވެ. މީގެ އިތުރުން އުފެދުމުގައި ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާ ނުލައި ޑިވައިސްއެއް ބޭނުންކޮށްގެން ބެއްދުމާއި ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކާއެއް ލެއްވުމުގެ ހިދުމަތް ވެސް ކެތުލެބުން ލިބެންހުރެ އެވެ. މީގެ އިތުރުން ސިކުނޑީގެ ނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލާ ނުވަތަ ނަގާ އިމަޖެންސީ ހާލަތުގައި ސްޓްރޯކަށް ވެސް ފަރުވާ ދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ މެޑް ޓްރީނާ ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކު ގާއިމުކުރި ކެތުލެބަށް ބޭނުންވާ މެޝިނަރީޒް އިންސްޓޯލްކޮށްފައިވަނީ އެ ހޮސްޕިޓަލުންނެވެ. އަދި އެކަމަށް ބޭނުންވާ ދިވެހިން ވެސް ތަމްރީންކޮށްފައިވަނީ އެ ހޮސްޕިޓަލުންނެވެ.