ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އޯޕަން ހާޓް ސާޖަރީ ނުވަތަ ބައިޕާސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށާއި އެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުރަތަމަ ފަހަރަށް އޯޕަން ހާޓް ސާޖަރީ ފަށަން ތައްޔާރުވަމުން އަންނައިރު، އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ހިދުމަތް ފަށާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"އަންނަ އަހަރު އަޅުގަނޑުމެން އިތުރަށް މީހުން ތަމްރީން ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނަން. އަދި ސާޖަރީ ފަށާނަން،" ސިރާޖު ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް ކާޑިއެކް ސެކްޓަރެއް ހުޅުވީ ޖޫން 7، 2016 ގައެވެ.
އޭގެ ފަހުން އައިޖީއެމްއެޗުން މިހާރު ހެދެނީ ހިތުގެ ނާރުތައް ބްލޮކްވުމުން ހަދަން ޖެހޭ އެންޖިއޯޕްލާސްޓީ އާއި އެންޖިއޯގްރަފީ އެވެ. އެއީ ސާޖަރީއެއް ނުކޮށް ސްޓެންޓެއް ލައްވައިގެން ހިތުގެ ނާރުތައް ބްލޮކުތައް ފިލުވާ ގޮތެކެވެ.
ނަމަވެސް ވަކި ވަރަކަށް ވުރެ ބޮޑަށް ނާރުތައް ބެދިއްޖެ ނަމަ ޖެހޭނީ އޯޕަން ސާޖަރީއެއް ކުރާށެވެ. ގިނަ ދިވެހިން އެ ހިދުމަތް ހޯދަން ދަނީ އިންޑިޔާ އަދި ސްރީ ލަންކާއަށެވެ.