މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ޖަލަށްލި މީހަކު މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާރާމާރީ ހިންގި މައްސަލައެއް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވީ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު، 51، އެވެ. އޭނާއަކީ އެ މައްސަލާގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރާ މީހެކެވެ.
"ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކަން އިއްޔެ މާލެ ގެނައީ. އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ،" އޮފިޝަލް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ނުވަ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.