މަޖިލީސް މެމްބަރުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް، ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ފަރާތުން ވާހަކަ ދެއްކެވި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މެމްބަރުންނަށް ތުހުމަތުކުރާ މައްސަލަތައް މިހާރު ދިރާސާ ކުރަމުން އަންނާތީވެ އެއީ ކޮން މެމްބަރުންނެއް ކަން އަދި ވިދާޅުވެވެން ނެތް ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ކުރާ މެމްބަރުންގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ހިމެނިވަޑައިގަންނަވާކަން ވެސް އަދި ނޫންކަން ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

މެމްބަރުންތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ކޮމިޝަނުން ބުނިއިރު، މި ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމުގެ ތުހުމަތު ބައެއް މެމްބަރުންނަށް ކުރެ އެވެ. ޚިޔާނާތުގެ ފައިސާ މެމްބަރުންނަށް ބެއްސެވި ކަމަށް ވެސް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

އެކަމަކު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މި މައްސަލަ ބަލައި މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނީ އެތަނުގެ މަގްސަދަކީ މީހުންނާ ދިމާކުރުން ނޫން ކަމަށާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދުން ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއްގެ ކޮންމެ ލެވެލްއެއްގެ ވެރިއަކު ވެސް ކޮށްފައިވާ ކޮރަޕްޝަނުގެ އަމަލުތައް، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ކޮމިޝަނުން ބަލައި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާނެ އެވެ.

އެ ކޮމިޝަނުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ބޮޑު ދެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ ކޮރަޕްޝަނާއި އެއާ މޯލްޑިވްސް ބަނގުރޫޓުވުން ވެސް ކުރިއަށް އޮތް ތަނުގައި ބަލާނެ ކަމަށް ބުނެފަ އެވެ.

އެ ކޮމިޝަނުން މިއަދު ބުނިގޮތުގައި ދައުލަތަށް ގެއްލިފައިވާ އަދި ލިބެން ޖެހޭ ފައިސާގެ އަދަދު 13.5 ބިިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.