ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަންޏެއް ސާބިތުވާ ކަމަށް ނިންމައި، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

އަޝްފާގުގެ މައްޗަށް ސިވިލް ކޯޓުން އޮގަސްޓް، 2015 ގައި އެ ހުކުމްކުރީ އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާ އާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެެޓުން ކުރި ދައުވާއާ ގުޅިގެންނެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ ހުކުމް އަޝްފާގުގެ ފަރާތުން އިސްތިއުނާފްކުރީ އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކަމަށް ބުނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ފަރާތުން ފާހަގަކުރަނީ އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އޭނާ ނުދައްކައިފި ނަމަ އެ ފައިސާއަކީ ވީބީން ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި އެ އެއްބަސްވުމުގައި ބުނެފައި އޮތުމެވެ.

ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް، ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެއްބަސްވުމުގައި ވީބީން ސޮއި ކޮށްފައިވަނީ އަޝްފާގަށް އެ ފައިސާ ނުދެއްކޭ ހާލަތުގައި އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ އެއީ އެ އެއްބަސްވުމުގެ ދަށުން އަޝްފާގު އުފުލަންޖެހޭ ޒިންމާއިން އޭނާ ބަރީއަ ވާނެ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

އަޝްފާގު އެ ފައިސާ ނުދައްކައިފި ނަމަ އެ އިމާރާތުގެ ދެ ފްލޯއެއް ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ބާރު ޔޫމެޓް ކުންފުންޏަށް ލިބޭ ގޮތަށް އެއްބަސްވުމުގެ ދަށުން އޮތް ނަމަވެސް އެކަން ކުރެވެން އޮންނާނީ އަޝްފާގުގެ އެއްބާރުލުން ލިބިގެން ކަމަށް އެ ހުކުމުގައިވެ އެވެ. އެ އިމާރާތަކީ އަދިވެސް އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށްވާއިރު އެފަދަ އެއްބާރުލުމެއް އަޝްފާގުގެ ފަރާތުން ލިބިފައިވާ ކަން އެނގެން ނެތް ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

އެހެންވެ އެ ހުކުމުގައިވަނީ އެ ފައިސާއަށް އަޝްފާގު ޒިންމާ ނަގަންޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުޣަނީ މުހައްމަދެވެ.