އަޝްފާގު: އަޝްފާގުގެ ދަރަނީގެ ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާ ދައްކަން ވަނީ ހުކުމްކޮށްފައި --
05 ޑިސެމްބަރ 2025 - 13:18
ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑު އަލީ އަޝްފާގު (ދަގަނޑޭ) ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އޮތް 1.4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުދައްކާ ހަތަރު ލައްކަ ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އަޝްފާގުގެ މައްޗަށް ސިވިލް ކޯޓުން އޮގަސްޓް 2015 ގައި ހުކުމްކޮށްފައި އޮތީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާ އާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެެޓުން ކުރި ދައުވާއާ ގުޅިގެންނެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް އަޝްފާގުގެ ފަރާތުން ހައި ކޯޓުގަައި އިސްތިއުނާފުކޮށް، އެ ފައިސާ ހޯދަން ދައުވާ ކުރަންޖެހޭނީ ވީބީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އަޝްފާގު އުފުލަންޖެހޭ ޒިންމާއިން އޭނާ އަށް ބަރީއަ ނުނެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ސިވިލް ކޯޓުގެ ހުކުމަށް އޮކްޓޯބަރު 2017 ގައި ވަނީ ތާއީދުކޮށްފަ އެވެ.
ނަމަވެސް، ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުން ވެސް ދަރަނި ދައްކާފައި ނުވާތީ ޔޫމެޓް ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އަޝްފާގު ވަނީ ދަރަނީގެ 1.4 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފަ އެވެ. ނަމަވެސް، ވީބީ ސްޕޯޓްސް އިން އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެ އެވެ.
މައްސަލައިގެ ޝަރީއަތަށް ވެސް ހާޒިރުވެފައިވަނީ އަޝްފާގު އެކަންޏެވެ. ޝަރީއަތުގައި އަޝްފާގު ބުނެފައިވަނީ ދަރަނީގެ ބާކީ ހުރި ފައިސާ ވެސް ދައްކާނީ އޭނާ ކަމަށާއި އެ ފައިސާ ދައްކަން ހަ މަސް ދުވަހުގެ ފުރުސަތެއްދީ ހުކުމް އިއްވުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު، ޔޫމެޓް ކޮންސްޓްރަކްޝަނުން އެދިފައިވަނީ އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ ގޮތަކަށް ޝަރީއަތުން ހަމަޖައްސައިދިނުމަށެވެ.
ޔޫމެޓް ކޮންސްޓްރަކްޝަންގެ އެ ހުށަހެޅުމާ ގުޅިގެން ޝަރީއަތުން އަޝްފާގުގެ މާލީ ހާލަތު ބެލިއިރު ދަރަނީގެ ބާކީ ބައި ދެއްކޭނެ ތަނަވަސްކަން ހުރި ކަން އެނގެ އެވެ. އަޝްފާގުގެ ފަރާރުން ދަރަނީގެ ބޮޑު ބައެއް ދައްކާފައިވާތީ އަދި އޭނާގެ މުދާ ވިއްކައިގެން ދަރަނީގެ ފައިސާ ހޯދުމުގެ އިޖުރާއަތް ހިންގުމަށް ވުރެ އަޝްފާގުގެ ހުށަހެޅި ގޮތަށް ހަ މަސް ތެރޭގައި ފައިސާ ދައްކަން ކަނޑައެޅުމުން، ދަރަނި ދެއްކުމުގެ މުއްދަތު އަވަސްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުންޏެވެ.
އެހެންވެ، ކޯޓުން ވަނީ އަޝްފާގުގެ މުދާ ވިއްކުމުގެ ބަދަލުގައި، ދަރަނި ދައްކަން އޭނާ އަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމައި، އެގޮތަށް ހުކުމްކޮށްފަ އެވެ.
އަޝްފާގު އެ ފައިސާ ނުދައްކައިފި ނަމަ އެ އިމާރާތުގެ ދެ ފްލޯއެއް ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ބާރު ޔޫމެޓް ކުންފުންޏަށް ލިބޭ ގޮތަށް އެއްބަސްވުމުގެ ދަށުން އޮތް ނަމަވެސް އެކަން ކުރެވެން އޮންނާނީ އަޝްފާގުގެ އެއްބާރުލުން ލިބިގެން ކަމަށް މީގެ ކުރިން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ. އެއީ އަދިވެސް އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށް ވާއިރު އެފަދަ އެއްބާރުލުމެއް އަޝްފާގުގެ ފަރާތުން ލިބިފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވީބީ
05 December 2025
ތީ އަސްފާގަށް ވީބީން ދިން ޅަނޑެއް
ލޮލްޒ
05 December 2025
ކޮމެންޓު ކުރާމީހުން ތަންކޮޅެއް އިހުތިރާމާއެކު ވާހަކަދެއްކުން ވަރަށް ބޮޑައް އެދެން. މީ ތިންފަރާތެެއްގެ މެދުގައި ހިނގާފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެއް. އަދި އަޝްފާގަކީ ދިވެހިން ފަހުރުވެރިވާ ދިވެހިންގެ ނަން ދުނިޔޭގައި ވިދުވާލައިފައިވާ ފަރާތެއް. އޭނާއަށް ކުޑައިމީސްވާގޮތައް ހުރި ކޮމެންޓުތައް ފެނި ވަރަށް ލަދު ގަނެއްޖެ.
ކަބިލި
05 December 2025
މިފަދަ ލެޖެންޑުންގެ ފަސްބައި ސާފުވާން ޖެހޭނެ. ވަރަށް ދެރަ
ކިހާ
05 December 2025
ޤައުމީ އިނާމުވެސް ނުލިބިގެން އުޅެނީ ތިޔަ ދަރަންޏަކާ ހެދިކަމަށް ރަށުތެރޭގައި ކިޔާ
އ
05 December 2025
ލެޖެންޑެއްގެ މުޅި ހަޔާތް ނިމިދާއިރު ދަރަނިވެރިވާކައް ގައުމެއްގެ ރައްޔިތުންނެއް ނޭދޭނެ... މިގައުމުގައި އެއްވެއް މަސައްކަތެއް ނުކޮއް އުފަލުގައި އުޅެވޭ ގައުމެއްމިއީ... ލެޖެންޑުންނައްވެސް ރަނގަޅުގޮތްވުން މުހިއްމު...
ދަނޑުފޯރި
05 December 2025
ފުޓްބޯޅަ ކުޅޭ މީހަކު މަޖިލިސް ރައީސް ގޭގެ ބަޓްލަރަކަށް މި ދިޔައީ ދަރަނި ދައްކަން ފައިސާ ކޮޅު ހަމަކޮށްލަންތާ. މިހާރު ތާ ރޭކާ ލީ.
ކޮތަރޭ
05 December 2025
މިދެން ހެއްވާ ހަބަރެއް. ލޯނު ދައްކަން އަމުރު ކޮއްފާ ތިބި އެންމެންގެ ހަބަރު ޖަހަން ވީތާ
ޑިމޮކްރަސީ
05 December 2025
1.4 މިލިއަންރުފިޔާ އިން 1 މިލިއަން ދެއްކި މީހަކު 4 ލައްކަވެސް ދައްކާނެ ކަން ޔަޤީން ތި ޔޫމެޓުން ބޭނުންވަނީ ތިތަން ދަމައިގަންނަން
މަލްދީބް
05 December 2025
ކަލެޔަށް ދަގޭ ނޭނގެނީ.
ވަޠަން
05 December 2025
ނިއު ދެކެ ހަގީގީ ލޯބިވާ ފޭނެއް ހުރިއްޔާ އަވަހާ ނުކުމެ މި މުބީނު އެއް ފަރާތް ކޮއްލަމާ. އޭރުން ދަގަނޑޭމެން ކަހަލަ މޮޅެތި ކުޅުންތެރިންނަށް ހަމަ ނޭވާ ލެވޭނީ
އަލީ ބަލީ
05 December 2025
މީކީ މުބީނާ ބެހޭކަމެއްނޫން
ހުސެންބެ6655
05 December 2025
ލަދު ހުތުރު