ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗް ބަދަލުކުރި ކުރުމުގެ ސައްހަކަމާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ރިޝްވަތުގެ މައްސަލާގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވަނިކޮށް އެ މައްސަލަ ބަލާ ބެންޗް ވަނީ ބަދަލުކޮށްފަ އެވެ. އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ބުނެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އެކަމަށް ފިޔަވަޅު އަޅައިދޭން އެދި ފާރިސްގެ ވަކީލުން އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފާރިސްގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ފޮނުވި ޖަވާބުގައިވަނީ ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފް މައްސަލާގައި ފާރިސްގެ ފަރާތުން އެ ނުކުތާ ނަގައިފި ނަމަ ގާނޫނީ ސަބަބާ އެކު، އެކަމުގެ ސައްހަކަމާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އެހެންވެ އެކަން ހައި ކޯޓަށް މިހާރު އަންގާފައިވާ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ފޮނުވި އެ ޖަވާބުގައިވެ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލަ ހިނގަމުން ދަނިކޮށް އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ވަނީ ބަދަލުކޮށްފަ އެވެ. އެ ބެންޗުގެ ރިޔާސަތު ފަނޑިޔާރު އަލީ ބަލަހައްޓަވަމުން ގެންދަވަނިކޮށް އޭނާގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ހަމަޖައްސައިފަ އެވެ.

ބެންޗް ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާތީ ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމަންދެން ހައި ކޯޓުން ވަނީ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލައިފަ އެވެ.

ރިޝްވަތުގެ މައްސަލާގައި ފާރިސަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.