މިއީ އުނދަގޫ ކަންކަން ތަހައްމަލުކުރާ ސަރުކާރެއް: އާޒިމާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އުނދަގޫ ކަންކަން ތަހައްމަލުކުރާ އަދި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ސަރުކާރެއް ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ އަންނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ބާއްވާ "ކަނބަލުންގެ މަހާސިންތާ" ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އާޒިމާ ވިދާޅުވީ މިހާރުގެ ސަރުކާރަށް އެތެރެ އާއި ބޭރުން ގޮންޖެހުންތައް ކުރިމަތި ކުރާއިރު، ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ގެންދެވުމަކީ ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ ގާބިލްކަން އެއިން ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އާޒިމާ ވިދާޅުވީ ސަރުކާރަކީ ހުރިހާ ކަމަކަށް ވެސް ކުރިމަތިލާންޖެހޭ ބާރުވެރި ފަރާތަކަށް ވާންޖެހޭ ކަމަށާއި ސަރުކާރަކީ ބަލިކަށިވެ، ދިމާވާ ކޮންމެ ގޮންޖެހުމަކާ އެކު ފަހަތަށް ޖެހޭ ބަޔަކަށް ވެއްޖެ ނަމަ، ގޮންޖެހުން ކުރިމަތިކުރާ މީހުންނަށް އަބަދު ޖެހޭނީ ފުރުސަތު ދޭން ކަމަށެވެ.

"އެއާ ޚިލާފަށް މި ސަރުކާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ ކެރިގެން، ގާބިލްކަމާ އެކު އުނދަގޫ ކަންތައްތައް ތަހައްމަލު ކުރާ ސަރުކާރަކަށް. ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ކްރިޓިޒަމް ކުރިމަތިވޭ. އެ ކްރިޓިޒަމަކީ ކޮންމެ ދުވަހަކު އެއްފަހަރު ފޭސް ކުރާ ކަމެއް. އެހެން ނަމަވެސް ގަވަނަންސްގެ ތިއަރީސް އަށް ބަލައިފި ކަމަށް ވަނީ ނަމަ ސަރުކާރެއްގެ ބޭނުމަކީ ގައުމު ހިންގުން. އޯޑަލީކޮށް ގައުމުގެ ކަންކަން ބެހެއްޓުން. ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުން. ގައުމު ހިންގުމުގައި ޑިމޮކްރެސީގައި މިއަށް ވުރެ އިސް ތިއަރީއެއް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރެއް ބަލިކަށި ކުރުމަކީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޫން ކަމަށާއި އޭގެ އެއް މިސާލަކީ 2004 އިން ފެށިގެން "ސިޔާސީ ހަނގުރާމަ" އިގައި ދިވެހިން އުޅެން ޖެހުން ކަމަށެވެ.

އާޒިމާ ވިދާޅުވީ "މި ގައުމު އެބޭފުޅުންގެ އަތްޕުޅުން ބިނާކުރެއްވު ބޭފުޅުން" ސަރުކާރާ ދެކޮޅަށް ނުވަތަ ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާ ކަމަށެވެ.

"މި ގައުމު ބަލިވާއިރު ބަލިވާނީ އެންމެން އެކުގައި. އެ ނޫން ގޮތެއް މިއަދަކު ނެތް،" އޭނާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި 2004 އިން ފެށިގެން ކުރަމުން އައި މަސައްކަތްތަކުގައި ނުވަތަ "ސިޔާސީ ހަނގުރާމަ" އިގައި ގެންގުޅުއްވާ އުސޫލު ބަދަލު ނުކުރައްވާ، އެއްގޮތެއްގައި ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވީ، ވަކި ގޮތެއްގައި ތިބެެގެން ނޫން ގޮތަކަށް ގައުމުގައި ހަމަޖެހުމާއި ތަރައްގީ ގެންނަން ވަރަށް ދަތިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރެސީ އަކީ "ތޮށިގަނޑު ފަޅާލައި" މިނިވަންކަމާ އެކު، އެއްވެސް ހަމައެއްލަމައެއް ނެތި އުޅެން ނޫން ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރެސީ ގެނެސްފައި ހުރީ ރިވޮލިއުޝަންގެ ގޮތަކު ނޫން. އެއީ ވަރަށް ސާބިތުކަމާ އެކު ފެންނަން ހުރި ހަގީގަތް. އަޅުގަނޑުމެން 2008 ގައި ޑިމޮކްރެސީ، ރިވޮލިއުޝަނެއް ގޮތަށް ގެންނަން އުޅުނު އިރު، މިކަމާ ދެކޮޅަށް ވާހަކަ ދެއްކި މީހުން މިހެން ބުނަމުން ގެންދިޔަ،" މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ތަސްދީގު ކުރެއްވިއިރު، ބަންޑާރަ ނައިބުގެ މަގާމުގައި އަދި އެ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އިންނެވި އާޒިމާ ވިދާޅުވި އެވެ.

"ދުނިޔޭގެ ކޮން ތަނެއްގައިތޯ ޑިމޮކްރެސީ ގެނެވުނީ. ޑިމޮކްރެސީ ގެނެސްފައި ހުންނާނީ އެ ގައުމެއްގައި ހުރި ވެލިއުސްތަކުގެ ތެރެއިން. އެ ބަޔަކު ގަބޫލުކުރާ އުސޫލުތަކުގެ ތެރެއިން. ގާނޫނާއި ގަވާއިދު ގަބޫލުކުރާ އުސޫލަކީ އެ މުޖުތަމައު ގަބޫލުކުރާ އިންތައް ކަނޑައެޅުން. ބައެއް ގައުމުތަކުގައި، ބައެއް ސޮސައިޓީތަކުގައި މިސާލަކަށް ރާ ބުއިމަކީ ކުށެއް ނޫން. އަޅުގަނޑުމެންގެ އެއީ ޖިނާއީ ކުށެއް. އެއީ ސޮސައިޓީގެ ހަމަ."

އާޒިމާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދި އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުން ނިސްބަތުން މަދެވެ. ނަމަވެސް އޭނާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ 70 ޕަސެންޓަކީ އަންހެނުން ކަމަށާއި އޯލެވެލް އާއި އޭލެވެލް އިމްތިހާނުގައި ބައިވެރިވާ 60 ޕަސެންޓަކީ ވެސް އަންހެންކުދިން ކަމަށެވެ. އަދި ކުށްކުރާ މީހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ 10.5 ޕަސެންޓް ކަމަށް ވިދާޅުވި އެވެ.

"މިޒާޖުގެ ގޮތުން ވެސް އަޅުގަނޑުމެންނަކީ ކަންކަން ތަހައްމަލު ކުރަން ފަސޭހަ ބައެއް. ހަގީގަތަކީ އަންހެނުންނަކީ ކަންކަމަށް ވިސްނާ ބައެއް. އަންހެނުންނަކީ މުސްތަގުބަލަށް ވިސްނާ މީހުން. އަޅުގަނޑުމެންނަކީ ދަރިންގެ މުސްތަގުބަލަށް ވިސްނާ މީހުން. އެއީ އަންހެނުން ބާރުވެރިކުރުވުމުގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމަކީ "ހިއުމަން ސައިންސް" އެކެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ދައްކަވަމުން ގެންދަވަނީ އެކަން ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދިވެހި އަންހެނުންގެ ތާރީޚަކީ ފަހުރުވެރި ތާރީޚެއް. ދާދި ފަހަކާ ޖެހެންދެން އަޅުގަނޑުމެންގެ ހުރިހާ ޕްރީ ސްކޫލުތަކެއް ހިންގީ އަޅުގަނޑުމެން އަންހެނުންނެއް ނޫންތޯ؟ ކޮބައިތޯ މިއަދު އެ ތާރީޚު. ދާދި ފަހަކާ ޖެހެންދެން އަޅުގަނޑުމެން އެއް ގެއިން އަނެއް ގެ އަށް ކަންތައް ދިމާވީމާ ކަންތައް ބެލެހެއްޓީ އަންހެނުން ނޫންތޯ؟،" އާޒިމާ ވިދާޅުވި އެވެ.

"މިއަދު އެހެން ނަމަވެސް މި ދެންނެވި ޑިމޮކްރެސީ އާއި ލޯކަލް ގަވަނަންސްއާ އެކު، އަޅުގަނޑުމެން އަންހެނުންގެ އޭރުގެ ހަރަކާތްތެރިކަން ގެއްލިއްޖެ. އަޅުގަނޑު އެ ވާހަކަ މި ދަންނަވަނީ އެކަމާ ކަންބޮޑުވާތީ. ހަގީގަތުގައި ސޯޝަލް ޑިސިޕްލިންގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި އެއްބައިވަންތަ ކަމާއި އެކަކު އަނެކަކަށް އަޅާލުމާއި މި ކަންތައްތަކުގައި ދިވެހި އަންހެނުންނަށް ވުރެ ކުރިއަކަށް އެއްވެސް ބަޔަކު ނުކުމެފައެއް ނުތިބޭނެ. ރަށްރަށުގެ ނިސްބަތުން ބެލިޔަސް އެކަން އޮތް ގޮތް އެއީ."

އެކަމަކު އާޒިމާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެކުލަވާލި ގޮތުން، އެ ރީތި އާދަ އެގޮތުގައި މިއަދު ނެތް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކޮންމެ ތަނަކަށް ސިޔާސީ ގޮތުން، އިންތިޚާބު ކޮށްގެން މީހުން ހޮވާ ހިސާބަށް ކަންތައް ދިއުމެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، އިދިކޮޅު ކޯލިިޝަނުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ރަން އިލޮށިން ކަދުރު ކާން ދީފައިވާ ކަމަށެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި ވެރިކަމާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި އެހެން އެންމެން ވެސް ޕާޓީން ބޭރު ކުރީ ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި މޫސަ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ

އެކަމަކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ހޮވާނީ އިންތިގާލީ ވެރިއެއް ކަމަށް ނަޝީދު ވިދާޅުވުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި ވެރިކަމަށް ގެންނާނެ ކަމަށް ވިދާޅުވެ، ޖަމީލަށް ވެސް ރަން އިލޮށިން ކަދުރު ކާން ދިނީ ކަމަށް މޫސަ ވިދާޅުވި އެވެ.

"ރަން ސާލު މަތީ ހިންގާނަމޭ. ރަން އިލޮށިން ކަދުރު ކާން ދޭނަމޭ. އެއިން މަގަށް ލައްގަޅޭ، މައިން މަގަށް ލައްގަޅޭ ކިޔައިގެން އިނގިރޭސިވިލާތުގައި ބައިންދާފައި މަގާމު މިދެނީ އެހެން ބޭފުޅަކަށް.،" ދިވެހި ހަރު ބަސްތަކުން މިސާލު ނަންގަވަމުން ޖަމީލަށް އިޝާރާތް ކުރައްވައި، މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އިންތިގާލީ ވެރިއެކޭ ބުނެ، ދައުރުގެ މެދު ތެރެއިން ވެރިކަން ބަދަލުކުރާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ކެރޭ ނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަންވީ ކަމަށެވެ. ޖަމީލަކީ ޕީޕީއެމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ، މޫސަ ވަނީ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ޖަމީލަށް ދައުވަތު ދެއްވައިފަ އެވެ.

ދެހާސް ފަނަރަވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަށް އޭރުގެ ނައިބު ރައީސް ޖަމީލް ވަޑައިގަތުމުން، މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މަރުހަބާ ދަންނަވަނީ.---ރައީސް އޮފީސް ފޮޓޯ

"ލަދު ގަންނަ ކަންތައްތަކާ ދިމާވާނެ މީހުންނާ. އެކަމަކު މައާފަށް އެދިލާފައި އައިސް އަޅުގަނޑުމެންނާ އެކު ސިޔާސީ މަސައްކަތުގައި އުޅުއްވަމާ ހިންގަމާ ޖަމީލުމެން ވެސް،" މޫސަ ވިދާޅުވި އެވެ.

ވެރިކަމުގެ ބޭނުމުގައި ރާއްޖޭގެ އަގު ވައްޓާލަން އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެ ޓޫރިޒަމަށް ގެއްލުންވެ، އެތައް ބަޔަކަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ. ކޮންމެ މީހަކު ވެސް އިސް ކުރަންޖެހޭނީ ގައުމު ކަމަށާއި އެކަމަކު މިއަދު ފެންނަނީ އެ މަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގައުމު އޮވެގެން ނޫންތޯ މިތާ ވެރިކަން ކުރެވޭނީ. އެކަމަކު ގައުމެއް ވެސް ބޭނުމެއް ނެތް، ހަމަ ވެރިކަން ބޭނުންވަނީ. ދެން ކަނދު ފައްޗެއްގަތޯ އިންނަނީ ގައުމު ނެތިއްޔާ؟. މި ގައުމު އޮވެގެން ނޫނިއްޔާ އަޅުގަނޑުމެނން ކިހިނެތްތޯ މިކަން ކުރާނީ؟،" މޫސަ ވިދާޅުވި އެވެ.