ލަންޑަން (ނޮވެމްބަރު 15) - އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބޮޑެތި ޓީމުތަކުން ކުޅުނު އެކުވެރިކަމުގެ މެޗުތައް އެއްވަރުވިއިރު، ނައިޖީރިއާ އިން ފަހަތުން އަރައި 4-2 އިން އާޖެންޓީނާ ބަލިކޮށްފި އެވެ.
ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ރަޝިއާ އާއި ސްޕެއިން ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އިންގްލެންޑާއި ބްރެޒިލް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޖާމަނީ އާއި ފްރާންސް އެއްވަރުވީ 2-2 އިންނެވެ. އަދި ޕޯޗުގަލް އާއި އެމެރިކާ 1-1 އިން އެއްވަރުވިއިރު، ނެދަލެންޑްސް ވަނީ 3-0 އިން ރުމޭނިއާ ބަލިކޮށްފަ އެވެ.
ކެޕްޓަން ލިއޮނަލް މެސީ ނުލައި އާޖެންޓީނާ ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ގޯލު ކާމިޔާބުކުރީ އެވާ ބަނޭގާ އާއި ސާޖިއޯ އަގުއޭރޯ އެވެ. ނައިޖީރިއާ އިން ޖެހި ހަތަރު ލަނޑުގެ ތެެރެއިން ދެ ގޯލު ކާމިޔާބުކުރީ އާސެނަލަށް ކުޅޭ ވިންގް އަލެކްސް އިވޯބީ އެވެ. އަނެއް ދެ ގޯލު ޖެހީ ލެސްޓާ ސިޓީގެ ފޯވާޑް ކެލެޗީ އިހެނާޗޯ އާއި ބްރިއާން އިޑޯވޫ އެވެ.
ރަޝިއާގެ ކްރޮސްނޯޑާގައި ކުޅުނު މި މެޗުގެ ހާފްޓައިމްގައި ޗޭންޖިން ރޫމްތެރޭގައި އާޖެންޓީނާގެ އަގުއޭރޯގެ ސިއްހީ ހާލަތު ދަށްވުމުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އާޖެންޓީނާ އެފްއޭ އިން ބުނީ އަގުއޭރޯ ގެންދިޔައީ ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުން ކަމަށާއި ޓެސްޓްތަކެއް ހެދިއިރު ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ސްޕެއިނަށް ލީޑުނަގައިިދިނީ ޖޯޑީ އަލްބާ އެވެ. ސާޖިއޯ ރާމޯސްގެ ޕެނަލްޓީން ސްޕެއިން ލީޑުފުޅާކޮށްފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަޝިއާގެ ފުރަތަމަ ލަނޑު ޖެހީ ޔޯޑޯ ސްމޯލޯވް އެވެ. ދެ ވަނަ ހާފް ފަށައިގެން ހަ ވަަނަ މިނިޓްގައި ރަޝިއާ އަށް އެއްވަރުކޮށްދިނީ އަލްކްސޭ މިރަންޗުކް އެވެ. އޭގެ ދެ މިނިޓް ފަހުން ރާމޯސް ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަނެއްކާ ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. ރަޝިއާ އަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްމޯލޯވް އެވެ.
އާސެނަލްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓްގެ ގޯލުން ފްރާންސް ލީޑުނަގާފައިވަނިކޮށް ޖާމަނީ އަށް އެއްވަރުކޮށްދިނީ އާރްބީ ލިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ އެވެ. ފްރާންސަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ވެސް ލަކަޒޭޓް އެވެ. ޖާމަނީން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ލާސް ސްޓިންޑްލް އެެވެ. މި މެޗުން އެއްވަރުވެ ޖާމަނީ ވަނީ ބަލިނުވެ 21 މެޗު ހަމަކޮށްފަ އެވެ. ޖާމަނީ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރު ޔޫރޯގެ ސެމީ ފައިނަލުގައި ފްރާންސް އަތުންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް އިން ކުޅުނު މެޗުގައި އެމެރިކާ ކޮޅަށް އެ ޓީމުގެ ލަނޑު ޖެހީ އޭންޓިއުންސް އެވެ. އެމެރިކާގެ ލަނޑު ކާމިޔާބުކުރީ ވެސްޓަން މެކެނީ އެެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަގެއްލިފައިވާ ނެދަލެންޑްސް ރޭ ރަށުން ބޭރުގައި ރުމޭނިއާ އަތުން މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖެހީ މެމްޕިސް ޑީޕާއި، ރިޔާން ބަބެލް އަދި ލޫކް ޑީ ޔޯން އެވެ.