އިދިކޮޅު މީހުންގެ ދުއާ އަށް ހުރަސް އެޅުމުން ރައީސްގެ އިސްތިއުފާ އަށް ގޮވައިފި

ސަރުކާރު ބަދަލުވުމަށް އެދި އިދިކޮޅު އިއްތިހާދުން އީދު ނަމާދަށް ފަހު ދުއާ ކުރަން އުޅުމުން ފުލުހުން ދެންމެ ހުއްޓުވައިފި އެވެ. އެއާ އެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދުގައި ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ.


އިދިކޮޅު އިއްތިހާދުން ވަނީ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހާއްސަ ދުއާއެއް ކުރާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ.

އެއާ އެއްގޮތަށް، އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް އިސްކޮށް ހުންނަވައި ދުއާ ކުރައްވަން ފެއްޓެވުމުން ފުލުހުން ވަނީ އެ ކަމަށް ހުރަސް އަޅާފަ އެވެ. އަދި އެ ސަރަހައްދުން އެންމެން ދުރުކޮށް، މުޅި ސަރަހައްދު އެއްކޮށް ބަންދު ވެސް ކުރި އެވެ. އެކަމަކު، އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ނުހިނގަ އެވެ.

މިއަދުގެ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދުއާ ކުރަން ހުރަސް އެޅުމުން، އެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިިދިޔަ އަހަރު ހައްޔަރުކުރި ފަހުން، އިދިކޮޅު ފަރާތްތަކުން އަންނަނީ ނަޝީދަށް ރައްކާތެރިކަން ދެއްވުމަށާއި ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނެސް ދެއްވާތޯ ކޮންމެ ހުކުރު ނަމާދަކަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާ ކުރަމުންނެވެ. މިއަދު ވެސް އެ ގޮތަށް ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އެޅިއިރު، މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ރޭ ބުނެފަ އެވެ.

ރައީސް ޔާމީން މިހާރު ގެންދަވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި އީދު ސަލާމް ކުރައްވަމުންނެވެ. އެ ތަނަށް ގޮސް، ރައީސްއާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް އިދިކޮޅު އިއްތިހާދުން އިއްުޔެ ބުންޏެވެ. އެކަމަކު، އަދި އެކަހަލަ އެއްވެސް ކަމެއް ނުހިނގަ އެވެ.