މާލެ ސަރަހައްދުގައި ދެ އަހަރަށްފަހު އީދު ނަމާދު ބޮޑު ޖަމާއަތުގައި މިއަދު ހެނދުނު ކޮށްފި އެވެ.

ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރިއިރު ހުޅުމާލޭ ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ހުއްޓާލިފަހުން ބޭއްވި ފުރަތަމަ ބޮޑު ޖަމާއަތެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގައި އީދު ނަމާދެއް ނުކުރެ އެވެ. އެކަމަކު މިސްކިތްތަކުގައި މިދިޔަ އަހަރު އީދު ނަމާދުކުރި އެވެ.

މިއަދުގެ އީދު ހުތުބާގައި، އާއިލީ އަދި އެ ނޫން ވެސް ގުޅުންތައް ބަދަހިކުރަން ގޮވާލާފައިވެ އެވެ. އަދި އީދުގެެ އުފަލުގައި ފަގީރުންނާއި މިސްކީނުން ވެސް ބައިވެރިކޮށް، އީދުގެ އުފާ އެ މީހުންނަށް ފޯރުކޮށްދޭން ވެސް ހުތުބާގައި އިލްތިމާސްކުރި އެވެ.

މީގެ އިތުރުން ގައުމުގެ އަމާންކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ހުތުބާގައި އަލި އަޅުވާލާފައިވެ އެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލޭގެ 27 މިސްކިތެއްގައި ވެސް އީދު ނަމާދުކުރި އެވެ. މާލޭގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެ އެވެ.