އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އީދުގައި އުފާފާކުކުރާއިރު ޖާގަ ނުދިނުަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ. 

މުޅި ރާއްޖޭގައި މިއަދު ކުރި ފިތުރު އީދު ނަމާދުގެ ހުތުބާގައި ހަނދާންކޮށްދިން އެއް ކަމަކީ އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުގައި ހިފެހެއްޓުމަށެވެ.

"އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ އީދުތަކުގައި ޖާގަ ނުދޭށެވެ،" ހުތުބާގައި ގޮވާލި އެވެ. 

އީދު ހުތުބާގައި ބުނީ، މި ދުވަހު ތިމާ އާއި އެހެން މީހުންގެ މޫނުމަތިން ވެސް އުފާވެރިކަން ފާޅުކުރަން ވާނެ ކަމަށެވެ. އަދި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތަކުން ހަދިޔާ ބަދަލުކުރުމަށް އެދުނެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރި މި އަހަރުގެ ފިތުރު އީދު ނަމާދުގައި ޚުތުބާ ވިދާޅުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސްޓޭޑިއަމްގައި ކުރި މި އަހަރުގެ ފިތުރު އީދު ނަމާދުގައި ޚުތުބާ ވިދާޅުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނު ކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަހެވެ. އިސްލާމީ އީދުތައް ފެށެނީ، އިޖުތިމާއީ ބޮޑު ބައްދަލުވުމަކުންނެވެ. މާތް الله އަށް ޝުކުރު ދެންނެވުމަށް ޓަކައި ކުރާ އީދު ނަމާދުންނެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެ އެވެ،" ހުތުބާގައި ވެ އެވެ.

އިސްލާމީ އީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރަން ޖެހޭ އިހުތިފާލެއް ކަމަށާއި އެހެން ނަސްލުތަކުގެ މުސްލިމުން ވެސް މި ދުވަހުގެ އުފަލުގައި ބައިވެރިކުރަން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރި މި އަހަރުގެ ފިތުރު އީދު ނަމާދުގައި ރައީސް މުއިއްޒު އެ މަނިކުފާނުގެ ދެ ފިރިހެން ބޭފުޅުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސްޓޭޑިއަމްގައި ކުރި މި އަހަރުގެ ފިތުރު އީދު ނަމާދުގައި ރައީސް މުއިއްޒު އެ މަނިކުފާނުގެ ދެ ފިރިހެން ބޭފުޅުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އީދުގެ ކުރީން މުއްސަނދީން ފިތުރު ޒަކާތް ނެރެ، ފަގީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދެ އެވެ. އީދު ނަމާދުގެ ކުރީން ފިތުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކަ އެވެ،" ހުތުބާގައި ވެ އެވެ.

އީދު ހުތުބާގައި މުސްލިމުންގެ ކިބައިން އެދުނު އަނެއް ކަމަކީ ހަސަދަވެރިކަމާއި ބައިބައިވުމާއި ދުރުވެ، އެކުވެރިކަން އާލާކުރުމަށެވެ. އަދި ކޮންމެ މީހަކު ވެސް އަނެއް މީހާގެ ހައްގުތަށް އަދާކުރާށެވެ.

 

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި މި އަހަރުގެ ފިތުރު އީދު ނަމާދަށް ބަޔަކު ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި މި އަހަރުގެ ފިތުރު އީދު ނަމާދަށް ބަޔަކު ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްގުތަކެވެ. އެއީ ހަމައެކަނި އެކަލާނގެ އަށް އަޅުކަން ކުރުމެވެ،" ހުތުބާގައި ވެ އެވެ.

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާތް ﷲ ވަހީގެ ބަސްފުޅަކާ ހަވާލާދީ، ހުތުބާގައި ބުނި ގޮތުގައި ﷲ ގެ ހައްގުތައް އަދާކުރުމަށް ފަހު ދެން އޮންނާނީ މައިންބަފައިންގެ ހައްގުތަކެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރި އެވެ. މާލޭގައި ބޮޑު ޖަމާއަތް ބޭއްވީ މާފަންނު ސްޓޭޑިއަމްގަ އެވެ.