މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުޑަ އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ މާލެ ސަރަހައްދުގައި ކުޑަ އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.
އީދުނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގަ އެވެ.
އެ ލިސްޓުގައިވާ ގޮތުގައި، މި އަހަރުގެ ކުޑަ އީދު ނަމާދު މާލޭގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއާތުގައި ކުރާނެ އެވެ. އެއީ؛
- މާފަންނު ސްޓޭޑިއަމް
- ވިލިމާލެ ފުޓުބޯޅަ ދަނޑު
- ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ 2 ގެ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި
މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި ވެސް ކުޑައީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ކުޑަ އީދާއި ބޮޑު އީދުގައި މާލެ ސަރަހައްދުގެ އެކި މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިހާރު އޮވެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ކުޑަ އީދު ދުވަހަށް ވަނީ އަންނަ ހުކުރު ދުވަހެވެ.