ރާއްޖޭގެ ވެރިކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް އިތުރު ފުރުސަތެއް ދިނުމަށް އެއްވެސް ދިވެއްސަކު ބޭނުން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންނާއެކު، އެ ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރައްވާ ނަމަ، "ރައީސް ޔާމީންގެ ފައިންޕުޅު ދަށުން ދޫލަ" ދަމާލައި، ރައްޔިތުންނަށް އުފާވެރި ރާއްޖެއެއް ހޯދައިދޭނެ ކަމަށެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހާލަތުން ގިނަ ރައްޔިތުން ގޮވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް، ޖޭޕީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ރިޔާޒް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދޭން، އަޅުގަނޑާ ހަމަ ޔަގީނުން ވެސް ދިމަލެއް ނުވޭ، އެގޮތަށް ވަކާލާތު ކުރާ ދިވެހި ރައްޔިތަކު،" ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ. އަދި އަނިޔާވެރިކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި ވެރިކަމާއި މިނިވަން މުއައްސަސާތައް ގާނޫނާ އެއްގޮތަށް ހިންގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ފުރުސަތެއް ރައީސް ޔާމީނަށް ދީފިނަމަ، "މިއަށްވުރެ ނުބައިވާނެ" ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް ޑިސޭބަލް (ނުކުޅެދުންތެރި ތަނަކަށް ހަދައި) ކޮށް، ފަނޑިޔާރު ގެ އަށް އަތް ބާނަމުން ގެންދަނީ،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރިޔާޒް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އަދި ޖޭޕީ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމަކީ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އާއި 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުން ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެކަމަކު އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވަނީ ގާސިމަށް ކުރިމަތިލެވޭ ގޮތް ހަދާނެ ކަމަށެވެ.