ކުޅި ހިއްކާތީ އިކޯކެއާއިން ހުށަހެޅި ސިވިލް ކޯޓަކަށް ނުބެލޭނެ: ދައުލަތް

ހދ. ކުޅުދުއްފުށީ ކުޅި ހިއްކާ މައްސަލާގައި އިކޯކެއާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން އެ ކޯޓުގައި މިއަދު ބުނެފި އެވެ.


ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެ ރަށު ކުޅިން ބައެއް ހިއްކާ މައްސަލާގައި އިކޯކެއާ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެކަމާ ގުޅޭގޮތުން ހެދި އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) އަށް އަމަލު ކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އިޖްރާއީ ނުކުތާ ނަގާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮންނާނީ ކުޅުދުއްފުށީ ކޯޓަށް ކަމަށާއި އެހެންވެ، އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. ދައުލަތުން ނެގި އެ ނުކުތާއަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީ ވުމަށް އީކޯކެއާ އަށް ކޯޓުން ވަނީ ފުރުސަތު ދީފަ އެވެ.

ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދި ކުޅުދުއްފުށީގެ މީހަކު އެ ރަށު ކޯޓަށް ކުރިން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އީއައިއޭ ރިޕޯޓުގައިވާ ގޮތުން ކުޅި ހިއްކައިފި ނަމަ، ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެ، ގުދުރަތީ ދިރުންތައް ނެތިގެންދާނެ އެވެ. އެހެންވެ، އެކަންކަން ދިމާ ނުވާނެ ފަދަ ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންދަން ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

އެމްޓީސީސީގެ ޑްރެޖަރު ބޭނުން ކޮށްގެން ކުޅި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މަޝްރޫއަށް ހިއްކާނީ ކުޅީގެ ވަކި ބައެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ހިއްކުމުގެ މަސައްކަތް ނިންމައި، އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ފަހު އަންނަ އަހަރުގެ އޮގަސްޓް މަހު އެއާޕޯޓް ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.