ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި

ނ. އަތޮޅުގައި އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.


ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އަބޫދާބީ ފަންޑާއެކު ސޮއިކުރެއްވީ، ސިޓީ ހޮޓަލަކާއެކު މާފަރުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އެޅުމަށާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަދި ޑިޖިޓަލް ސްކޫލް ޕްރޮގްރާމަށް އެ ފަންޑުން އެހީވުމުގެ އެއްބަސްވުމެއްގަ އެވެ.

މި އެއްބަސްވުމުގައި އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލީ ސައީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު ޒަމީރު "މިހާރު" އަށް ވިދާޅުވީ މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ކޮންޓްރެކްޓަރަކު ވެސް އަބޫދާބީ ފަންޑުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތް އެ ފަންޑުން ހަވާޅުކޮށްފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޯފްޝޯ އިންޖިނިއަރިންއާ އެވެ. އެ މަސައްކަތް އެ ކުންފުނިން ކުރަނީ އެހެން ކުންފުންޏަކާ ގުޅިގެން ކަމަށް ވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް ސައިފް، އެމްއޯޔޫގައި މިއަދު ސޮއިކުރައްވަނީ.

އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ބަޔަކު އަބޫދާބީ ފަންޑުން ކަނޑައެޅީ އެކަން ކޮށްދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

"މި އެއާޕޯޓުގެ މަސައްކަތް ނިންމަންޖެހޭ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް. އޭގެ ފަހުން އެތަން ދިވެހި ސަރުކާރާ ހަވާލުކުރުމާއެކު އަޅުގަނޑުމެން ކަނޑައަޅާނަން އެއާޕޯޓް ހިންގާނެ ބަޔަކު،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މާފަރު އެއާޕޯޓް އޮޕަރޭޓް ކުރާނީ، އެތަނާއެކު އަޅާ ސިޓީ ހޮޓާ ހިންގާ ބައެކެވެ. ސިޓީ ހޮޓަލުގެ ބޭނުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓް ހިންގުން ފީޒަބަލް ކުރުމެވެ. ނަމަވެސް ސިޓީ ހޮޓާ ހިންގާނެ ބަޔަކު އަދިއެއް ނުނިންމަ އެވެ.

ޒަމީރު ވިދާޅުވީ އެންމެ މަތީ ފެންވަރު ނުވަތަ އަލްޓްރާ ލަގްޒަރީ ޓޫރިޒަމްގެ ޒޯނެއްގެ ގޮތުގައި ނ. އަތޮޅު ތަރައްގީ ކުރުމަކީ ރައީސް ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެހެންވެ ޒަމީރު ވަނީ މިކަމާ ގުޅޭ ގޮތުން ޔޫއޭއީގައި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ބައެެއް ފަރާތްތަކާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.

"އަބޫދާބީ ފަންޑާއެކު ޓޫރިޒަމް ޑިވެލޮޕްމެންޓް ކުރުމުގެ އެމްއޯޔޫއެއްގައި މިއަދު މި ސޮއިކުރީ ވެސް އެ ބޭނުމުގައި. އަބޫދާބީ ފަންޑުން ކޮށްދޭނެ ކަމަކީ އިންވެސްޓަރުން ނ. އަތޮޅަށް ގެންގޮސްދީ، ފުރުސަތުތައް ކިޔައިދިނުން،" ޒަމީރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑުން ސޮއިކުރުމަށް ފަހު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެ ފަންޑުގެ އެހެން ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.

"ޔޫއޭއީގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކަށް އަޅުގަނޑު މިއަދު މި ކިޔައިދިނީ ނ. އަތޮޅުގައި އަލްޓްރާ ލަގްޒަރީ ޓޫރިޒަމަށް ހުރި ފުރުސަތުތަކާއި ލިބޭނެ ފައިދާތައް. އެބޭފުޅުންގެ ޝައުގުވެރިކަން ވެސް އެބަހުރި. އަންނަ ޖެނުއަރީ މަހު އެ ބޭފުޅުން ނ. އަތޮޅަށް ވަޑައިގެން ބައްލަވާފައި ގޮތެއް ނިންމަވާނެ."

ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަން އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މި ސޮއިކުރީ، ރައީސް ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން މިދިޔަ އޮކްޓޯބަރު މަހު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާއާއެކު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ސިޓީ ހޮޓަލަކާ އެކު ތަރައްގީކުރާ މާފަރު އެއާޕޯޓަކީ ސަރުކާރާއި ޔޫއޭއީގެ ގުޅުން ރަމްޒުކޮށްދޭނެ ހަދިޔާއެއް ކަމަށެވެ.

މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށްޓަކައި މިހާރު ވަނީ ބިން ވެސް ސާފުކޮށް ނިމިފަ އެވެ.

ނ. މާފަރު އެއާޕޯޓް ފުރަތަމަ ހަވާލުކުރީ، ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުން އުވާލައި އެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމްސް ރިސޯޓްސްއާ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ސަރަހައްދުގެ ފަޅުތެރެ އިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށެވެ. އަދި އެ ކުންފުނިން ހުށަހެޅީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ތަަރައްގީ ކުރުމަށެވެ.

ސަރުކާރުން ބުނެފައި ވަނީ މާފަރު އެއާޕޯޓް މަޝްރޫއު ސަން ސިޔާމްސް އަތުން ނެގީ، ދުބާއީ ފަންޑުގެ ހިލޭ އެހީ ލިބުމުން ކަމަށެވެ.