އިސްލާމީ މަރުކަޒުގެ މާބުލްތަކުގައި ރެނދުލި ސަބަބު ބަލަން ފަށައިފި

އިސްލާމީ މަރުކަޒު ވަށައިގެން މާބުލް ޖަހާފައިވާ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި ވާތީ އެކަން މެދުވެރިވީ ސަބަބު ބަލަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މާބުލްތަކުގައި ރެނދުލި ސަބަބު ދެނެގަނެ، އެ ކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް އެ މިނިސްޓްރީން ނުދައްކަ އެވެ.

އިސްލާމީ މަރުކަޒުގައި ޖަހާފައިވާ މާބްލްތަކުގައި ރެނދުލައިފައި -- ފޮޓޯ: މުހަންމަދު ޝަރުުހާން/ މިހާރު

އިސްލާމީ މަރުކަޒު ކައިރީގައި މާބުލް ޖެހުމަށް ފަހު ބޭނުންކުރަން ކުރަން ފެށީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބައެއް މާބުލްތަކުގައި ވަރަށް ބޮޑަށް ރެނދުލައި ވަނީ ދެފަޅިވެފަ އެވެ.

މިނިސްޓްރީން ކުރި ޓުވީޓު.

އިސްލާމީ މަރުކަޒު ބޭރުގައި ޖަހަން މާބުލް ހަދިޔާ ކުރީ ޗައިނާއިންނެވެ. ގާތްގަނޑަކަށް 1.14 މިލިޔަން ޑޮލަރުގެ މަޝްރޫއަށް ސަރުކާރުން ހޭދަކުރީ ތިން މިލިޔަން ރުފިޔާ އެވެ. އެ ތަނުގައި ރެނދުލީ، ޗައިނާ އިން ހަދިޔާ ކުރި ފެންވަރު ދަށް މާބުލް ޖެހުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ.