ކުރިއަށް އޮތް ރޯދަ މަހު އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާނެ އެއް ތަނަކަށް އިސްލާމީ މަރުކަޒު ވާނެ އެވެ. އެހެންވެ، އަޅުކަމުގެ އެ މައްސަރަށް ހާއްސަ ކޮށްގެން އެ ތަނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އިސްލާމީ މަރުކަޒަށް އެންމެ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތާ ހަވާލުވެފައިވާ ހައުސިން މިނިސްޓްރީން ބުނާ ގޮތުން ރޯދަ މަސް ފެށެން ވާ އިރަށް އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދު އޮންނާނީ މާބްލް ޖަހައިފަ އެވެ. ގާތްގަނޑަކަށް 5000 އަކަމީޓަރުގެ ސަރަހައްދެއްގައި މާބްލް ޖަހާނެ އެވެ.
މީގެ އިތުރުން މަސްޖިދުއްނަބަވީގައި ހުންނަ ކަހަލަ ރީތި ކުޑަތަކެއް ޖަހައި، ނަމާދު ކުރާ މީހުންނަށް ހިޔާވާގޮތް ހަދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިހާރު މި މަސައްކަތް އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރޯދަ އަށް ނިންމާލެވޭނެ ކަމުގެ. މިހާރު ވަރަށް ބާރަށް އެ މަސައްކަތް އެބަ ކުރި އަށް ދޭ،" ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާބްލް ޖެހުމަށްޓަކައި، އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި އޮތް ތަޅުންގަނޑު މިހާރު ވަނީ ނަގައިފަ އެވެ. އަދި އަލުން ތަޅުން އެޅުމަށް ފަހު މިހާރު އަންނަނީ މާބްލް ޖަހަމުންނެވެ.
މިއީ ޗައިނާ ސަރުކާރުން 1.14 މިލިޔަން ޑޮލަރު ދީގެން ހިންގާ ބޮޑު މަޝްްރޫއެކެވެ. އެހެންވެ، މުޅި މަސައްކަތް ނިމޭ އިރު، އިސްލާމީ މަރުކަޒުގެ ހައިބަތު ބޮޑުވެ، އެތަން އިތުރަށް ޗާލު ވާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މާބްލް ޖެހުމުން، އީދު ނަމާދާއި ތަރާވީހް ނަމާދު ފަދަ ބޮޑެތި ޖަމާއަތްތަކުގައި ކުރާ ނަމާދުތަކަށް ގިނަ ބަޔަކަށް ޖާގަ ލިބޭނެ އެވެ. އަދި ކުޑަތަކުގެ ހިޔާ ވެސް ނަމާދުކުރާ މީހުންނަށް ލިބޭނެކަން އެތަނުން ފާހަގަ ކުރި އެވެ.