ކޯލިޝަން ކެންޑިޑޭޓުގެ ގޮތުގައި ނަޝީދަށް ވާދަކުރެއްވޭނެ ކަމުގެ އުއްމީދު އެބައޮތް: އެމްޑީޕީ

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.


ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވާފައިވާ ނަޝީދު، ބައިނަލްއަގްވާމީ ފިއްތުންތަކާއެކު، ރާއްޖެ ވަޑައިގަތަސް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށާއި އެމަނިކުފާނު ވަންނަވަން ޖެހޭނީ ޖަލަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އިސް މެމްބަރު ނިހާންގެ އެ ވާހަކައަށް ފާޑުވިދާޅުވެ ހަސަން ވިދާޅުވީ "އެކަހަލަ ވާހަކަ މާއަޑު ހަރުކޮށް ނިހާން ދެއްކެވުން އެހާ ރަނގަޅެއް ނޫން" ކަމަށެވެ.

ސަބަބަކީ، އެގޮތަށް ދައްކަވާ ވާހަކަތަކާ ދިމާ އިދިކޮޅަށް މި ސަރުކާރުން އަމަލުކުރަން ޖެހިފައިވާކަން ނިހާނަށް އެނގިވަޑައިނުގަންނަވާތީ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"މާދަމާ ނޫން ކަމެއް ނޭނގެ އެ ވިދާޅުވި އެއްޗަކާ ދިމާ އިދިކޮޅަށް ސަރުކާރުން އަމަލުކުރަން ޖެހޭނީ. ރައީސް ނަޝީދު ޖަލުގައި ހުންނެވިއިރު ވެސް ރައީސް ޔާމީން ވަރަށް ބާރަށް ވިދާޅުވި ދުލެއް ނުކުރައްވާނަމޭ، ވަކިވަކި މީހުން އެހެން ދޫކޮށެއް ނުލެއްވޭނެއޭ. އޭގެ އަނެއް ދުވަހު ވަރަށް ރީއްޗަށް ފްލައިޓަކަށް ލާފައި [ނަޝީދު] ފުރުވާލެއްވީ އިނގިރޭސި ވިލާތަށް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަން ހިނގާ ގޮތް އޮޅުވާލައިގެން މި ސަރުކާރުގެ އިސް ބޭފުޅުން ވާހަކަ ދެއްކެވުމުން ލަދުވެތި ކަންކަމާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ބޭރުގެ ގައުމުތާކުން ދިވެހި ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު ކުރިއަށް ގެންދާ ވާހަކަތައް ނިހާނަށް އެހާ ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެހެންވެ ނިހާނަށް ވެސް އެނގިވަޑައިނުގަންނަވާ ކަންކަމުގެ ތެރެއަށް މާ ބޮޑަށް ފާޑުވިދާޅުވެ ނުހައްދަވަން އަޅުގަނޑު އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

"2008 ގައި އަދި 2013 ގައި ވެސް ވާދަކުރެއްވި ގޮތަށް ހަމަ އަނެއްކާ ވެސް ރައީސް ނަޝީދަށް ވާދަކުރެއްވޭނެ. އަދި އިރާދަކުރެއްވިއްޔާ، މިފަހަރު ވާދަކުރެއްވޭނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުގެ ގޮތުގައި."

ހަސަން މިހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ ކޯލިޝަނުން ކެންޑިޑޭޓުގެ ގޮތުގައި ނެރޭނެ ބޭފުޅަކު އަދި ކަނޑައެއް ނާޅަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ނެރެން އެ ޕާޓީން ބޭނުންވާއިރު، ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރޭށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މި ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ދިވެހިން އެދޭ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލު ކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެއީ "ހޮޅި ވާހަތަކެއް" ކަމަށް ސިފަކުރައްވަމުން ނިހާން ވިދާޅުވީ 2018 ގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ޚިލާފަށް ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭ ކުށްވެރިއެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ރާއްޖޭގެ އެތެރެވަރީން ފެނިއްޖެ ނަމަ ގާނޫނު ނަޝީދާ އަރައި ހަމަކުރާނެ. އަވަށްޓެރިންނާއި ދުރުން ޕްރެޝަރު ކުރިއަސް 2018 ގެ ވޯޓު ކަރުދާހުގެ އެއްވެސް ހިސާބެއްގައި ނަޝީދުގެ ނަމެއް ނޯންނާނެ،" ނިހާން ވިދާޅުވެފައިވެ އެވެ.