މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ 265 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
އެ ކޯޕަރޭޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ރޭ ދަންވަރުން ފެށިގެން މާލެ ސާފުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، 265 ޓަނުގެ ކުނި އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި ގޭގެއިން ފަރުނީޗަރުތައް އާ ކޮށްލުމަށް ބޭރަށް ނެރެ އުކާލުމަށް ބަހައްޓާފައި ހުރި ތަކެތި. އަދި އައިސް އަލަމާރި، ތަރުކާރީގެ ބާވަތްތައް، ބޮޑެތި ތަންތަނުން ތަރުކާރީ ކުނި ވެގެން ބަހައްޓާފަ ހުރި އެއްޗެހި، ބޮޑެތި ތަންތަނުން ގެރެންޓީ ހަމަވެގެން ނެރެފަ ހުންނަ އެއްޗެހިތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މާލެއިން ކުނީގެ މައްސަލަ ހައްލު ނުވާ ސަބަބެއް ކަމަށް ޝާން ވިދާޅުވީ 2،000 އެއްހާ ގޭބިސީން އަދިވެސް ކުނި އުކާލުމަށް ރަޖިސްޓަރީ ކޮށްފައި ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އަކީ ސާފުވެއްޓަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޝާން ވިދާޅުވި އެވެ.
"ރަޖިސްޓްރީ ނުކުރާ ބޭފުޅުންވީމަ އެ ގޭގެއިން ކުނި ނެގޭކަށް އަޅުގަނޑުމެންނަށް ނޯވޭ. ހަމަ އެހެންމެ މަގުތައް ކުނި ކުރާ ކަށް ވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ނެތް. އެހެންވީމަ މިވާ ގޮތަކީ ޑަބަލް މަސައްކަތް އަޅުގަނޑުމެން ކުރަން އެބަޖެހޭ،" ޝާން ވިދާޅުވި އެވެ.
މަގުތަކަށް ކުނި ޖަމާކުރާ އެއް ސަބަބަކީ ވެމްކޯއިން ކުނި ބަލައި ގަވާއިދުން ގޭގެ އަށް ނުދިއުން ކަމަށް ބުނެ ކުރާ ޝަކުވާތަކާ ގުޅޭގޮތުން ޝާން ވިދާޅުވީ ބައެއް ގޭގެއިން ކޮންމެ ދުވަހަކު ކުނި ނުނެގޭ ކަމަށެވެ. އަދި އެގޮތަށް ބޮޑަށް ދިމާވަނީ ގޭގޭގެ ސެކިއުރިޓީ ކަންކަން ހުންނަ ގޮތުން އެ ގޭގެ އަށް ނުވަދެވޭތީ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި މާލޭ އެކި ސަރަހައްދުތަކުގައި ޑަސްބިން ވެސް ބެހެއްޓުމަށް ނިންމާފައިވާއިރު، ކުނީގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭއެއް ކުރަން ވަނީ ނިންމައިފަ އެވެ.