މޭ 7 ގެ ފަހުން ކުދިން ކިޔަވާނީ ވައިފައިކޮށް ޓެބްލެޓްގައި: މިނިސްޓްރީ

ސްކޫލުތައް ޑިޖިޓައިޒް ކުުރުމުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި މި އަހަރުގެ މޭ 7 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުންކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.


ދިރާސީ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތައް ޑިޖިޓައިޒް ކުރަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ސްކޫލުތައް ވައިފައި ކުރުން ކުރިއަށް ގެންދާއިރު، މި އަހަރުގެ މޭ މަހު އެކަން ނިންމައި ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސްކޫލުތައް ވައިފައި ކުރުން ދިރާގުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާއިރު، ރާއްޖޭގެ އެންމެ އާބާދީ ކުޑަ ސްކޫލަށް ވެސް މޭ ހަތެއްގެ ކުރިން ވައިފައި ގުޅައި، ޓެބްލެޓް ބޭނުންކުރާނެ ކަމަށް ވެސް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

"އެންމެ ކުޑަ ސްކޫލުގައި ވެސް ޓެބްލެޓް ބޭނުންކުރަން ފަށާނެ މޭ ހަތެއްގައި. ރޭންޖް އެންމެ ދަށް ރަށުގައި ވެސް އަޅުގަނޑުމެންނަށް އެކަން ކޮށްދެވޭނޭ މޭ ހަތެއްގައި. އެކަމަކު ތާރީޚަށް ބަދަލެއް އަތުވެދާނެ. އެހެން ސްކޫލުތަކުގައި ވެސް އޭގެ ކުރިން އެ މަޝްރޫއު ފަށާނެ.،" ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ޒަމާނުގައި ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ނިޒާމަށް ގެންނަ މުހިންމު އަދި ތާރީޚީ ބަދަލާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

އާއިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ސްކޫލްތައް ޑިޖިޓަލް ކުރުމުން، ދަރިވަރުންނަށް މާއްދާތަކާ ގުޅޭ އިތުރު މައުލޫމާތުތައް ލިބިގެންދާނެ އެވެ. އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައިވަރު ވަރަށް ގިނަ މާއްދާތަކުން ވެސް ވިސްނުންތަކުން ރިސޯސަސްތަކެއް އެބަހުރި. އެހެންވެ ޑިޖިޓަލް ވެގެން ކުދިންނަށް ޓެބްލެޓް ވެގެން މި ބޭނުން ކުރެވެނީ އެ އިންޓަނެޓް ކަނެކްޓިވިޓީގެ ތެރެއިން އެ ކުދިންނަށް އިތުރު ރިސޯސަސް ތަކެއް ފޯރުކޮށްދެވޭނެ. މިސާލަކަށް ހިސާބު ކިޔަވަންޏާ އެ މާއްދާއާ ގުޅޭ ބައިވަރު ރިސޯސަސްތައް އެބަހުރި ދުނިޔޭގައި އެވަައިލަބްލް. އެ ރިސޯސްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދެވޭ. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރަނީ އޭގެ ސަބަބުން ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލް ކުރި ކަމުގައި ވިޔަސް އެއްފަހަރާ ދަރިވަރުންނަށް ޓެބްލެޓް ދޫނުކުރާނެ ކަމަށެވެ. އެކަމަށް ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރާނެ ކަމަށް ވިދާޅުވި އެވެ.

ޓެބްލެޓް ބޭނުންކުރާނީ ވަކި މާއްދާތަކަށް ކަމަށާއި ފޮތްތައް ވެސް ބޭނުންކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.