ތައުލީމީ ދާއިރާގައި މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޒަމާނީ ވަސީލަތްތަކާއެކު، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކުރިއެރުމަށް މި އަހަރު ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ވިސްނުން އަމާޒުކުރާނީ، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް، ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުުވަމުންނެވެ. މި އަހަރުގެ މޭ ހަތް ވަނަ ދުވަހުން ފެށިގެން ހުރިހާ ދަރިވަރުން ވެސް ކިޔަވާނީ ޓެބްލެޓް ބޭނުންކޮށްގެންނެވެ.
އެއީ މިއަހަރު ތައުލީމީ ދާއިރާއިން ފެންނާނެ އެންމެ ބޮޑު ބަދަލެވެ.
"މި ފެށޭ ދިރާސީ އަހަރަކީ، ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއް. އަޅުގަނޑުމެންގެ މުޅި ވިސްނުން އަމާޒު ކުރާނީ، ޒަމާނީ ވަސީލަތްތަކާއެކު، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް. މިގޮތުން، ރާއްޖޭގެ ބައެއް ސްކޫލުތަކާއި، މާލޭގެ ސްކޫލުތައް ގުޅުވާލައި، ސްޓޭޓް އޮފް ދަ އާޓް ޓެކްނޮލޮޖީގެ ވިއުގައިގެ އެހީގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށިގެންދާނެ،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
މިހާރު ކިޔަވާ ދަރިވަރުންނަކީ މުުސްތަގުބަލަށް ތައްޔާރުކުރާ ޒިންމާދާރު ބަޔަކަށް ވާންޖެހޭތީީ، ދުނިޔެ ކުރިއަރައި ތަރައްގީވާ ވަރަކަށް އެކަމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭނެ ކަން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި އަހަރު ސްކޫލުތަކުގައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމުން، އިތުރު އެހީއެއް ލިބިގެންދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިން ސަމާލުކަން ނުދޭ ވަރަށް ދަރިވަރުންގެ ސިއްހީ ކަންކަން ބެލުމާއި ތައުލީމުން އެއްވެސް ކުއްޖަކު މަހުރޫމް ވެދާނެ ކަންތައްތަކުން ދަރިވަރުން ރައްކާތެރިކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަ އެވެ.
އާއިޝަތު ޝިހާމް ވަނީ ޓީޗަރުންގެ އިލްމީ ގާބިލްކަން މަތިކުރަން ހިންގަންޖެހޭ ކުރު މުއްދަތާއި ދިގު މުއްދަތުގެ ގިނަ ކޯސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަން ވެސް ފާހަގަކުރައްވައިފަ އެވެ. އަދި ސްކޫލުތަކަކީ ދަރިވަރުންނަށް އުފާވެރި ތަނަކަށް ހަދަން ވަސީލަތްތައް ހަމަކޮށްދިނުމާއި ޖާގަ ތަނަވަސްކޮށްދޭން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އާ ހިތްވަރާއެކު ސްކޫލުތަކުން ލިބެންހުރި ފުރުސަތުގެ ބޭނުން ހިފައިގެން ހިތްވަރާއެކު ކިޔެވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.