ރިޕޯޓް / ދިރާސީ އާ އަހަރު

ގޮންޖެހުމެއް ނެތް، ދިރާސީ އާ އަހަރަކަށް

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިދިޔަ ހުކުރުދުވަހު "މިހާރު"އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގައި މިއަދު ފެށިއިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ. ދިރާސީ އަހަރު ފެށީ އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި، ސްކޫލުތަކަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކުރުމާ އެކުގަ އެވެ. ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ވަނީ ހަމަކޮށްފަ އެވެ. ފޮތް، ފަންސުރު ފަދަ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. ގޮންޖެހުމެއް ނެތެވެ.

"ސްކޫލްތަކަށް ކުދިން ނުކުނަންވާއިރަށް އެ ކުދިންނަށް މަރުހަބާ ކިޔުމާއި ސްކޫލުތެރެ ޒީނަތްތެރި ކުރުމާއި ޓީޗަރުން ތައްޔާރުވުން ކަހަލަ ކަންކަން އިރާދަކުރެއްވިއްޔާ މިފަހަރު ވަނީ ވެފައި،" މިދިޔަ ހުކުރުދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ސްކޫލްތަކުގައި 74،000 އަށް ވުރެ ގިނަ ކުދިން ކިޔަވާއިރު، އެ ކުދިންނަށް ބޭނުންވާ ހުރިހާ ކަންކަން ހުރީ ސުން ގަޑި ޖެހުނުއިރު ފުރިހަމަކޮށް ނިމިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ތިރީގައި މިވަނީ މިނިސްޓަރުގެ އިންޓަވިއުގެ މުހިންމު ބައިތަކެވެ.

މި އަހަރު ފާހަގަކުރެވޭނެ އާ ކަންތައްތަކަކީ ކޮބާ؟

ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރު އެންމެ ބޮޑު އިސްކަންދޭ އެއް ކަމަކީ އާ މުގައްރަރު ތައާރަފު ކުރަމުން ގެންދިއުމެވެ. އެގޮތުން "ކީ ސްޓޭޖް" ގެ ނަމުގައި އެކި ގްރޭޑްތަކަށް ބަހާލައިގެން އާ މުގައްރަރު ތައާރަފު ކުރުން 2015 އިން ފެށިގެން އަންނަނީ ކުރަމުންނެވެ.

ކީ ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 3،2،1 ކަމަށް ވާއިރު އެ މަރުހަލާ ކުރިއަށް ގެންދިޔައީ 2015ގަ އެވެ. މިދިޔަ އަހަރު ކުރިއަށް ގެންދިޔައީ ކީ ސްޓޭޖް 2 އެވެ. އޭގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ކީ ސްޓޭޖް 3 ގައި ހިމެނެނީ ގްރޭޑް 8،7 އެވެ.

ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ގްރޭޑް 7 ގެ އިތުރުން ގްރޭޑް 8 ގައި މި އަހަރު ކީ ސްޓޭޖް 3 ކުރިއަށް ގެންދިއުމުގެ ބަދަލުގައި ގްރޭޑް 7 އަށް އެކަނި އާ މުގައްރަރު ތައާރަފު ކުރުމަށެވެ. ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގްރޭޑް 8 އަށް ބަދަލުވި ކުދިންގެ ޖީސީއީ އޯލެވް އަށް ބުރުލެއް އަރާފާނެތީ އެވެ.

"މި އަހަރުގެ ކުދިން ގްރޭޑް ހަތެއް ނިމިގެން ގްރޭޑް އަށެއްގައި ހަދާނެ ކީ ސްޓޭޖުގެ ބައި. އޭރުން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު 9،8 އަށް ކީ ސްޓޭޖު ކުރިއަށް ގެންދެވޭނެ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ނ. ވެލިދޫ ސްކޫލުގެ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަނީ: ތައުލީމީ ދާއިރާ އަށް ޓެކްނޮލޮޖީގެ އާ ކަންކަން ތައާރަފު ކުރުމަކީ އެ ދާއިރާ އިން މި އަހަރު އެޑިއުކޭޝަން މިނިސްޓަރު ދެކެވަޑައިގަންނަވަން ބޭނުންވާ އެންމެ ބޮޑު ބަދަލު

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ތައުލީމީ ދާއިރާ އިން މި އަހަރު ފެންނާނެ އެންމެ ބޮޑު ބަދަލަކަށް ވާނީ، އެ ދާއިރާ އަށް ޓެކްނޮލޮޖީގެ އާ ކަންކަން ތައާރަފު ކުރުމެވެ. މިހާރު ވެސް ވީޑިއޯ ކޮންފަރެންސްގެ ނިޒާމުން ހުރިހާ އަތޮޅެއްގެ ސްކޫލުތަކެއް ވަނީ ގުޅާލާފައި ކަން ފާހަގަކުރެއްވި އެވެ.

"މި އަހަރު މި މަސައްކަތް ކުރަނީ ވާޗުއަލް ލާނިން، އޭގެ މާނައަކީ ކުދިކުދި ސްކޫލުތައް ހުންނަ ތަންތަނުގައި ކުދިންނަށް ބޭނުންވާ މައުލޫމާތާއި އިންޓަރެކްޓިވް ލާނިން ސްކޫލުތަކަށް ފޯރުކޮށްދިނުން. އަޅުގަނޑު މި އަހަރު އެންމެ ދެކެން ބޭނުންވާ އަދި އެންމެ އެކްސައިޓްވާ ކަމަކީ އެޑިއުކޭޝަނާއި ޓެކްއާ ލިންކުވެގެން ކުދިންނަށް ފައިދާވުން،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ ޓިވެޓް ޕްރޮގްރާމްގައި ވެސް އޮންލައިން ލާނިން ނުވަތަ އިންޓަރެކްޓިވް ލާނިންގެ ތެރެއިން ފާމަސިސްޓުންނާއި ނަރުހުން ވެސް ތަމްރީން ވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޕޮލިޓެކްނިކްގައި ވެސް އޮންލައިން ލާނިން ކުރިއަށް ގެންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އިންޓަރެސްޓެއް މި އަހަރުގެ ތެރޭގައި ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތައް ސްކޫލުތަކާ ހަމައަށް ފޯރުކޮށްދިނުން. އެ ފޯރުކޮށްދޭއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ޓެކްނޮލޮޖީއޭ އެންމެ ބޮޑު ޕްލެޓްފޯމަކަށް ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރަށް ބަލާއިރު ތައުލީމީ ދާއިރާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ގައުމީ އާ މުގައްރަރު ތައާރަފު ކުރުން ކަމަށް ވާއިރު، މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެސް މި މުގައްރަރުގައި ކިޔަވައިދޭ ގޮތް ރަނގަޅުވެގެން އެކަން ފާހަގަކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2015 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި: އާ މަންހަޖު ތައާރަފުކުރުން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާއިރު، އެއީ މުޅިން ތަފާތު މަންހަޖެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވޭ. -- ފޮޓޯ: ތޯރިގު އަބްދުއްރަހުމާން

އާ މުގައްރަރުގެ ކޮންމެ ކީ ސްޓޭޖަކާ އެކު ކިޔަވައި ދިނުމުގެ އާ ގޮތްތަކާއި އާ ފޮތްތައް ތައާރަފު ކުރާނެ އެވެ. މިއީ ކިޔަވައި ދިނުމުގެ މުޅި ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްލާ މަރުހަލާތަކެކެވެ. ކުދިންގެ ނަތީޖާ ބަލާ މިންގަނޑު ވެސް މުޅިން ތަފާތެވެ

"އަޅުގަނޑު ދަންނަވާނީ މިހާރު މި ކިޔަވައިދޭ ގޮތާ ހެދި ކުދިންނަށް ތަފާތެއް އާދެއޭ. ކުރީގައި އެއް ގްރޭޑް ނިމިގެން އަނެއް ގްރޭޑަށް ދާއިރުގައި މާއްދާއަކުން ލިބިދާނެ 65. އެކަމަކު ބެލެނިވެރިއަކަށް ވެސް އެ ސްކޫލަކަށް ވެސް ހިސާބު މާއްދާ އިން 65 ލިބޭއިރު ކޯޗެއްކަން [އެ ކުއްޖަކަށް] އެނގުނީ، ކޯޗެއް ކަމެއް ނޭނގެނީ ކޯޗެއް ކަމެއް ނޭނގޭނެ،" އާ މުގައްރަރުގެ ތަފާތުކަން ފާހަގަކުރައްވަމުން އައިޝަތު ޝިހާމް ވިދާޅުވި އެވެ.

"އެކަމަކު މިހާރަށް ބަލާއިރު، ކިޔަވައިދޭ މާއްދާ އިން އެއްޗެއް ނޭނގެންޏާ ދެވަނަ ފަހަރު ވެސް އަދި ތިން ވަނަ ފަހަރު ވެސް ކިޔައިދޭނެ. އެ ބަދަލުވާ ގްރޭޑަށް ބަދަލުވާއިރު ހުންނަން ޖެހޭނީ އެނގެން ޖެހޭ މައުލޫމާތު އެނގިފައި. އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާ ކިޔުމަށް ވުރެ، އެ ކުއްޖަކަށް އެނގެން ޖެހޭ ވަރަށް އެނގެން ޖެހޭ."

އެޑިއުކޭޝަނުން ދެކޭ ގޮތުގައި އާ މުގައްރަރަކީ ސްކޫލުތަކާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ގެނައި މުހިންމު ބަދަލަކަށް ވަނީ ވެފަ އެވެ. ވަކިވަކި ކުދިންނަށް އަޅާލުމާއި އިސްލާމް ދީނާއި ދިވެހި ސަގާފަތާއި ދިވެހި ތާރީހަށް އިސްކަންދިނުމަށްޓަކައި ހުޅުވުނު ދޮރެކެވެ.

"އަޅުގަނޑަށް ފެންނަނީ ސޯޝަލް ޗޭންޖެއްގެ ގޮތުގައި. ކަލެކްޓިވް ޑިސިޝަނެއް [ކޮންމެ ކަމެއްގައި ވެސް] ނެގޭ ތަން މި ފެންނަނީ،" އާ މަންހަޖުގެ ކާމިޔާބާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ އެއްވެސް ދަތިކަމެއް ނެތް

ގިނަ ފަހަރު ދިރާސީ އަހަރު ފަށާއިރު އެންމެ އުނދަގޫ އަދި ބެލެނިވެރިންގެ ޝަކުވާ އެންމެ ބޮޑަށް އަންނަނީ ޓީޗަރުން ހަމަނުވުމުގެ މައްސަލައިގަ އެވެ. އެކަމަކު މި ފަހަރު އޭގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން އައިޝަތު ޝިހާމް ދެއްވި އެވެ.

"މިސާލަކަށް ޓީޗަރަކު ބަލިވެ ކަމަށް ދިމާވިޔަސް އެކަމަށް ވެސް އެރޭންޖްމަންޓްސް ވާނީ ހެދިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ސްކޫލުތަކުގައި 7،700 ޓީޗަރުން ކިޔަވައިދޭނެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދަކީ 2،100 އެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި ޓީޗަރުން ހަމަވުމާ އެކީގައި މި އަހަރު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޓީޗަރުން ތަމްރީން ކުރުމަށެވެ. އެގޮތުން ހުރިހާ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ގެންގޮސް، އެ މީހުން ޑިގްރީ ފެންވަރަށް ގެންދިއުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިދިޔަ ހުކުރުދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ފިޒިކްސް ކިޔަވައި ދެއްވާ ޓީޗަރެއްގެ އަތުގައި ވެސް ފިޒިކްސް އިން ޑިގްރީއެއް އޮންނަން އެބަ ޖެހޭ. އޭރުން ކުދިންނަށް އެންމެ ރަނގަޅަށް މައުލޫމާތު ލިބޭނީ. އެހެންވީމާ މިހާރު ޑިގްރީ އަށް ކިޔަވާ ޓީޗަރުންނަކީ ވެސް ވަކިވަކި މާއްދާތަކުން ޑިގްރީ ހަދަމުންދާ ޓީޗަރުން ކަމަށް ވާތީ، ސްކޫލުތަކުން ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުން ތަމްރީން ކުރުމާއި އެމީހުން ތާޒާކުރުން ވެސް ހުއްޓާނުލައި މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ހުރިހާ ޕްރިންސިޕަލުން ވަނީ ރާއްޖެ އިން ބޭރަށް މިދިޔަ އަހަރު ފޮނުވައިގެން އިތުރު ތަމްރީންތައް ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުންނަށް މި އަހަރު ވެސް އިތުރު ތަމްރީން ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދިވެހި ޕްރިންސިޕަލުން ގިނަކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކެނޑިނޭޅި އަންނަނީ ކުރަމުންނެވެ. މިހާރު ވެސް ސްކޫލުތަކުގައި ތިބި ޕްރިންސިޕަލުންގެ ތެރެއިން 60 ޕަސެންޓަކީ ދިވެހިންނެވެ.

"ދެން ތިއްބެވި [ބިދޭސީ] ޕްރިންސިޕަލުންގެ ބަދަލުގައި ދިވެހި ޕްރިންސިޕަލުން ސްކޫލުތަކަށް ލާން އެބަ ބޭނުންވޭ. އެކަން ކުރިއަށް ގެންދާނެ މި އަހަރު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީ ޓީޗަރުން އަންނަނީ މަދުވަމުން

މި އަހަރު ވެސް ސްކޫލުތަކުގައި 2،100 ބިދޭސީ ޓީޗަރުން ތިބޭއިރު، މިއީ މަދު އަދަދެއް ނޫނެވެ. އެމްއެންޔޫ އާއި ރާއްޖޭގެ އެހެން ކޮލެޖްތަކުން ކޮންމެ އަހަރަކު ވެސް 300 އެއްހާ މީހުން ޓީޗިން ކޯސް ފުރިހަމަކުރެ އެވެ. އަދިވެސް 2،000 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖޭގައި ތިބުމަކީ ބައެއް މީހުން ސުވާލު އުފައްދާ ކަމެކެވެ. ކޮންމެ އަހަރަކު ގްރެޖުއޭޓްވާ ޓީޗަރުން ވީ ކޮން ތާކު ހެއްޔެވެ؟

މީގެ ޖަވާބުގައި އައިޝަތު ޝިހާމް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ގާތްގަނޑަކަށް 6،000 ބިދޭސީ ޓީޗަރުން މަސައްކަތް ކުރިކަން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ. އެހެންވެ މި އަހަރު 2،100 ޓީޗަރުން ސްކޫލުތަކުގައި ތިބުމުން ދޭހަވަނީ ބިދޭސީ ޓީޗަރުން މަދުވަމުން އައުން ކަމަށް ވިދާޅުވި އެވެ. އެއީ ކާމިޔާބީއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކެ އެވެ.

"ދާދި އިހަކާ ޖެހެންދެން ވެސް ޕްރައިމަރީގައި އެއްކޮށް ކަހަލަ ގޮތަކަށް ތިބީ ބިދޭސީ ޓީޗަރުން. އެކަމަކު ޓީޗަރުން ތަމްރީން ވެގެން ނުކުންނަ ވަރަކަށް އެ ޕޮޕިއުލޭޝަން މަދުވޭ. މިހާރު ޕްރައިމަރީ ލެވެލްގައި ގާތްގަނޑަކަށް ދިވެހިންނަށް އެބަ ބަދަލުކުރެވޭ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ދިވެހި ޓީޗަރަކު ކިޔަވައިދެނީ: ދިވެހި ޓީޗަރުންނަށް ބަދަލުކުރުން ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކޭ

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ކޮންމެ އަހަރަކު ވެސް އެމްއެންޔޫ އަދި އެހެން ކޮލެޖްތަކުން ގްރެޖުއޭޓް ވެގެން ނުކުންނަ ޓީޗަރުންގެ ތެރެއިން އެއް ބަޔަކީ ތައުލީމީ ނިޒާމުގެ ތެރޭގައި އަމަލީ ގޮތުން އުޅޭ މީހުންނެވެ. އެއީ ސްކޫލުތަކުގައި ކިޔަވައި ދެމުން، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ކިޔަވާ ޓީޗަރުންނެވެ.

"އެހެންވީމާ މިދަނީ ސިސްޓަމަށް އަލަށް ވަޑައިގަންނަވާ ބޭފުޅުންނާއި ސިސްޓަމްގައި އަޕްގްރޭޑް ވަމުން ދާ ބޭފުޅުން އެއްކޮށް ކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ސިސްޓަމަށް ބަލައިފި ނަމަ ގާތްގަނޑަކަށް 85 ޕަސެންޓް ދިވެހި ޓީޗަރުން ދާނީ ކިޔަވަމުން. އެހެން ގޮސް މާސްޓާސްއާ ހަމައަށް މަތިވަމުން މިދަނީ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު އެބަ ފާހަގަކުރެވޭ [ބިދޭސީ ޓީޗަރުން] މަދުވަމުން ދާކަން."

މިނިސްޓަރު ވިދާޅުވީ ބިދޭސީ ޓީޗަރުން ގެންނައިރު، މިހާރު އިންޓަވިއު ކުރުން ވެސް ތަފާތު ގޮތަކަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ލިޔުމުގެ ފެންވަރު ފަދަ ކަންކަން އިތުރަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ގެންނަ ބިދޭސީ ޓީޗަރުން ކިޔަވައިދިނުމުގެ ފެންވަރު ފުރަތަމަ ތިން މަސް ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ބަލައި، ކަމުނުދާ ނަމަ އަނބުރާ ފޮނުވާލާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އޮބްޒަވޭޝަން އަދި ސުޕަވިޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް އަމީނިއްޔާ ސްކޫލުގައި ފާހަގަކުރުމުގެ ގޮތުން ކުދިންތަކެއް ބިދޭސީ ޓީޗަރުންނަށް މާބޮނޑި ދެނީ: މި އަހަރު 2،100 ބިދޭސީ ޓީޗަރުން ސްކޫލުތަކުގައި ކިޔަވައިދޭނެ.

"މިދިޔަ އަހަރު ނިމުނުއިރު ވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ފެންވަރަށް ޕާފޯމް ނުކުރާ ބޭރު ޓީޗަރުން ދޫކުރަމުން މިދިޔައީ. ދިވެހި ޓީޗަރުންގެ އަދަދު ވެސް ވަރަށް މުހިންމު. އެއާއެކު ފެންވަރު ވަރަށް މުހިންމުވޭ. ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ ކުއްޖެއް ނަމަ، އެ ކުއްޖެއްގެ މުސްތަގުބަލް ވަރަށް ބޮޑަށް ބިނާވަނީ ޓީޗަރަށް. އެހެންވީމާ އެ ޓީޗަރުންގެ ފެންވަރަށް ވަރަށް ބޮޑަށް ބަލަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2019 ގައި ސްކޫލުތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ޑިގްރީ ނަގާފައިވާ ބަޔަކަށް ހެދުމެވެ.

އައިޝަތު ޝިހާމް ވިދާޅުވީ ބިދޭސީ ޓީޗަރުން ރެކްރޫޓް ކުރުމުގެ ކަންކަން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހަރުދަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އިންޓަވިއު ޕެނަލްގެ ތެރޭގައި މިނިސްޓްރީގެ އިދާރީ މުވައްޒަފަކު ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އިންޓަވިއު އަށް ދާ މީހާ ހުށަހަޅާ ފޯމުތަކާއި ސެޓްފިކެޓްތައް އިތުރަށް ބެލުމެވެ.

25 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 13%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޅަފި

08 January 2017

ތ. މަޑިފުށި ސްކޫލޮ ކިޔަވައިދޭނެ ޓީޗަރުން ހަމަނުވައި......

The name is already taken The name is available. Register?

ފިޝާން

08 January 2017

އާއަހަރު ފެށުނުދުވަހު ހުރިހައި ކުދިންވެސް އާޔުނިފޯމަކާއި އެކުގައި ސްކޫލަށްދިޔަ އެކަމަކު ޓީޗަރުންނެއް ނައާދޭ، ގޮންޖެހުންތަށް ދިމާވަނީ މައިންބަފައިންނާ، މިނިސްޓަރަށް އެނގިލައްވާތޯ މިއަދު ސްކޫލުގައި ޑިއުޓީގައިތިބި ޓީޗަރުންތަށް؟ އަދި ޓީޗަރުން ހަމަނުވުމުގެ ސަބަބުން ކުދިންގެ އެއްދުވަސް ގެއްލުނީ

The name is already taken The name is available. Register?

ލުކްވެލް

08 January 2017

އެޑިއުކޭޝަން މިނިސްޓަރު ގޮން ޖެހުމެއް ނެތޭ ވިދާޅުވިއަސް މަމެން އެކަން ގަބޫލު ނުކުރާނަމެވެ. އިސްކަން ދަރު ސްކޫލަށް ވައްދަން ބޭނުންވާ ވަރަށް އެސްކޫލް ގައި ޖާގަ ނެތި 2 އަހަރު ވާއިރު ވެސް އެކަމަށް ހައްލެއް ނުގެނެވި ބްލެކް މާރކެޓް ގައި ޑޮލަރު ވިއްކާ އުސޫލުން ކުއްޖާ ސްކޫލް ބަދަލު ކުރަން ބެލެނިވެރިން އުޅުން. އެއީ އެއްވަނަ ޗެލެންޖް. ދެވަނަ ޗެލެންޖް އަކީ 2100 ބިދޭސީ ޓީޗަރުން މިއަހަރު ގެނައުން މީ ވަރަށް ބޮޑު މައްސަލަ އެކެވެ. މީމަހަކު 2 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެގެން ދާ. މިސާލަކަށް މަހަކު މި 2 މިލިއަން ޑޮލަރު އައްޑު އަތޮޅު ހުޅުދޫ އަށް ވަންނަނަމަ އެއަތޮޅު ކުރިއަރައިގެން ދާނެ ޓޯކިޔޯ ސްޓޭންޑަރޑް އަށް ދޯ. ކަން މިހެން ހުރުމުން ރާއްޖޭގައި ތައްލީމަށް މޮޅެތި ސިކުނޑި ތިބި ރަށް ރަށް ބަލާ އެރަށް ތަކުން ކިޔަވާ ކުދިންނަށް ހިތްވަރު ދީ އަދި އިންޓެންޝަން ދީގެން ބަލަންވީ އެ ސްކޫލް ތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަކީ އެއީ ރާއްޖޭގެ ޓީޗަރުން ކަމުގައި ހަދަން. މިސާލަކަށް ރާއްޖޭގައި ތައްލީމަށް ވަރަށް މޮޅު ރާއްޖެތެރޭން އައްޑޫ ހުޅުދޫ އާއި އަދި ނައިފަރު. މި ދެރަށުގެ ސްކޫލް ނިމޭ ކުދިން ތައް އެއީ ޓީޗަރުން ކަމަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން ރޯޑް މެޕެއް އެކުލަވާލައިގެން އެފަދަ ރޯޑް މެޕް އަކާއި އެއްގޮތަށް ޓީޗަރުން ތަމްރީން ކުރަން އުޅެފިނަމަ މިދެންނެވުނު 2 ރަށް އޭގެ ޒާތުގައި ވަރަށް އަވަހަށް އިގްތިސާދީ ގޮތުން ދެމިގަންނާނެއެވެ. ސަބަބަކީ އެމެން މުޅި ރާއްޖެ އަށް ފެތުރިގެން ތިއްބަސް އެމެންގެ ނޭޓިވް އައިލެންޑް އަށް ކޮންމެ މަހަކު ފައިސާ ފޮނުވާނެތީވެ އެފައިސާ އިން އެެމެންގެ ރަށް ތަރައްގީ ވާނެ އޮޓޮމެޓިކް އިން. މިފަދަ ދިރާސާ ތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ދިގު ތާރީޚް ގައި ވެސް ނުކުރެވި އޮތުން އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ.

The name is already taken The name is available. Register?

ވާނުވާ

08 January 2017

ރިޕޯޓު ކިޔުއްވާފަ ކޮންމެ ރަށަކުން ވެސް ހާލަތު ބަޔާން ކޮށް ކޮމެންޓް ކުރައްވާ. ހިޔެއް ނުވޭ އެދިއުކޭސަން ކަމަނާ މިހަށް ދަވަނީ ތެދެއް ހެން.

The name is already taken The name is available. Register?

މީހާ

08 January 2017

އެހެން ނޫންތޯ ވާނީ އަދުގެ ރައީސް އެއްމެ އިސްކަން ދެއްވަނީ އަޅުގަނޑު މެންގެ ދަރިންގެ ތައުލީމަށް.

The name is already taken The name is available. Register?

އިންސާފު

08 January 2017

މިހާރު ތިޔަ ދޭ ކީ ސްޓޭޖް ތައް ތަޢާރަފް ކުރަމުން ގެންދިޔަޔަސް ތިޔައީ އުފާވެރި ކަމެއްނޫން. ތިޔަ ނިޒާމްގެ ނަތީޖާ ފެންނާނީ އަދި 4 އަހަރު ފަހުން. އޭރުން އެނގޭނީ ދެން އެއްޗެއް ބުނަން. މިހާރު އެއްޗެއް ބުނާނަމަ ބުނެވޭނީ، ތިޔަ ނިޒާމުން މުޅި ނިޒާމް ވަނީ ބޮއްސުންލާފައޭ. ދަރިވަރުން މިހާރު ވަރަށް ފަރުވާކުޑަ. އޭ ރިޕޯޓް ނުލިބޭތީ.

The name is already taken The name is available. Register?

ސސ

08 January 2017

ހިތާމަޔަކީ ބަޔެއްރައްތަކުން ގުރޭޑް 1، 2 އުވެމުން ދާކަން ކުދިން މަދުކަމުން އާބާދީ ކުޑަކަނުް ބަޔެއް ރައްތަކުގައި!

The name is already taken The name is available. Register?

އެއްކަލަ

08 January 2017

ލުކްސް ރިޕްރެޝިންގ. ތި އޮފީހުގެ އިންޓީރިއަރ ވާހަކަ. އާއްމުކޮށް ސަރުކާރު އޮފީސްތަކުން ނުފެންނަ ކަހަލަ އިންޓީރިއާއެއްވީމަ ބުނެލީ.

The name is already taken The name is available. Register?

ދިރާސާ

08 January 2017

ވޭތިވެ ދިޔަ 2 އަހަރުވެސް ބޮއްސުންލާފައިވަ ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޕްރިންސިޕަލަކުނެތް ކުރިންހުރިބޭފުޅާ އަބަދުވެސް ހުންނަވަނީ މާލޭގަ ނޫނީ ކޮންމެވެސް ވިޔަފާރިކަމެއްގައި

The name is already taken The name is available. Register?

ވިސްނަންވީ

08 January 2017

ރާއްޖޭގައި ބިދޭސީ ޓީޗަރުންގެ ގޮތުގައި 2100 ޓީޗަރުން ތިބުން އެއީ ވަރަށް ކަން ބޮޑު ވާ އަދަދެކެވެ. މިހާރު ރާއްޖޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އެކަނި ޓީޗަރުން ތަމްރީން ކޮށްގެން 2100 ޓީޗަރުން ދަށް ނުކުރެވޭނެ ކުރިއަށް އޮތް 10 އަހަރު ވެސް 1000 އަށް ވެސް. ކަން މިހެން ހުރުމުން 5000 އިން ދަށް އާބާދީ ތައް ފުރަތަމަ ވެސް ހުޅުމާލެ އަށް ބަދަލު ކުރާ ޕްލޭން ސަރުކާރުން އެކަށައަޅާ ހުޅުމާލޭގައި އަހަރަކު 25 ހާސް ހައުސިންގް ޔުނިޓްސް އަދި 10 ސްކޫލް 25 ހާސް ހައުސިނގް ޔުނިޓްސް އަށް އަމާޒު ކޮށްގެން ހުޅުމާލޭގައި ކޮންމެ އަހަރަކު އަޅާ އަވަހަށް ރާއްޖޭގެ އާބާދީ އެއް ފަސް ކުރަންވީ އެވެ. އަހަރަކު 2000 ޓީޗަރުން ތަމްރީން ކުރަންވީ އެވެ. ވަޒީފާ ދޫކޮށް އަހަރަކު އެބަދޭ ގާތް ގަނޑަކަށް 200 ދިވެހި ޓީޗަރުން ވެސް. ކަން މިހެން ހުރުމުން މިޑިމާންޑް އެބަޖެހޭ 2018 ގެ ކުރިން ފުރިހަމަ ކުރަން މަމެންގެ ސަރުކާރުން މިކަން ފުރިހަމަ ކުރަން އެބަޖެހެއެވެ. އެނޫނީ ކަމަކު ނުދާނެ އަދި މަމެންނަށް ވަރަށް ބޮޑު އުނދަގޫ ތަކާއި 2018 ގެ ކެމްޕެއިން ގައި ކުރިމަތި ވާނެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454