ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މުޅި ރާއްޖޭގައި މި އަހަރު 81،000 ދަރިވަރުން ތައުލީމް ހާސިލް ކުރާނެ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުމަށް ސްކޫލްތަކުގެ މެނޭޖްމަންޓުން ވަނީ ތައްޔާރީތައް ވެފައި ކަމަށާއި ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފުތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަންް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތައް ފެށުމަށް ވާންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ދިރާސީ އާ އަހަރަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށެވެ.
ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި މި އަހަރު 6،000 އެއްހާ ޓީޗަރުން މަސައްކަތް ކުރާނެ އެވެ.
ދިރާސީ އާ އަހަރާ ރާއްޖެ މި ކުރިމަތިލީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމުގެ ފޮނި އުންމީދާއެކު އެވެ. ހުރިހާ ސްކޫލެއް ޑިޓިޓަލްކޮށް، ޓެބްލެޓް ބޭނުންކޮށްގެން ކުދިން މި އަހަރު ކިޔަވަން ފަށާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުުނިގޮތުގައި މި އަހަރުގެ މޭ ހަތެއްގެ ފަހުން ދަރިވަރުން ކިޔަވާނީ ޓެބްލެޓުގަ އެވެ.
މީގެ އިތުރުން އެއްވެސް ދަރިވަރަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ޓީޗަރުން ތަމްރީނު ކުރުން ހިމެނެ އެވެ. އަދި ޕްރީ ސްކޫލުގެ ޓީޗަރުން ވެސް މި އަހަރު ދާއިމީ ކުރަން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.