ތެލެސީމިއާާގެ ކަންކަން ހަރުދަނާ ކުރަން ސައިޕްރަސްއާއެކު މަޝްވަރާ ކުރަނީ

ރާއްޖޭގައި ތެލެސީމިއާ ބަލީގެ ފަރުވާ އާއި އެ ބަލި ކޮންޓްރޯލް ކުރުމުގެ ކަންކަން ހަރުދަނާ ކުރަން، ތެލެސީމިއާއާ ގުޅޭ ޚިދުމަތް ދިނުމުގައި ދުނިޔޭގައި އެންމެ ކާމިޔާބު ހޯދާފައިވާ ގައުމު، ސައިޕްރަސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ފަސް ބޭފުޅުން ހިމެނޭ ކޮމެޓީއަކުން މިދިޔަ މަހުގެ ފަހުކޮޅު ސައިޕްރަސްއަށް ގޮސް ތަމްރީނުތަކެއް ހަދާފައިވާ ކަމަށެވެ.

ރާއްޖޭގެ ތެލެސީމިއާގެ ހާލަތު ބަލަން ސައިޕްރަސްގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނަން ހަމަޖައްސާފައިވާ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"ދުނިޔޭގައި އެކަން އެންމެ ރަނގަޅަށް ކުރަނީ ކޮން ގައުމުތަކެއްގައިތޯ ބަލައި، މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ދިއުމަށްޓަކައި ސަރުކާރުން މި ދަނީ ގިނަ މަސައްކަތެއް ކުރަން. އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ، ދުނިޔޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމަކީ ސައިޕްރަސްކަން. އެ ގައުމާއެކު ކަނޑައެޅިފައިވާ އެމްއޯޔޫއެއްގެ ދަށުން، މިކަން ހަރުދަނާ ކުރުމަށްޓަކައި އިތުރަށް ދިރާސާކޮށް މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގެ އަތޮޅުތަކުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފިލްޓަރާއި ބޭސް ލިބެނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ބައްޔަށް ސްކްރީން ކުރެވޭނެ އިންތިޒާމް 13 އަތޮޅެއްގައި ހަމަަޖައްސާފައިވާ ކަމަށާއި، ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވެސް ހިދުމަތް ފުޅާ ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެމުން އަންނަނީ އައިޖީއެމްއެޗްގެ އެމްއާރުއައި މެޝިނަށް ސޮފްޓްވެއާއެއް އިތުރުކޮށް، ތެލެސީމިއާ ކުދިންގެ އިތުރު ޓެސްޓުތައް ހެދޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ. އެ މަސައްކަތަށް ވެސް ސައިޕްރަސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ބަލިތަކުގައި އެންމެ މުހިއްމު ކަމަކީ މުޅި މުޖުތަމައު މިކަަމަށް ހޭލުންތެރިކުރުވުން. ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ އަދާކުރަމުން ގެންދިއުން. ވުމާއެކު ތެލެސީމިއާއަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތާއި ތެލެސީމިއާ އަށް މީހުން ސްކްރީން ކުރުމުގެ މަސައްކަތް ބްލަޑް ސާވިސްއިން ދަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

މި ބަލި ޖެހިގެން މިހާތަނަށް 861 ކުއްޖަކު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. އަދި މިދިޔަ އަހަރު އަލަށް 12 ކުއްޖަކު ރަޖިސްޓަރީކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބީއެސްގައި ރަޖިސްޓަރީވެފައިވާ ކުދިންނަށް އެކަނި ވެސް ހަފުތާއެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޕައިންޓް ލޭ ބޭނުންވާ ކަމަށެވެ. އެހެންވެ ހުރިހާ އެންމެން ވެސް ޒިންމާ އަދާކޮށް ލޭ ހަދިޔާކުރަން މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.