ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއާލައިން ފްލައިޑުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޑުބާއީގެ ދަތުރުތައް އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ރާއްޖެއަށް ދަތުރުކުރަން އެ އެއާލައިނުން ބުކިން ހަދާފައިވާ ފަރާތްތަކުން ބޭނުން ނަމަ އެމިރޭޓްސްއިން ދަތުރުކުރެވޭ ގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނޫން ނަމަ އެހެން މަންޒިލަކަށް އަދި ޓިކެޓަށް ކުރި ހަރަދު އަނބުރާ ދެވިދާނެ ކަމަށް ވެސް ފްލައިޑުބާއީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ ކީއްވެގެން ކަމެއް ނުބުނެ އެވެ. ނަމަވެސް ފްލައިޑުބާއީގެ ދަތުރުތައް ހުއްޓާލަނީ އެ އެއާލައިނާއި އެމިރޭޓްސްއިން ކޯޑްޝެއާ ކުރާ ގޮތަށް ހަމަޖެއްސުމުން ކަމަށްވެ އެވެ. އެ އެއާލައިންގެ ދަތުރުތައް ހުއްޓާލާއިރު އެމިރޭޓްސް އިން މިއަހަރުގެ ސީޒަނާ ދިމާކޮށް ދުބާއީ އާއި ރާއްޖެއާ ދެމެދު ދުވާލަކު ފަސް ދަތުރުކުރެ އެވެ.
ފުލައި ޑުބާއީން ރާއްޖެއަށް ޖެނުއަރީ 19، 2013 ގައި ދަތުރުތައް ފެށިއިރު ހަފުތާއަކު ފަސް ފްލައިޓް ބޭއްވި ނަމަވެސް މިހާރު އޮންނަނީ ހަފުތާއަކު ހަތަރު ފްލައިޓެވެ.