ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަލުން ހައްޔަރު ކުރަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުމަރު ކުރެއްވި ޓްވީޓެއްގައިވަނީ އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެންމެން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އެކަމަކު ކުރީގެ ރައީސް ނަޝީދާއި އަދީބު އަލުން ހައްޔަރު ކުރަންޖެހޭނެ ކަމަށާއި ސަބަބަކީ އެ ބޭފުޅުން މަގާމުގައި ތިއްބަވައިގެން ކޮށްފައިވާ ކުށްތަކާ ގުޅިގެން ކަމަށް އެ ޓްވީޓްގައިވެ އެވެ.
އެގޮތުން ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި ފަނޑިޔާރަކު ވަގަށް ނެގުމާއި ސުޕްރީމް ކޯޓު ތަޅު އެޅުވި މައްސަލަ އެ ޓްވީޓްގައި އުމަރު ފާހަގަ ކޮށްފައިވެ އެވެ.
"މިއީ ރޯމާ ދުވާލު ކޮށްފައިވާ ކުށްތަކެއް،" މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރުގެ އެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިހާތަނަށް އެއްވެސް ބޭފުޅަކު މިނިވަންކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ އެ އަމުރު ތަންފީޒު ކުރާނީ ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެ އަމުރަށް އަމަލު ކުރަން ބޭރުގެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.