ދެ މަސް ވީއިރު ވެސް މިޝްޔާއަށް ވާހަކައެއް ނުދެއްކޭ، ނުހިނގޭ

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ހާލު ސީރިއަސްވި އައިޝަތު މިޝްޔާއަށް އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކި ނުހިނގޭ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.


ހަ އަހަރުގެ މިޝްޔާ މިދިޔަ ޑިސެމްބަރު މަހު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވަންދެން އެތަނުގައި ފަރުވާ ދިނެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނައުމުން ސްރީ ލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.

މިޝްޔާގެ ބައްޕަ، ފުއާދު އަހުމަދު ބުނީ ދަރިފުޅަށް ވާހަކަ ނުދެއްކޭތީ މިހާރު ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ކަމަށެވެ. އެކަމަކު އެތަނުގައި ސްޕީޗް ތެރަޕީ ދޭން ފެށި ނަމަވެސް މިޝްޔާއަށް ވާހަކަ ދެއްކެން އެތައް ދުވަހެއް ނަގާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.

އޭނާ ބުނީ ވަރަށް ފަރުވާތެރިވެގެން ނޫނީ އެއްކޮށް ރަނގަޅު ނުވާނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"ޑޮކްޓަރުން ބުނި ގޮތުން މިޝްޔާ ނޯމަލް ކުއްޖަކަށް ވާން އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ދޭން ޖެހޭނެ. އަދިވެސް ވާހަކައެއް ނުދެއްކޭ، ނުހިނގޭ. މިހާރު އެންމެ ބޮޑު މައްސަލައެއް ހުރީ ކަކުލު ހުޅާއި މައިބަދަ އާއި ލޮލާއި ވޯކަލްކޯޑުގައި،" ދަރިފުޅުގެ ފަރުވާއަށް އިންޑިއާގައި ހުރި ފުއާދު ބުންޏެވެ.

"މައްސަލަ އިތުރަށް ދެނެގަތުމަށް ކަރުން މަތީގެ އިތުރު ޓެސްޓުތަކެއް ވެސް އެބަ ހަދަން ޖެހޭ."

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ މިޝްޔާގެ ބަލި ރަނގަޅަށް ދެނެނުގަނެވި އެންޓިބަޔޮޓިކްސް ދިނުމުން އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށާއި އެގޮތުން ފުރަތަމަ ދިހަ ދުވަހު، ފުރާނައަށް ނުރައްކާވާ ވަރަަށް ހާލު ހޯސްވި ކަމަށެވެ. މިއީ އައިޖީއެމްއެޗުގެ ޑޮކްޓަރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުއާދު ބުންޏެވެ.

މިޝްޔާ ހޮސްޕިޓަލުގައި: އޭނާއަށް މިހާރު އަންނަނީ ސްޕީޗް ތެރަޕީ ދެމުން

އޭނާ ބުނީ ދަރިފުޅަށް އެހެން ދިމާވީ ޑޮކްޓަރުންގެ އިހުމާލުންކަމަށް ގަބޫލުކުރާތީ މާލެ އާދެވުނުހާ އަވަހަކަށް، އެ ޑޮކްޓަރުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

އައިޖީއެމްއެޗުން ވެސް މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު މިހާތަނަށް ޑޮކްޓަރާ މެދު ފިޔަވަޅު އެޅިކަމެއް އެނގިފައެއް ނެތެވެ.

އައިޖީއެމްއެޗުން ބުނީ އެއީ އެތަނުގެ އިންޓާނަލް މައްސަލައަކަށް ވުމުން އޭގެ މައުލޫމާތު މީޑިއާއަށް ދެވެން ނެތް ކަމަށެވެ.