މަޖިލީހުގެ ޖަލްސާ މިއަދު 4 ޖަހާއިރު، ޕީޕީއެމުން ތްރީ ލައިން ވިޕެއް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހުމާ ބެހޭ ޖަލްސާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާ ޖަލްސާގައި މަދުވެގެން 43 މެމްބަރުން ތިބެން ޖެހޭ ކަމަށް އިދިކޮޅުން ބުނަމުން ދިޔަ ނަމަވެސް، ޕީޕީއެމުން ނިންމާފައި ވަނީ އެ ވަރަށް ވޯޓު ނުލިބުނަސް، ގަރާރު ފާސްކުރާށެވެ. ޕީޕީއެމް/ އެމްޑީއޭ އިން މިއަދުގެ ޖަލްސާ އަށް މިހާރު ވަނީ ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ.

ޕީޕީއެމް ޕީޖީ ގުރޫޕުގެ ބޭފުޅަކު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ އަދަދު ސަރުކާރަށް ހަމަނުކުރެވުނަސް، ޕީޖީ ގުރޫޕުން ނިންމާފައި ވަނީ ޖަލްސާ ބާއްވައި ވޯޓަށް އަހަން ކަމަށެވެ. އަދި ވިދާޅުވީ މިއަދު 4 ޖަހާއިރު ބާއްވާ ޖަލްސާ އަށް މަޖިލީހުގެ އިދާރާ އިން ވެސް އަންގާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވީ އިއްޔެ އެވެ. އެމަނިކުފާނު ފެބްރުއަރީ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަސް ހަމަވާނީ މިއަދު އެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތު ދެން ކުރިއަށް ގެންދެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް، މަޖިލީހުން ފާސްކޮށްގެންނެވެ.